ads
ސަމަރު ބްލޫ އިބްރާހީމް މަނިކު ރޭޑިއޯ ޕްރޮގްރާމެއްގައި
ވަކިވެ އެދިޔައީ ދިވެހި ބްރޯޑްކާސްޓިންގެ ބައްޕައެވެ
މިއަދުގެ އިރު އަރައިގެން އައިތާ މާ ގިނަ އިރުތަކެއް ނުވެ އިވިގެން ދިޔަ ހަބަރަކީ، ކުރީގެ އިންފޮމޭޝަން މިނިސްޓަރު އަދި ދިވެހި ތާރީޚުގައި ބްރޯޑްކާސްޓިންގެ ދާއިރާއިން ދުށް އެންމެ ޚިދުމަތްތެރި އެއް ބޭފުޅާކަމުގައިވާ ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވީ ހިތާމަވެރި ހަބަރެވެ.

ރާއްޖޭގެ ބްރޯޑްކާސްޓިން ހިދުމަތް، ވަކިން ހާއްސަކޮށް "ދިވެހިރާއްޖޭގެ އަޑު" ތަރައްގީ ކުރެއްވުމުގައި އަގުހުރި ހިދުމަތްތަކެއް ކުރެއްވި ސަމަރުބުލޫ އިބްރާހީމް މަނިކު އަވަހާރަވީ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިންޑިޔާގައެވެ. އިބްރާހީމް މަނިކު އެންމެ ފަހުން އާއްމުކޮށް ބައްދަލުވުމަކުން ފެނުނީ، ބްރޯޑްކާސްޓިން ކޮމިޝަނުން ސެޕްޓެމްބަރު މަހު ބޭއްވި ބްރޯޑްކާސްޓިން އެވޯޑް ހަފުލާގަ އެވެ. އެ ރޭ އިބްރާހީމް މަނިކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ލައިފްޓައިމް އެެޗީވްމަންޓް އެވޯޑް ދެއްވާފައެވެ. 

އިބްރާހީމް މަނިކު ވަކިވެގެން ދިޔުމަކީ ދިވެހި ބްރޯޑްކާސްޓިންއަށް އަދި އެ މަނިކުފާނާ އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށް ލިބިގެންދާނެ ފުން ހިތާމައެކެވެ. ދިވެހިރާއްޖޭގެ އަޑުގައި އިބްރާހީމް މަނިކުގެ ދަށުން މަސައްކަތް ކުރެއްވި ނަސްރުﷲ އިދުރީސް އެކަން ސޯޝަލް މީޑިއާގައި ފާހަގަ ކުރެއްވިއެވެ. 

އިބްރާހީމް މަނިކު (ސަމަރޭ) އަކީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ހަޔާތުގައި އެންމެ އަގުހުރި، އެންމެ ގިނަ ޚިދުމަތް ކުރައްވާފައިވާ، ރާއްޖޭގެ ބްރޯޑްކާސްޓިންގގެ ބައްޕައެވެ. އިބްރާހިމް މަނިކުގެ މާލިމީ ކަމުގައި އަޅުގަނޑުގެ ކެރިއަރު ފަށަން ލިބުމަކީ އުފަލެކެވެ. އިބްރާހިމް މަނިކުގެ އަރިހުން ރަނގަޅު ގިނަ ކަންތައްތަކެއް އަޅުގަނޑަށް ދަސްވިކަން ޝުކުރުވެރިކަމާއެކު ފާހަގަ ކޮށްލަމެވެ.

އިބްރާހީމް މަނިކުގެ އެންމެބޮޑު ގަައުމީ ޚިދުމަތްތަކުގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަ ކުރެވޭނެ އެއް ދާއިރާއަކީ  ދިވެހި ރާއްޖޭގެއަޑުގެ  ޚިދުމަތްތަަކެވެ. މުޅި ރާއްޖޭގެ  އެންމެހައި ކަންކޮޅުތަކަށް ވަގުތުން ވަގުތަށް ޚިދުމަތް ލިބެންފެށި ހަމައެކަނި މީޑިއާއަކީ އަދި މުއާސަލާތުގެ ވަސީލަތަކީ ދިވެހިރާއްޖޭގެ އަޑު ކަމުގައި ހެއްދެވުމުގެ އިސް މޭސްތިރިއަކީ އިބްރާހީމް މަނިކެވެ. މިއީ ދިވެހިރާއްޖޭގެ އަޑަށް ލިބިފައިވާ އެންމެ ބޮޑު ތާރީޚީ ޝަރަފާއި ފަޚުރު ކަމަށް އަޑުގައި ކުރިން މަސައްކަތް ކުރެއްވި ތާރީޚު ލިޔުންތެރިޔާ މުހައްމަދު ޝާތިރު ވިދާޅުވިއެވެ. 

ރާއްޖޭގެ އާންމު ހޭލުންތެރިކަމާއި ރައްޔިތުންގެ ފައިދާއާ ކުރިއެރުމަށް އެންމެގިނަގުނަ ޚިދުމަތްތަކެއް ގައުމީ ގޮތުން، އަދާކޮށްފައިވާ މީޑިއަކީ ދިވެހިރާއްޖޭގެއަޑު. ރާއްޖެއާ ދުނިޔޭގެ ޚަބަރާ މައުލޫމާތާއި، ދީނީ، ގައުމީ، ތައުލީމީ، ސިއްހީ، އިޖުތިމާއީ، ބަހަވީ، އަދަބީ، ސަގާފީ، އަދި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ރޮނގުތަކުން ދިވެހިރާއްޖޭގެއަޑުން ކޮށްފައިވާ ގައުމީ ޚިދުމަތްތަކާއި އަދާކޮށްފައިވާ ގައުމީ ދައުރަކީ ދިވެހި ތާރީޚުގައި ލާމަސީލު ނަމޫނާއެއް. ގައުމީ މުނާސަބަތުތަކާއި އިހުތިފާލުތައް ފާހަގަކުރުމުގައާއި އެ ކަންކަން ރައްޔިތުންނަށް ވަގުތުން ގެނެސްދިނުމުގައި އެންމެބޮޑު ދައުރެއް އަދާކޮށްފައިވާ މީޑިއާއަކީވެސް ދިވެހި ރާއްޖޭގެއަޑު

އިބްރާހީމް މަނިކު ބްރޯޑްކާސްޓިންގެ ހިދުމަތާ ގުޅިވަޑައިގަތީ، އިބްރާހީމް ނާސިރުގެ ރައީސްކަމުގައި 1974 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ކުރެއްވި މަސައްކަތަކީ "ރޭޑިއޯ މޯލްޑިވްސް" ގެ އިނގިރޭސި ސެކްރެޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމެވެ. ޕްރޮގްރާމް އުފެއްދެވުމަށް ޝައުގުވެރިކަން ހުންނާތީ އެ ދާއިރާ އިން ފަހުން ކުރިއަށް ވަޑައިގަތީ އެވެ. ފުރަތަމަ އުފެއްދެވީ "ލަންކާގެ ޖައްވުން" ނަމަކަށް ކިޔާ ސިންގަޅަ ލަވަ ޕްރޮގްރާމެކެވެ.

އިންފޮމޭޝަން މިނިސްޓަރުކަން އިބްރާހީމް މަނިކަށް ދެއްވީ ރައީސް މައުމޫނުގެ ވެރިކަމުގައެވެ. އިންފޮމޭޝަން މިނިސްޓަރުކަން ލިބިވަޑައިގަތުމުން އިބްރާހީމް މަނިކު ވަނީ ރޭޑިއޯ އާއި ޓީވީގެ ހިދުމަތަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި އެ ދާއިރާ ތަރައްގީ ކުރައްވައިފަ އެވެ. ރާއްޖޭގެ ރަށްރަށަށް ޓީވީގެ ހިދުމަތް ދޭން ފެށީ އޭނާގެ ދައުރުގަ އެވެ. 

އިބްރާހީމް މަނިކަކީ ބްރޯޑްކާސްޓިންގެ އިތުރުން ފުޓްބޯޅައިގެވެސް ބޭފުޅެކެވެ. އިބްރާހިމް މަނިކުވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޗެއާމަންކަން ވެސް ކުރައްވައިފަ އެވެ. އޭނާގެ ޗެއާމަންކަމުގެ ދަށުން ރާއްޖޭގެ ފުޓްބޯޅަ، ދެކުނު އޭޝިއާ ދޫކޮށް ދެކުނު އިރުމަތީ އޭޝިއާ އަށް ގެންދިއުމަށް މަސައްކަތްކުރެއްވި އެވެ. 

އިބްރާހީމް މަނިކު އެފްއޭއެމް ހިންގެވިއިރު، ދިވެހި ފުޓްބޯޅަ އަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 2000 ވަނަ އަހަރު ގޯލްޑެން ޖުބިލީ ފުޓްބޯޅަ މުބާރާތް ބޭއްވިއެވެ. އެއީ މިހާތަނަށްވެސް ރާއްޖޭގައި ބޭއްވުނު އެންމެ ފޯރިގަދަ އެއް ބައިނަލް އަގްވާމީ މުބާރާތެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް