
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި މަރުވި އުމުރުން 22 އަހަރުގެ ކުރުދީ-އީރާނު އަންހެނެއް ކަމަށްވާ މަހްސާ އަމީނީގެ މަރާއި ގުޅިގެން އިރާނުގައި ވަނީ ވަރުގަދަ މުޒާހަރާތަކެއް ކޮށްފަ އެވެ.
މަހްސާ އަމީނީ މަރުވީ، ނިވާކަން ކުޑަކޮށް ބުރުގާ އަޅައިގެން އާންމުތަނެއްްގައި އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ނެވެ. އޭނާ މަރުވީ ފުލުހުން އަނިޔާ ކުރުމުގެ ސަބަބުން ކަމަށް ބުނެ މުޒާހަރާތައް ކޮށް، އެ މުޒާހަރާތަކުގައި އަންހެނުން ބުރުގާ ބާލައި، އެ ބުރުގާތައް އަންދައި، އިސްތަަށިގަނޑު ބުރިކޮށް ހެދި ނަމަވެސް، ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ގޮތުން އޭނާ މަރުވީ ފުލުހުންގެ ކަސްޓަޑީގައި ހުއްޓާ ހާޓު އެޓޭކެއް ޖެހިގެން ނެވެ. އޭނާ މަރުވީ ހާޓު އެޓޭކެއްގައި ކަމަށް ޑޮކްޓަރުން ވެސް ބުނެފައި ވެެއެވެ.
މުޒާހަރާތަކުގައި އެތައް ބަޔަކު މިހާރުވެސް މަރުވެފައިވާއިރު، އެގައުމުގެ ނޫސްތަކުން ރިޕޯޓުކުރާގޮތުން، ބުރުގާ އެޅުން މަޖުބޫރުވާ ގޮތަށް އޮތް ގާނޫނުން ލުޔެއް ދެވެން އޮތްތޯ އެގައުމުގެ މަޖިލީހާއި، ބަންޑާރަނައިބު އޮފީހުން މިހާރު ދަނީ ބަލަމުން ނެވެ.
ގާނޫނު މުރާޖާކުރާ ޓީމް ބުދަ ދުވަހު މަޖިލީހުގެ ސަގާފީ ކޮމިޝަނާއި ބައްދަލުކޮށް ހަފްތާއެއް ނުވަތަ ދެހަފްތާއެއް ތެރޭ އެކަމުގައި ގޮތެއް ނިންމާނެ ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވި އެވެ.
އީރާނުގެ ރައީސް އިބްރާހިމް ރައިސީ ހޮނިހިރު ދުވަހު ވިދާޅުވީ، އީރާނުގެ ޖުމްހޫރީ އަދި އިސްލާމީ ބިންގަލަކީ ދުސްތޫރީ ގޮތުން ބިންވަޅު ނެގިފައިވާ ބިންގަލެއް ކަމަށާއި އެޔަށް ބަދަލެއް ނުގެނެވޭނެ ކަމަށެވެ. "އެކަމަކު ގާނޫނު އަސާސީ ތަންފީޒު ކުރުމުގެ އުސޫލުތައް ފްލެކްސިބަލް ކުރެވޭނެ ގޮތްތަކެއް އެބަހުރި،" ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނުގައި ބުރުގަލަކީ މަޖުބޫރު އެއްޗަކަށް ހެދީ 1983 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ.