
ތުއްތު ދެ ކުދިން އެކުދިންގެ ބައްޕަ ދުނިޔެ ދޫކޮށް ދިއުމުން އުޅެން ޖެހިފައިވާ ހާލު ކިޔައިދޭ މަންޒަރު ފެންނަ މި ވީޑިއޯ އަށް އެތައް ހާސް ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.
އަސަރާއި އެކު އެ ކުއްޖާ ކިޔައި ދެމުން ދިޔައީ، އެ ކުއްޖާގެ ހިތުގެ އުދާސްތަކެވެ. މައުސޫމް އެ ހިތުގައި އަޅާ ވޭން އިހުސާސް ކުރަން ނޭނގުނަސް އެ ހިތާމައިގައި މިއަދު އެތައް ބަޔަކު އަންނަނީ ބައިވެރިވަމުންނެވެ.
މީގެ އިތުރުން ވީޑިއޯގައި އެ މައުސޫމް ކުއްޖާ ވަނީ، ބައްޕަ މަރުވުމުން ހުރިހާ ކަމެއް ބަދަލުވެ "ހަރާބު" ވެފައިވާ ކަމަށް ބުނެފަ އެވެ. އަދި އެކުދިންނަށް މިއަދު އެހާލުގައި އުޅެން ޖެހުނީ، އެ ކުދިންގެ ކޮން ކުށެއް އޮވެގެންތޯ އެ ކުދިން ސުވާލު ކުރެ އެވެ.
ވީޑިއޯ ކުރަމުން ދިޔަ މީހާ ކައިރީ، އޭނާގެ ދަރިފުޅު އެހާލުގަ އެންމެ ދުވަހެއްވެސް އުޅެން ޖެހުނުތޯ އެ އަންހެން ކުއްޖާ އަހަ އެވެ. ފިނީގަ ބަނޑުހައި ކަންމަތީ އެންމެ ދުވަހެއްވެސް އޭނާ ހޭދަކުރަން ޖެހުނުތޯ އެ އަންހެން ކުއްޖާ އަސަރާއި އެކު އަހަ އެވެ.
މިއީ ސީރިއާގެ ހަނގުރާމައިގެ ސަބަބުން ޔަތީމުވެފައިވާ ތުއްތު ކުއްޖެއްގެ ހިތުގެ އުދާސްތަކެވެ. މިއަދު އެ ތުއްތު ކުއްޖާ ފަދައިން އެތައް ކުދިންނެއް ދަނީ އެ ވޭނުގަ އެ ކުދިންގެ ދިރިއުޅުން އުޅެމުންނެވެ. އެ ކުދިންނަށް އެހީ ވުމަކީ މިއަދު ހަމަ ކޮންމެ މީހަކުވެސް ކުރަންޖެހިފައިވާ ކަމެކެވެ. އެ މައުސޫމް ކުދިންނަށް އުފާވެރިކަން ހޯދައި ދިނުމަށް ވެވެން އޮތް މިންވަރަކުން އެހީތެރި ވަމާ ތޯއެވެ.