މި ބަގާވާތާ ގުޅުން ހުރިކަމަށް ތުހުމަތު ކުރެވޭ 25 މީހަކުވަނީ މިހާރު ފުލުހުން ހައްޔަރު ކޮށްފަ އެވެ. އެ ގައުމުގެ 3000 އަށްވުރެ ގިނަ ފުލުހުންގެ މައްޗަށް އެކުލެވޭ ޓީމަކުން، މުޅި ޖަރުމަނުވިލާތުގައި މި ބަގާވާތާއި ގުޅޭ ކަންކަން ބެލުމުގައި ހަރަކާތްތެރިވަމުން އަންނަ ކަމުގައި ޖަރުމަނު ވިލާތުގެ ނޫސް އެޖެންސީތަކުން ރިޕޯޓު ކޮށްފައިވެ އެވެ.
މި އޮޕަރޭޝަނުގައި މައްސަލައާ ގުޅުން ހުރިކަމަށް ތުހުމަތު ކުރެވޭ 52 މީހަކު ހައްޔަރު ކުރުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެ އެވެ.
މިމީހުން ނިސްބަތް ވަނީ ޖަރުމަނުގެ ކަނާތު ފިޔައިގެ ހަރުކަށި ޖަމާއަތެއް ކަމަށްވާ ޜައިޚް ސިޓިޒެންސްއަށް ކަމަށް ޖަރުމަނުގެ ފުލުހުން ބުނެފައިވެ އެވެ. އެ މީހުން މި ބަގާވާތް ގެނައުމަށް މަސައްކަތް ކޮށްފައިވަނީ، ސިފައިންގެ ތެރެއިން ބަޔަކާއި ގުޅިގެން ގަދަބާރުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ވަދެ މީހުންތަކެއް މަރައި ހަމަނުޖެހުުން ހިންގައިގެން ކަމަށްވެ އެވެ.
ޖަރުމަނުގެ ފުލުހުން ހިންގި އޮޕަރޭޝަނުގައި ޖަރުމަނުގެ ސިފައިންގެ ސްޕެޝަލް ފޯސެސް ޔުނިޓުގެ ބެރެކްސް ވެސް ބަލާ ފާސްކޮށްފައިވެއެވެ. އެ ޔުނިޓުގެ ސިފައިންނަކީ މީގެ ކުރިން ވެސް ކަނާތުފިޔައިގެ ފިކުރުތަކަށް ތާއީދު ކުރާ ކަމަށް ތުހުމަތު ކުރެވިފައިވާ ފަރާތްތަކެކެވެ.
ޖަރުމަން ފުލުހުން ބުނެފައިވާ ގޮތުގައި މި ބަގާވާތް ގެނައުމުގައި އިސްކޮށް ތިބީ ހެއިންރިޙް އަދި ރުޑިގާ ނަމަކަށް ކިޔާ ދެ މީހުންނެވެ. މީގެ ތެރެއިން ހެއިންރިޙް އަކީ ޖަރުމަނުގެ ޝާހީ އާއިލާއެއްގެ މެމްބަރެކެވެ. އަދި ރުޑިގާ އަކީ އެ ގައުމުގެ އަސްކަރިއްޔާގައި ކުރިން އުޅުނު މީހެކެވެ.