
މި މަހުގެ 1 އިން 4 އަށް ބޭއްވުނު މި ކޭމްޕްގައި ބ. އަތޮޅު އޭދަފުށި، ކުޑަރިކިލު، ކަމަދޫ، ހިތާދޫ، ތުޅާދޫ، ފުޅަދޫ، ގޮއިދޫ، ކިހާދޫ، ދޮންފަނު އަދި ދަރަވަންދޫއިން އަޑުއިވުމާއި ވާހަކަދެއްކުމުގެ ދަތިތައް ހުންނަ 65 އަށްވުރެ ގިނަ ކުޑަކުދިންނަށް ރާއްޖެއިން ބޭރުގެ ސްޕީޗް ތެރަޕިސްޓެއް މެދުވެރިކޮށް ކޮންސަލްޓޭޝަން، ޑައިގްނޯސިސް، އިންޑިވިޖުއަލް އެސެސްމަންޓް އަދި އޯޑިއޯމެޓްރިކް ޓެސްޓް ހިލޭ ހަދާދީފައިވެއެވެ.
މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު މަސައްކަތްކުރާ ޓީޗަރުންނަށް އަމާޒުކޮށްގެން ކްލާސް ރޫމްގައި ބޭނުންކުރެވޭނެ ފަސޭހަ އިންޓަވެންޝަންތައް އަދި ކުޑަކުދިން ވާހަކަދެއްކުމުގައި ހުންނަ ދަތިތައް ފާހަގަކޮށް އެކަންކަމަށް ހައްލު ހޯދާދިނުމަށް ކުރެވޭނެ ކަންކަމުގެ މުހިންމު މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
ކެންދޫ ސްކޫލް، ތުޅާދޫ ސްކޫލް، ކަމަދޫ ސްކޫލް، ބ. އަތޮޅު މަދަރުސާ، ފުޅަދޫ ސްކޫލް، ދޮންފަނު ސްކޫލް، ހިތާދޫ ސްކޫލް، މާޅޮހު ސްކޫލް، ގޮއިދޫ ސްކޫލް، ފެހެންދޫ ސްކޫލް، ކިހާދޫ ސްކޫލް އަދި ކުޑަރިކިލު ސްކޫލްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު މަސައްކަތްކުރާ 30 އަށްވުރެ ގިނަ ޓީޗަރުން އޭދަފުށީގައި ބޭއްވި ދެ ދުވަހުގެ ވަރކްޝޮޕްގައި ބައިވެރިވިއެވެ.
މި ކޭމްޕް ކުރިއަށްގެންދިޔުމުގައި ބ. އަތޮޅު ކައުންސިލް، ބ. އަތޮޅު ހޮސްޕިޓަލް، ކުލަބު އޭދަފުށި، މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި ސްކޫލްތަކުގެ ބައިވެރިވުމާއި އެހީތެރިކަން ފާހަގަކޮށް އާކްއާއި ބިއުޓިފަލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަންއުން ޝުކުރު އަދާކުރަމެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންނަށްވެސް އެހެން ކުދިންނެކޭ އެއްފަދައިން ހަމަހަމަ ފުރުސަތުތަކެއް ލިބިދީ، އެކުދިންގެ ހައްގުތައް ކަށަވަރުކޮށް އަބުރުވެރި މުސްތަގުބަލެއް ހޯދައިދިނުމަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އާކުންދެއެވެ.