ތައުބީނުގެ ޖަލްސާ އިންތިޒާމު ކުރައްވާނީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުންނެވެ. ތައުޒިޔާގެ ދަފްތަރު ހުޅުއްވާނީ، ދިވެހިރާއްޖޭގެ އަޑުގައެވެ. އެއީ، ދިވެހިރާއްޖޭގެ އަޑަކީ، އަލްމަރްހޫމް އިބްރާހީމް މަނިކު އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި މުއައްސަސާ ކަމަށްވާތީއެވެ.
ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްގީއަށާއި ކުރިއެރުމަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކުރެއްވި ސަމަރުބްލޫ އިބްރާހީމް މަނިކު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
އިބްރާހީމް މަނިކަކީ، ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި، ހާއްސަކޮށް، ދިވެހިރާއްޖޭގެ އަޑުގައި އަމަލީގޮތުން ވަރަށްގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އަދި އާންމުން ޝައުގުވެރިވި އެތައް ޕްރޮގްރާމްތަކެއް ހުށަހަޅުއްވައި، މި ދާއިރާއަށް ވަރަށް މުހިންމު ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އިބްރާހީމް މަނިކު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދު ހެނދުނު އިންޑިއާގެ ބެންގަލޯރުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ، 72 އަހަރެވެ.
އިބްރާހީމް މަނިކު، އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވަނީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައެވެ. އެ ދާއިރާގެ ވަރަށް އިސް މަގާމުތަކެއް އެ މަނިކުފާނު ވަނީ ފުރުއްވާފައެވެ. އެގޮތުން، ރޭޑިއޯ މޯލްޑިވްސްގެ އިނގިރޭސި ސެކްރެޓެރީ ކަމާއި، ޕްރޮގްރާމް ރާވާ ކަމާއި، ޕްރޮގްރާމް ޕްރޮޑިއުސަރުކަން ކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމް ޕްރޮޑިއުސަރު ކަމާއި، އެސިސްޓެންޓް ޑިރެކްޓަރު ކަމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމާއި، ޑިރެކްޓަރު ކަމާއި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ޑިރެކްޓަ ޖެނެރަލް އޮފް ބްރޯޑްކާސްޓިން ކަމުގެ މަގާމު ފުރުއްވާފައިވެއެވެ.
އެ މަނިކުފާނު މިނިސްޓަ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރގެ މަގާމަށް އައްޔަން ކުރެއްވީ 11 ނޮވެންބަރު 1993 ގައެވެ. އަދި 13 ސެޕްޓެންބަރު 2004ގެ ނިޔަލަށް މި ދާއިރާގެ ވަޒީރު ކަމުގައި އެ މަނިކުފާނު ހުންނެވިއެވެ. އެހެންކަމުން، ރާއްޖޭގެ ބްރޯޑްކާސްޓިންގގެ ދާއިރާގައި އެ މަނިކުފާނު ހޭދަކުރެއްވި 27 އަހަރަށްވުރެ ދިގު މުއްދަތުގައި، އެ ދާއިރާގެ ތަރައްގީއަށް ކޮށްދެއްވި ހިދުމަތްތަކަކީ، ހާއްސަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ހިދުމަތްތަކެކެވެ.
ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާއަށް މިހާތަނަށް އައި ކުރިއެރުމުގައި، އިބްރާހީމް މަނިކުގެ ހިއްސާ ވަރަށްބޮޑެވެ. ދިވެހިރާއްޖޭގެ އަޑުން ފޮނުވި ތަފާތު ޕްރޮގްރާމްތައް އުފެއްދެވުމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ އިބްރާހީމް މަނިކެވެ. އަދި އެތައް ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، އާންމުންގެ ލޯބި އެ މަނިކުފާނު ވަނީ ހޯއްދަވާފައެވެ. ދިވެހިރާއްޖޭގެ އަޑުގެ އެންމެ ކާމިޔާބު އެއް ޕްރޮގްރާމް ކަމުގައިވާ "ބާއްޖަވެރި ހެނދުނެއް" މި ޕްރޮގްރާމްގެ އެންމެ އިސް މޭސްތިރިޔަކީވެސް އިބްރާހީމް މަނިކެވެ.
ރޭޑިއޯއަކީ ހުރިހާ ރޮނގެއްގެ ފަންނާނުންގެ ބައިވެރިވުން އެކުލެވޭ ހިދުމަތަކަށް ހެއްދެވުމަށް މިޔުޒިކީ ބޭފުޅުންނަށް ފުރުސަތު ދެއްވައި، އެ ބޭފުޅުންގެ މަސައްކަތުގެ އަގު ވަޒަންކުރެއްވުމަށް ލަވައާއި މިޔުޒިކުގެ މަސައްކަތަށް އަގު ދެއްވައިގެން، އެކަން ކުރައްވަން ފެށްޓެވީވެސް އިބްރާހީމް މަނިކުގެ އިސްނެންގެވުމުގެ މަތިންނެވެ. އިންފޮމޭޝަން މިނިސްޓަރު ކަމުގެ މަގާމުގެ ވާޖިބުތައް އަދާކުރައްވަމުން ގެންދެވިއިރުވެސް ރޭޑިއޯ ޕްރޮގްރާމްތަކަށާއި، ޓީ.ވީ ޕްރޮގްރާމްތަކަށް އެ މަނިކުފާނު ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވިއެވެ. އަދި ދިވެހިރާއްޖޭގެ އަޑުން ފޮނުވަމުން ގެންދާ "ރޯދަ ކުރުކުރުން" މި ޕްރޮގްރާމް އޭރު ކޮންމެ ދުވަހަކު ހުށަހަޅުއްވަމުން ގެންދެވީވެސް އިބްރާހީމް މަނިކެވެ. އަދި ޓީ.ވީ މޯލްޑިވްސް އިން ކޮންމެ ރޯދަމަހަކު އޭރު ފޮނުއްވަމުން ގެންދެވި "ތިޔަބޭފުޅުންގެ ފުރުސަތު" މި ޕްރޮގްރާމްގެ މޭސްތިރިއަކީވެސް އިބްރާހީމް މަނިކެވެ. މީގެއިތުރަށް، ސްކޫލްތަކުގެ ކުދިންގެ މެދުގައި ލަވަކިޔުމުގެ ހުނަރު ތަރައްގީ ކުރައްވައި، އެ ފަންނު ދިރުވުމުގެ މަގްސަދުގައި ފެށްޓެވި ޓީ.ވީ.އެމް. ސްކޫލް ކުދިންގެ ލަވަ މުބާރާތަކީވެސް ސީދާ އިބްރާހީމް މަނިކުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ ކާމިޔާބު މުބާރާތެކެވެ.
ޓީ.ވީ ބްރޯޑްކާސްޓިންގއަށް ޒަމާނީ ބަދަލުތަކެއް ގެންނަވައި، މުވައްޒަފުން ތަމްރީނު ކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވައި، "ދިވެހި ފަންނާނުންގެ މިޔުޒިކީ އީދު" އާއި، "ބައިބަލާ" މުބާރާތްފަދަ ބޮޑެތި އިވެންޓްތައް ބްރޯޑްކާސްޓިންގއާ ގުޅުއްވައި ވުޖޫދަށް ގެންނެވި ބޭފުޅަކީވެސް އިބްރާހީމް މަނިކެވެ.
އަލްމަރްހޫމް އިބްރާހީމް މަނިކަކީ، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ބްރޯޑްކާސްޓިންގ ދާއިރާގެ އިތުރުން، އެ މަނިކުފާނަކީ މިނިސްޓަ އޮފް ޔޫތު، ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސް ކަމުގެ މަގާމުވެސް ފުރުއްވި ބޭފުޅެކެވެ. އޭގެފަހުން، ކޮމިއުނިޓީ އޯގަނައިޒޭޝަންސް ޑިވެލޮޕްމަންޓްގެ ޗެއަރމަން ކަމުގެ މަގާމުވެސް ފުރުއްވިއެވެ.
6 އޮގަސްޓު 2008 ގައި ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ ދިވެހި ދައުލަތުގެ މިނިސްޓަރު ކަމުގެ މަގާމުގައެވެ.
އަލްމަރްހޫމް އިބްރާހީމް މަނިކު، ސަރުކާރަށް ހިދުމަތް ކުރައްވަން ފެށްޓެވީ، 19 ޖަނަވަރީ 1971 ގައެވެ. ފުރަތަމަ އަދާކުރެއްވީ މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ސެކްރެޓެރީ ކަމެވެ. އޭގެފަހުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިނގިރޭސި ސެކްރެޓެރީ ކަމާއި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ އިނގިރޭސި ސެކްރެޓެރީކަން ކުރެއްވިއެވެ.
އަލްމަރްހޫމް އިބްރާހީމް މަނިކަކީ، މިޔުޒިކާއި ލަވަ ކިޔުން ކުރިއެރުވުމުގެ ރޮނގުން 1996 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ލަވަ ކިޔުމުގެ ފުރުޞަތު ލިބިފައިނުވާ އެތައް ފަންނާނުންނަކަށް އެ ފުރުސަތު އެ މަނިކުފާނު ހޯއްދަވައިދެއްވާފައި ވެއެވެ. އެ މަނިކުފާނަށް ވަނީ މިނިވަން 25ގެ ޢާންމު ހިދުމަތުގެ އިނާމުވެސް ލިބިވަޑައިގެންފައެވެ. މީގެއިތުރުން، ކުޑަކުދިންނަށް ހާއްސަ ފޮތް، ސަރުކާރުން ގަބޫލުކުރައްވާ ފެންވަރަކަށް ދިވެހިބަހުން އެކުލަވައިލެއްވި ބޭފުޅުންނަށް ސަރުކާރުން ދެއްވި ހާއްސަ އިނާމު، 1999 ވަނަ އަހަރާއި، 2000 ވަނަ އަހަރާއި، 2001 ވަނަ އަހަރު އިބްރާހީމް މަނިކަށް ވަނީ ލިބިވަޑައިގެންފައެވެ.
ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން އިންޑަސްޓްރީއަށް ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކުރައްވައި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދެއްވި "ބްރޯޑްކާސްޓް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" މި އަހަރު އެ މަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.