ގަތަރު ވޯލްޑް ކަޕް ގައި ސައޫދީން އާޖެންޓީނާ ބަލިކުރުން ވީ ވޯލްޑް ކަޕް ތާރީހް ގެ މީހާތަނަށް އެންމެ ބޮޑު "އަޕްސެޓް" ކަމަށެވެ. ގްރޫޕް ސްޓޭޖްގައި، ޖަޕާނުން ސްޕެއިން ބަލިކޮށްފި އެވެ. ކޮރެއާއިން ޕޯޗުގަލް ބަލިކޮށްފި އެވެ. ޓިއުނީސިއާ، ގެ ކުރީގެ އިސްތިއުމާރީ މާސްޓަރު ފްރާންސް ބަލިކޮށްފި އެވެ. ކެމަރޫން ބްރެޒިލް ބަލިކޮށްފި އެވެ. އޭޝިއާގެ ތިން ޓީމާއި އެފްރިކާގެ ދެ ޓީމް، އެހާ ވަރުއަރުވާލުމަކީ، ޔޫރޮޕާއި، ލެޓިން އެމެރިކާއިން ހީވެސް ނުކުރާ ކަމެކެވެ! މިއީ މުޅީން ވެސް މިދެންނެވި ފުޓުބޯލް ވޯލްޑް އޯޑަރާ ހިލާފް ނަތީޖާތަކެވެ. އެންމެ ފަހުން، ނޮކްއައުޓް ސްޓޭޖްގައި، މޮރޮކޯ، ސްޕެއިން ބަލިކުރުމުން "ސަހަރޯ" އޭ ހިތައް އަރާނެ އެވެ!
މިއަދު (ހުކުރު ދުވަހު) މިފެށެނީ ތިން ވަނަ ބުރެވެ. ކޯޓަ ފައިނަލް މެޗްތަކެވެ. ދުނިޔޭގެ އެންމެ ގަދަ އަށް ޓީމް ގެ މެޗްތަކެވެ. ކުއާޓާ ފައިންލް ގައި އެއްފަޅިން އާޖެންޓީނާ ނެދާލަންޑްސް ބައްދަލު ކުރާއިރު، ބްރެޒިލް ނުކުންނަނީ ކޮރޮއޭޝިއާ އާއި ދެކޮޅަށެވެ. މިއީ މުޅީން ވެސް ލެޓިން އެމެރިކާއާއި، ޔޫރޮޕްގެ ޓީމްތަކެވެ. އަނެއް ފަޅިން ވެސް ޔޫރޮޕްގެ ތިން ޓީމް އެބައޮތްވެ. އެއީ އިންގިރޭސި ވިލާތާއި، ޕްރާންސް އަދި ޕޯޗުގަލް އެވެ. އެފްރިކާގެ ޓީމެއް ކްއާޓަ ފައިނަލް އަށް ހީވެސް ނުކުރާ ގޮތަކަށް ހޮވުނީީ ޔޫރޮޕްގެ ފުޓުބޯޅަ ބާރު ސްޕެއިން ހައިރާން ކޮށްލާފައެވެ. މޮރޮކޯ ފިޔަވާ ދެން ތިބީ މުޅިންވެސް ޔޫރޮޕާއި، ލެޓިން އެމެރިކާގެ ބާރުތަކެވެ. ފުޓުބޯޅަ ދުނިޔޭގެ ބާރަކީ ޔޫރޮޕް އާއި ލެޓިން އެމެރިކާއެވެ. ފުޓުބޯޅަ ވާލްޑް އޯޑަރ އަކީ މިއީއެވެ!
ފުޓުބޯޅަ ވޯލްޑް އޯޑާ
ވޯލްޑް އޯޑާ އޭ މިދެންނެވީ، ދުނިޔޭގެ ފުޓުބޯޅައިގެ ބޮޑު ދެ ބާރުގެ ވާހަކަ އެވެ. ޔޫރޮޕް (UEFA) އާއި ދެކުނު އެމެރިކާ (CONMEBOL) ގެ ކޮންފެޑެރޭޝަން ގެ ވާހަކަ އެވެ. މި ދެ ބާރުގެ ތެރެއަށް، މިފަހަރު ވަދެވުނީ ހަމަ އެކަނި އެފްރިކާގެ ކޮންފެޑެރޭޝަން (CAF) ގެ އެންމެ ޓީމަކަށެވެ. "ޕެނަލްޓީ" ޖަހައިގެން މޮރޮކޯ އެވެ. ކުއާޓާ ފައިންލް އަށް ހޮވުނީ ޔޫރޮޕްގެ ފަސް ގައުމު އާއި ލެޓިން އެމެރިކާގެ ދެ ގައުމެވެ. އެފްރިކާ ގެ މޮރޮކޯ އަށް ޕޯޗުގަލް ބަލިކުރެވިދާނެ ބާވަ އެވެ؟ ސެމީ ފައިނަލް ކުޅޭނެ ބާވަ އެވެ؟ އޭޝިއާގެ ޓީމްތައް، ކުރިއަށް އޮތްް "ޔޫ.އެސް، ކެންޑާ، މެކްސިކޯ 2026" ވާލްޑް ކަޕް ގައި ކުއާޓާ ފައިނަލް ކުޅޭނެ ބާވަ އެވެެ؟ މިފަހަރު އެދިޔައީ ހަމަ ކިރިކިރިޔާ ވިއްޔާ އެވެ؟ އޭޝިއާގެ ތިން ގައުމު، ރަނގަޅު ފައިޓެއް ދިނެވެ.
އެފް.އޭ.އެމް. ގެ ވައްކަން ތަކަށް ކަޅި ހިންގާލުމަށްޓަކާ، މި ވޯލްޑްކަޕް އިން ދުނިޔޭގެ ފުޓުބޯޅަ ވޯލްޑް އޯޑަރު މަންޒަރު ކޮށްދިން ގޮތާއި، ޔޫރޮޕް އާއި ލެޓިން އެމެރިކާގެ ފުޓުބޯޅަ ބާރުތަކަށް އެރި ލޮޅުންތަކަށް ނަޒަރު ހިންގާލަން މިއީ މުނާސަބު ވަގުތެކެވެ. އެއީ، ފުޓުބޯޅައިގެ ބައިނަލް އަގުވާމީ ދުނިޔެ ގެތިފައި އޮތް ގޮތާއި، ހަރުދަނާ ގައުމުތަކުން ފުޓުބޯޅަ ރެގިއުލޭޓް ކޮށް ކުރިއަރުވަން މަސައްކަތް ކުރާ މިންވަރާއި، ރާއްޖެ ފަދަ، ބިއްޖެހިފައި ތިބި ގައުމުތަކަށް ކަރަޕްޝަން ވަދެ ފުޓުބޯޅަ ހުއްޓިފައިވާ މިންވަރު ހިޔާލަށް ގެންނަން ފަސޭހަ ވާނެތީ އެވެ.
ރާއްޖެ، ވޯލްޑް ކަޕް ކޮލިފިކޭޝަން ހުލާސާ
އިންޑިއާއިން، ވޯލްޑްކަޕް ހޯސްޓް ކުރުމުގެ ހިޔާލު ގެންގުޅޭ ކަމަށް ނުވަދިހައިގެ އަހަރުތަކުގައި އަޑުއެރުމުން ޔޫރޮޕްގެ މީހުން، ހީ ސަމާސާކޮށް ވެސް ހެދި އެވެ! ލަސްތަކެއް ނުވެ ކޮރެއާ-ޖަޕާނުން، 2002 ވަނަ އަހަރު، ފުރަތަމަ ފަހަރަށް އޭޝިއާއަށް ވޯލްޑް ކަޕް ގެނެސްދީފި އެވެ. އޭޝިއަން ފުޓުްބޯލް ކޮންފެޑެރޭޝަން އެކުލެވިގެން ވަނީ، ފަސް ސަރަހައްދީ ފެޑެރޭޝަންގެ މައްޗަށެވެ. އޭޝިއާގެ ވޯލްޑް ކަޕް ހޯސްޓް ކުރީ އިރުމަތީ އޭޝިއަށް ނިސްބަތްވާ ދެ ގައުމުންނެވެ. އިރުމަތީ އޭޝިއާގައި 10 ގައުމު އޮވެއެވެ. އިރު ދެކުނު އޭޝިއާ ގައި 12 ގައުމު އޮތްއިރު، ދެކުނު އޭޝިއާ ގައި މިއޮތީ، ރާއްޖެ އާއި އެކު ހަތް ގައުމެވެ. ސެންޓަރަލް އޭޝިއާ ގައި ހަ ގައުމެވެ. ދެ ވަނަ ފަހަރަށް އޭޝިއާގައި ވާލްޑް ކަޕް ހޯސްޓް މިކުރީ ހުޅަނގު އޭޝިއާގެ މުއްސަނދި، ކުޑަކުޑަ ގަތަރެވެ. ގަތަރަކީ، 12 ގައުމު އެކުލެވިގެންވާ ހުޅަނގު އޭޝިއާ ގްރޫޕަށް ނިސްބަތްވާ ގައުމެކެވެ. އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން ގައި 47 މެމްބަރު ގައުމު އޮވެ އެވެ.
މީގެ 24 އަހަރު ކުރިން، 1998 ގެ ފްރާންސް ވޯލްޑް ކަޕް އިން ފެށިގެން، މިއަދާއި ހަމައަށް ރާއްޖެ، ހަތް ވޯލްޑް ކަޕް ކޮލިފިކޭޝަން ކުޅެފި އެވެ. ފުރަތަމަ ފަހަރަށް ފްރާންސް ވޯލްޑް ކަޕް ކޮލިފިކޭޝަން ގައި ރާއްޖެ ބައިވެރިވިއިރު، މާލޭގައި ފޯރިގަދަ ލީގެއް ކުޅޭތާ 10 އަހަރަށް ވެއްޖެ އެވެ. ރާއްޖޭގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ތާރީހް ހުލާސާ ކޮށްލަމާތޯ އެވެ.
- 1998 ފްރާންސް – ގްރޫޕް 2 ގައި، އިރާން (16)، ސީރިޔާ (10)، ކިރިގިސްތާން (9)، ރާއްޖެ (0). އިރާން ރާއްޖެކޮޅަށް 17 ގޯލް، ސީރިޔާ ރާއްޖެކޮޅަށް 10 ގޯލް، ގްރޫޕުން ސުމެއްގައި އޮތް އިރު ބައިކޮޅަށް 59 ގޯލް ވަނުން
- 2002 ޖަޕާން/ކޮރެއާ – ގްރޫޕް 9 ގައި، ޗައިނާ (18)، އިންޑޮނޭޝިއާ (12)، ރާއްޖެ (4)، ކެމްބޯޑިއާ (1). "ޑޭވިޑް އެންޑް ގޮލައަތު" ކުރިމަތިލުމުގައި ޗައިނާ 1-0 ގައި ހިފަހައްޓާ ދުނިޔެ ސިއްސުވާލުން.
- 2006 ޖާމަނީ – ގްރޫޕް 7 ގައި، ކޮރެއާ (14)، ލެބަނަން (11)، ވިއެޓްނާމް (4)، ރާއްޖެ (4). ގޯލްތަފާތުން ފަހަތުގައި. ސައުތު ކޮރެއާ އާއި އެއްވަރުކޮށް އަނެއްކާވެސް ދުނިޔެ ސިއްސުވާލުން!
- 2010 ސައުތު އެފްރިކާ – 43 ގައުމުގެތެރއިން 27 ވަނައިގައި ރޭންކް ކުރެވި، 24 ވަނަ ރޭންކްގައި އޮތް ޔަމަނު އަތުން ގޯލް އެގްރިގޭޓުން 3-2 އިން ބަލިވުން
- 2014 ބްރެޒިލް – 43 ގައުމުގެތެރއިން 26 ވަނައިގައި ރޭންކް ކުރެވި، 5 ވަނަ ރޭންކްގައި ސީޑްކުރި އީރާން އާއި ކުޅެ، ގޯލް އެގްރިގޭޓުން 5-0 އިން ބަލިވުން
- 2018 ރަޝިއާ – 46 ގައުމުގެތެރއިން 18 ވަނައިގައި ރޭންކް ކުރެވި، ގްރޫޕް C ގައި ގަތަރު (21)، ޗައިނާ (17)، ހޮނގްކޮންގް (14)، ރާއްޖެ (6)، ބޫޓާން (0)
- 2022 ގަތަރު – 46 ގައުމުގެތެރއިން 30 ވަނައިގައި ރޭންކް ކުރެވި، ގްރޫޕް A ގައި ސީރިޔާ (21)، ޗައިނާ (19)، ފިލިޕީންސް (11)، ރާއްޖެ (7)، ގުއާމް (0)
ރަޝިއާ 2018 އާއި ހަމައަށް އޭޝިއާގެ ރޭންކިން ގައި ރާއްޖެ 27 އިން 18 އަށް ކުރި އެރި ނަމަވެސް ގަތަރު 2022 އާއި ހިސާބަށް ދިޔައިރު ރާއްޖެ މިއޮތީ، މީގެ ކުރިން ދުވަހަކު ވެސް ނުވެއްޓޭ ހިސާބަށް ވެއްޓިފަ އެވެ. އެއީ، އޭޝިއާގެ 46 ގައުމުތަކުގެ ތެރެއިން 30 ވަނައިގަ އެވެ. މިއީ އޭޝިއާގެ ފުލަށް ވެއްޓުމެވެ.
ފްރާންސް ވޯލްޑް ކަޕް 1998 ގެ 20 އަހަރު ކުރީން، ބައިނަލް އަގުވާމީ ފުޓުބޯޅައަށް ރާއްޖެ ނިކުމެއްޖެ އެވެ. އަދި އެތައް ތަޖްރިބާތަކެއް ވެސް ކޮށްފި އެވެ. ވީމާ ރާއްޖެ ބައިނަލް އަގުވާމީ ފުޓުބޯޅައިގައި ހޭދަކުރި ފުރަތަމަ 20 އަހަރު ހުލާސާ ކޮށްލުމުން ދުނިޔޭގެ ފުޓުބޯޅަ އޯޑަރުތެރޭ އަޅުގަޑުމެންގެ ފެންވަރު އަންދާޒާކޮށްލަން ފަސޭހަ ވާނެ އެވެ.
ފުރަތަމަ ދިހަ އަހަރު (1979 – 1989)
- 1979 - އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައި ބައިވެރިވުން (ނަންކިޔާ ކުޅުންތެރިންގެ ތެރޭ "ބޮޑޭ"، "އަބްޖީ"، "ޖޫލޭ"، "އައްޑޯ")
- 1982 – ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އުފެއްދުން. މުއައްސިސަކީ ސަރުކާރު
- 1984 – ސާފް ގޭމްސް (SAAF Games)، ގައި ތިންވަނަ މަގާމް ލިބުން. އެއީ ބޫޓާން ކޮޅަށް ގޯލެއް (ވިކްޓްރީގެ ފާއިގް) ޖަހާ މޮޅުވުން
- 1985 – އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައި ކޮމޮރޯސް އާއި 2-2 އެއްވަރު ވިނަމަވެސް ސާފް ގޭމްސް ގައި ބަންގްލަދޭޝް އަތުން 8-0 ބަލިވުން
- 1987 – ފާކިސްތާން އަތުން 1-0 ން ބަލިވެ، އިންޑިއާ އަތުން 5-0 ން ބަލިވުން
ދެވަނަ ދިހަ އަހަރު (1989 – 1999)
- 1989 - ނޭޕާލް އާއި އެއްވަރުވެ، ޕާކިސްތާން އަތުން ބަލިވީމާ ކުރިއެރުމެއް ކަމުގައި ދުށުން
- 1991 – ސާފް ގޭމްސް ގައި ނޭޕާލް އާއި ލަންކާ ބަލިކޮށް، ފުރަތަމަ ފަހަރަށް ފައިނަލް ކުޅެ ޕާކިސްތާނު އަތުން ބަލިވުން (ކޮޅުބުގައި)
- 1995 – އިންޓަރނޭޝަނަލް ފްރެންޑްލީއެއްގައި ބަންގްލަދޭޝް އާއި އެއްވަރުވެ، އިރުމަތީ އޭޝިއާ ތެރެއަށް ނިކުމެ، އޭޝިއަން ކަޕް ގައި ސިނަގަޕޫރު އަތުން 5-2، ތައިލެންޑް އަތުން 8-0، ބަރުމާ އަތުން 4-1 އިން ބަލިވި ނަމަވެސް ދެކުނު އޭޝިއާއިން ބޭރު، އެއަށްވުރެ ކުރިއަރާފައިވާ ސަރަހައްދެއްގައި ފެނަށް ދިރުން.
- 1997 – ދެކުނު އޭޝިއާގައި ރަގަޅަށް ވާދަކުރަން ފެށުނު ނަމަވެސް، ފްރާންސް ވާލްޑް ކަޕް ކޮލިފައިންގް ގައި އިރާން އަތުން 17-0 ން ބަލިވެ، ޖޯކެއް ގޮތުގައި ދުނިޔެތެރޭ ހަބަރު ފެތުރުން.
ތިން ވަނަ ދިހަ އަހަރު (1999 – 2009)
ފުރަތަމަ ވިހި އަހަރަށްފަހު ދެން އައި ދިހަ އަހަރުތެރޭ ސައުތު އޭޝިއާގައި ރަގަޅަށް ވާދަކޮށް ސަރަހައްދުގެ ގަދަ ޓީމެއްގޮތުގައި މަޝްހޫރު ވެއްޖެއެވެ. މިހާތަނަށް، ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ތިން ބުރު ތަޖްރިބާ ކުރެވިއްޖެ އެވެ. އަދި 2008 ގައި ފުރަތަމަ ފަހަރަށް އިންޑިއާ ބަލިކޮށް ސަރަހައްދުގެ ޗެމްޕިޔަންކަން ހޯދިއްޖެ އެވެ. ފީފާއިން މަޖުބޫރުކޮށްގެން އެފް.އޭ.އެމް. އިންތިހާބު ވެސް ބޭއްވީ މިއަހަރު އެވެ.
ހަތަރުވަނަ ދިހަ އަހަރު (2009 – 2019)
މި ދިހަ އަހަރުތެރޭ އަނެއްކާވެސް އިންޑިއާ ބަލިކޮށް، ސައުތު އޭޝިއާ ގެ ޗެމްޕިޔަންކަން ދެވަނަ ފަހަރަށް ހޯދި ނަމަވެސް ރާއްޖޭގެ އޭޝިއާގެ ރޭންކިންގް ގައި ވެއްޓެން ފަށައިފި އެވެ.
ފަސްވަނަ ދިހައަހަރު (2019 – މިއަދަށް)
މިހާރު މިހިނގާ ގަތަރު ވޯލްޑް ކަޕް އަކީ، އަޅުގަޑުމެން ކޮލިފިކޭޝަން ކުޅުނު ހަތްވަނަ ވާލްޑް ކަޕް އެވެ. ގަތަރު ވާލްޑް ކަޕް ގެ ކޮލިފިކޭޝަންގައި ރާއްޖެ ރޭންކް ކުރެވިފައިވަނީ 46 ގައުމުގެ ތެރެއިން 30 ވަނައަށެވެ. މިއީ ގާތްގަޑަކަށް އޭޝިއާގެ ފުލަށް ވެއްޓުމެވެ. މިއީ ރަޝިއާ ވާލްޑް ކަޕް ކޮލިފިކޭޝަންގައި 18 ވަނައިގައި އޮތުމަށްފަހު އެއްލަކިން ވެއްޓިފައިވާ ހިސާބެވެ.
ފުޓުބޯޅަ ވާލްޑް އޯޑަރު ތެރޭ ކަރަޕްޝަން
ބޯކޮށް ގެތިފައިވާ ފުޓުބޯޅަ ވޯލްޑް އޯޑަރު ތެރޭ، ބައެއް ގައުމުތައް ކުރިއަރައިގެން ދާއިރު، އަނެއްބައި ގައުމުތައް ވަނީ ހުއްޓުން އަރާފައެވެ. ކަރަޕްޝަންގެތެރެއަށް ވެއްޓި ބަލިކަށިވެ އެވެ. ރާއްޖެއަކީ މިފަދަ މިސާލެކެވެ. މިއީ ފީފާ އަށް ވެސް ރެގިއުލޭޓްކޮށް، ކޮންޓްރޯލް ނުކުރެވިގެން އުޅޭ ކަމެކެވެ. ސަރުކާރާއި ގުޅިގެން ހިނގާ ކަރަޕްޝަން ކަމުގައި ތުހުމަތު ކުރެވޭ މިންވަރަށް ހިނގާ ކަމެކެވެ. ފުޓުބޯޅައިގައި ކޮރަޕްޝަން ހިނގާވަރު ހާމަވީ، ޔޫ.އެސް. ޖަސްޓިސް ޑިޕާޓްމެންޓްގެ 2015 ވަނަ އަހަރުގެ އިންޑައިޓް މަންޓް އަކުންނެވެ. ޔޫ.އެސް. ސްޓޭޓް ޑިޕާޓްމެންޓްގެ އިންޑައިޓްމަންޓަކީ، އެފް.އޭ.އެމް. އާއި އޮލިމްޕިކް ކޮމިޓީ، އަދި ސަރުކާރުގެ ކަމާބެހޭ ކުޅިވަރު އޮފިޝަލުން ކަނުލާ ވިދާޅުވުން ރަނގަޅު ކަރުދާހަކަށްް ވާނެއެވެ. މި ލިންކުން އެ "އިންޑައިޓްމަންޓް" ކިއުއްވާލައްވާށެވެ.
ޔޫރޮޕް އާއި ލެޓިން އެމެރިކާ ބައްރު ފިޔަވާ، އެހެން ބައްރެއްގައި، އަދި ހާއްސަކޮށް ޑިމޮކްރަސީ އާއި ބީރާއްޓެހި ގަތަރު ފަދަ ގައުމެއްގައިި ވޯލްޑް ކަޕް ބޭއްވުމަކީ މިދެނެނެވި ފުޓްބޯލް ވޯލްޑް އޯޑަރ ގަބޫލު ކުރާ ކަންކަމެއް ނޫނެވެ. ރަޝިއާ، ޗައިނާ ފަދަ ގައުމުތަކަށް ވެސް މިފަހަކުން އޮލިމްޕިކް ގޭމްސް އާއި ފީފާ ވޯލްޑް ކަޕް ހޯސްޓް ކުރަން ލިބުމަކީ ދުނިޔޭގެ ފެންވަރުގައި ކުޅިވަރުގައި ކަރަޕްޝަން އޮތް މިންވަރު ރަމްޒުކޮށް ދޭކަމެއް ކަމުގައި ޔޫރޮޕް އާއި އެމެރިކާގެ އިންޓެލިޖެންސް ކޮމިޔުނިޓީން ތުހުމަތު ކުރެ އެވެ. މިގޮތުން، މި ވޯލްޑް ކަޕް ތެރޭގައި ވެސް، މިތުހުމަތުތައް ކުރާއިރު، ޔޫ.އެސް. ސްޓޭޓް ޑިޕާޓްމެންޓުން އެމައްސަލަތައް އިންވެސްޓިގޭޓް ކޮށް، 2015 ވަނަ އަހަރު 14 އޮފިޝަލުން ހައްޔަރުކޮށް، 16 އޮފިޝަލުންނަށް ދައުވާކުރި އެވެ. ވައްކަން ކުރުމުގައި، ފީފާގެ ރައީސް އާއި ނައިބު ރައީސުން، އަދި ފުޓުބޯޅަ ފެޑެރޭޝަންތަކާއި، އެސޯސިއޭޝަންތަކުގެ ރައީސުން ބައިވެރިވި އެވެ.
ފުޓުބޯޅަ ވޯލްޑް ކަޕް އަކީ މިއަދު ދުނިޔޭގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު އާބާދީ، ލައިވް ޓީވީން ބަލާ އިވެންޓެކެވެ. ވީމާ އެންމެ ބޮޑު ކަރަޕްޝަން އުފެދެނީ ފުޓުބޯޅަ ބްރޯޑްކާސްޓިންގް ރައިޓްސް ވިއްކުމުގެތެރެއިންނެވެ. ރަޝިއާ ވާލްޑްކަޕަށް 3.5 ބިލިއަން ބެލުންތެރިން ލިބުނުއިރު، ގަތަރު ވާލްޑްކަޕް 5 ބިލިއަން މީހުން ވާނެ ކަމަށް ފީފާ އިން އަންދާޒާކުރެ އެވެ. ދުނިޔޭގެ އާބާދީ އަކީ 8 ބިލިއަން އެވެ.
ފުޓުބޯޅައިގެ މޮޅު ގައުމުތަކުގެ ސަބަބުން، ދުނިޔޭގެ ފެންވަރުގައި އެންމެ ގިނަ މީހުން ބަލާ ކުޅިވަރަކީ ފުޓުބޯޅަ އެވެ. ނަތީޖާއަކީ، ފުޓުބޯޅަ ބްރޯޑްކާސްޓިން ރައިޓްސް، އާއި ކޯޕަރޭޓް ސްޕޮންސަޝިޕް އާއި މާޗަންޑައިޒިން ރައިޓްސްގެ އަގު އެރުމެވެ. ފުޓުބޯޅަ މުއްސަނދިވުމެވެ. ފީފާއަށް ވޯލްޑް ކަޕް އިން ލިބޭ އާމްދަނީގެ ބޮޑުބައި ބަހަނީ މެމްބަރު އެސޯސިއޭޝަންތަކަށެވެ. އެހެންވެ ގައުމީ އެސޯސިއޭޝަންތައް ވެސް މުއްސަނދި ވެއްޖެ އެވެ.
ފީފާ ގެ އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓް ތަކުން ވައްކަން ކުރުން
އަޅުގަންޑުމެނަށް މިއިވެނީ އެފް.އޭ.އެމް. ބޮޑެތި އަދަދުތަކުން ދައުލަތާއި، އަމިއްލަ ވިޔަފާރިތަކަށް ދަރާފައިވާ ވާހަކަ އެވެ. އަދި ދިރުވާލި ދަރަނި ފިލުވުމަށް، ގާނޫނާއި ހިލާފަށް، ކޯޓްތަކަށް ވެސް އޮޅުވާލާ، ދައުލަތުގެ ބިންތައް ދިގު މުއްދަތަށް ކުއްޔަށް ދޭ ވާހަކަ އެވެ. އެފް.އޭ.އެމް. އަށް ބޮޑު ދެ ދަނޑުގެ ޖާގަ އާއި އިމާރާތެއް ހުޅުމާލެއިން ހިލޭ ދީފައި އޮންނަ އިރު، އެ ބިންތައް ވިޔަފާރި އުސޫލުން އެބަ ކުއްޔަށް ދެ އެވެ. އެހެން ނަމަވެސް މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގެ ފެކަލްޓީ އޮފް މެޑިސިން އަޅަން ބިން ޖެހެނީ ގަންނާށެވެ!
ފީފާ އިން، މިވީ ހަ އަހަރުތެރޭ އެފް.އޭ.އެމް. އަށް ދޫކޮށްފައިވާ 11 މިލިއަންޑޮލަރު (ގާތްގަނޑަކަށް 169.62 މިލިއަން ރުފިޔާ)ގެ ހިލޭ އެހީގެ ތެރެއިން އިމާރާތް އަޅަން ލިބޭ ފައިސާކޮޅު ވަގަށް ނެގުމަށް ފަހު، އެ ތަންތަން ކުއްޔަށްދީގެން ލިބޭ ފައިސާއިން، އިމާރާތް ކުރަން ކޮންޓްރެކްޓަރުންނަށް ހަވާލުު ކުރެ އެވެ. މިފަދަ ކޮންޓްރެކްޓަރުން އެފް.އޭ.އެމް. ގޮވައިގެން ކޯޓަށް ދެ އެވެ. އެޕޯލޯ ކުންފުނިން ފުޓުބޯޅަ އެކުވެނި އިމާރާތަށް 40 މިލިއަން ރުފިޔާ ހޯދަން ކޯޓަށް ދިޔައިރު، އިމާރާތް ކުރުމުގަ ފައިސާއަކީ ފީފާއިން ދީ ނިންމާފައިވާ ފައިސާ އެވެ. ދާދި ފަހުން އަޅުގަނޑު މަގުމަތިން ހުއްޓުވާފައި މީހަކު ބުނަނީ، ފީފާ އިން އައްޔަންކޮށްގެން އެފް.އޭ.އެމް. ހިންގި އޮފިޝަލެއް، 10 މިލިއަން ރުފިޔާއަށް، މާލެއިން ބިމެއް ކުއްޔަށް ދޭން ހުށަހެޅިކަމަށެވެ. އޭނާ ބަލާލިއިރު އެއީ ފުޓުބޯޅަ އިމާރާތަކުން ކަމަށްވާތީ އަޅުގަނޑު ގާތު އަހާލީ ކަމަށް ބުންޏެވެ.
މާކެޓިން ރައިޓްސް އިން ވައްކަންކުރުން
ދައުލަތުގެ ހިމާޔަތުގައި އޮވެ، އެފް.އޭ.އެމް. ސިއްރުން ހިންގާ އަދި މާބޮޑު ވައްކަމެއް އޮވެ އެވެ. އެއީ ފުޓުބޯޅައިގެ ބްރޯޑްކާސްޓިން ރައިޓްސް ވިއްކުމެވެ. ފީފާ ގެ އާއްމަދަނީގެ 70 އިންސައްތައަކީ ފުޓުބޯޅަ ބްރޯޑްކާސްޓިން ރައިޓްސްއިން ލިބޭ އާމްދަނީ އެވެ. އެފް.އޭ.އެމް. އަށް ލިބޭ ޑިވެލޮޕްމަންޓް އެހީ އަކީ ގަތަރު ވާލްޑްކަޕް ގެ މާކެޓިން ރައިޓްސް ވިއްކައިގެން ލިބޭ ފައިސާ އެވެ. ގަތަރު ވޯލްޑް ކަޕް ރާއްޖެއަށް ބްރޯޑްކާސްޓް ކުރުމުގެ ރައިޓްސް ވަނީ "ވަޔަކޮމް 18 އިންޑިއާ" އާއި ރާއްޖޭގެ "މީޑިއާނެޓް" އަށް ވިއްކާފަ އެވެ. ފީ.އެސް.އެމް. އާއި ރާއްޖެ ޓީވީ އަށް ރައިޓްސް ވިއްކާފައިވަނީ މީޑިއާ ނެޓުންނެވެ.
ގަތަރު ވޯލްޑް ކަޕް ރައިޓްސް ޕީ.އެސް.އެމް. ގެ ބަދަލުގައި މީޑިއާނެޓަށް ލިބުނު ގޮތާއި މެދު ޝައްކުތަކެއް ވަނީ އުފެދިފަ އެވެ. ރާއްޖޭގެ ބްރޯޑްކާސްޓް ކޮމިޝަނާއި ހިސާބުން ކަރަޕްޝަންގެ ކުލަވަރު ފެނިއްޖެކަން މީޑިއާތަކުން ރިޕޯޓް ކުރި އެވެ. ފުޓުބޯޅަ ކަރަޕްޝަން ހިނގަނީ ސަރުކާރާއި ގުޅިގެން ކަމަށް ތުހުމަތު ކުރެވޭ މޭރުމުންނެވެ. ސިޔާސީ ކޯލިޝަން ޕާޓްނަރެއްގެ މަސްލަހަތު، ދައުލަތުގެ ބްރޯޑްކާސްޓަރުގެ މަސްލަހަތައް ވުރެ އިސް ކުރި ކަމުގެ ތުހުމަތެވެ. މިފަދަ ވަގު ސިޔާސަތުތައް ރޯމާ ދުވާލު ތަމްފީޒް ކުރާއިރު، އެފް.އޭ.އެމް. ގެ ކަންކަން ހުންނާނެ މިންވަރުގެ، ހިޔާލަށް ގެންނަވާށެވެ.
ފީފާ މެދުވެރިކޮށް ނޫނީ ބައިނަލް އަގުވާމީ ބްރޯޑްކާސްޓް ރައިޓްސް ވިއްކުމަކީ މަނާ ކަމަކެވެ. އެހެން ނަމަވެސް، އެންމެ ފަހުގެ ސާފް ޗެމްޕިޔަންޝިފް ފަދަ އެ ގައުމެއްގެ ބްރޯޑްކާސްޓަ (ޕީ.އެސް.އެމް) އުފައްދާ ފުޓުބޯޅަ ލައިވްސްޓްރީމެއް، ދެ ބިލިއަން މީހުންގެ ދެކުނު އޭޝިއާ ސަރަހައްދަށް "ޙީވެސްނުވާ" މަގުތަކުން ދޫކޮށްލަ އެވެ. އެ މުބާރާތުގެތެރޭ ޕީ.އެސް.އެމް. ބްރޯޑްކާސްޓް ކުރަމުން ދަނިކޮށް، އިންޑިއާގެ ގޮތް ނޭނގޭ ޓެލެވިޒަން ކެމެރާތަކެއް ދަނޑުވަށާ އަތުރާލި ތަން ފެނުނެވެ. އެހެން ނަމަވެސް މީޑިއާގެ ސަމާލުކަމަށް މިކަން އައިސް ފައެއް ނުވެ އެވެ. ބްރޯޑް ކާސްޓިން ކޮމިޝަންގެ ހާލަތު ވެސް އޮތީ އެފް.އޭ.އެމް. އާއި އެއް ފެންވަރެއްގަ ކަމަށް ބެލެވެ އެވެ.
ޕީ.އެސް.އެމް. އަކީ ފުޓުބޯޅަ ކަވަރުކުރުމުގެ ތަޖްރިބާ އާއި ގާބިލްކަން އޮތް ރާއްޖޭގެ ހަމަ އެކަނި ބްރޯޑްކާސްޓަރެވެ. ޕީ.އެސް. އެމް. ހީކުރީ ލައިވް ސްޓީމް ގެ އެކްސްކްލޫސިވް ރައިޓްސް އޮތީ އެކުންފުންޏަށް ކަމަށެވެ. ނަމަވެސް ކަން ހިނގާ ދިޔައީ އެހެނަކުން ނޫނެވެ. ސުވާލަކީ، އިންޑިއާގެ ކެމެރާތަކަށް މުބާރާތް ވިއްކާލީ ކިހާވަރަކަށް ތޯއެވެ؟ ފައިސާ ހިނގާފައި ހުރި މަގުތަކަކީ ކޮބާތޯ އެވެ؟
މިދެންނެވީ އެންމެ މުބާރާތެއްގެ ވާހަކައެވެ. ރާއްޖޭގެ ޓީމްތަކުގެ ފެންވަރު ދަށްވަމުން ދިޔަ ނަމަވެސް، ރާއްޖެއަކީ ފޯރާފަށުގައި ހުންނަ ބައިނަލް އަގުވާމީ މުބާރާތްތަކާއި މެޗްތައް ހޯސްޓް ކުރަން ވަރަށް ވަރުހުންނަ އެސޯސިއޭޝަނެކެވެ. ސާފް ޗެމްޕިޔަންޝިޕް ވެސް ހިންގާލީ ކޮވިޑްތެރޭގައި ވިއްޔާ އެވެ! ސަރުކާރުގެ ހާއްސަ ހުއްދަތަކާއި އެކުގަ އެވެ. ރާއްޖޭގައި ހޯސްޓް ކުރާ މެޗްތަކުގައި އިންޑިއާ، ޗައިނާ، ޖަޕާން، ކޮރެއާ ފަދަ ޓީމެއް ބައިވެރިވުން ވާނީ އެފް.އޭ.އެމް. އަށް "މަރަކަށެވެ"!
ވައްކަން އިންވެސްޓިގޭޓް ކުރުން
އެފް.އޭ.އެމް. ގެ އުމްރާނީ ތަރައްގީ ޕްރޮޖެކްޓްތަކުގެ ވައްކަންތައް ނުބެލި، ރޯމާދުވާލު ހިނގަމުން ދާއިރު، ސިއްރިއްޔާތުގައި ހިންގާ ބްރޯޑްކާސްޓިން ރައިޓްސްގެ ވައްކަންތައް ބަލާނެ ފަރާތެއް ވާނެކަމާމެދު، އެއްވެސް އުއްމީދެއް ނެތެވެ. ނުބެލޭނެ އެތައް ސަބަބެއް ވެ އެވެ.
އެއްކަމަކީ، މިއީ ނުއެނގި ހިނގާ ކަމެއް ނޫންކަމެވެ. މިފަދަ މައްސަލަތައް ހުރިއިރު، ސަރުކާރުން އެދަނީ އެފް.އޭ.އެމް. އަށް އަދިވެސް އިތުރަށް ބިން ދޫކުރަމުންނެވެ. ކުރީ ސަރުކާރުން ހުޅުމާލެއިން ދެ ދަނޑަށްވާ ބިން އެފް.އޭ.އެމް. އަށް ދިނުމަށް ފަހު، މިސަރުކާރުން 2019 ގައި، ކުޅިވަރު އެކުވެނީގައި ދެން އޮތް ބިންކޮޅު ވެސް އެދިނީ އެވެ. ޕްލޭނިން މިނިސްޓްރީން ކުޅިވަރު ވަޒީރަށް ފޮނުވި ސިޓީއެއްގައި ވަނީ، ބިން ދޫކުރީ އެމަނިކުފާނުގެ ގެރެންޓީއަށް ކަމަށެވެ. އެހެން ނަމަވެސް އިހަކަށް ދުވަހު މަޖިލިސްގައި އެވިދާޅުވީ އެފް.އޭ.އެމް. ގެ ދަރަންޏަށް މުއައްސިސް ޒިންމާވާން ނުޖެހޭނެކަމަށެވެ. އިމާރާތް ކުރަނީ ފީފާ ގެ ފައިސާ ނެގުމަށް ފަހު، ކުލީ ފައިސާއިން ކަން ކޯޓު ހުކުމްތަކާއި، މީޑިއާތަކުން ތިލަވާއިރުވެސް ވަރިހަމަ އެވެ.
އެފް.އޭ.އެމް. އަކީ، ދައުލަތުގެ ބްރޯޑްކާސްޓަރު، ޕީ.އެސް.އެމް. ގެބޯމަތިން އޮޕަރޭޓް ކުރާ ޖަމިއްޔާއެކެވެ. ރާއްޖޭ ކުޅޭ ބައިނަލް އަގުވާމީ ފުޓުބޯޅަ މެޗްތަކުގެ ބްރޯޑްކާސްޓިން ރައިޓްސް އަކީ، އެފް.އޭ.އެމް. ގެ ވެރިންގެ އަމިއްލަ ތަރިކަ ފަދަ އެވެ. އަމިއްލަ ފައިދާއަށް ވިއްކަން ލިބިފައިވާ "ހައްގެއް" ކަމުގައި ދެކެ އެވެ. މިވޯލްޑް ކަޕުން ވެސް މިކަން މިއޮތީ ފެންނާށެވެ. މީޑިއާނެޓަށް ގަތަރު ވޯލްޑް ކަޕް ރައިޓްސް ދޭންޖެހުނު ގޮތެއް އޮޅުމެއް ނުފިލި އެވެ.
ވައްކަން ބޮޑުތާ ޖެހެނީ އިންތިހާބާ ހިސާބުންނެވެ. ރާއްޖޭގެ ފުޓުބޯޅަ ބްރޯޑްކާސްްޓިން ރައިޓްސްގެ އޯނަރަކީ އިންތިހާބު ކަށަވަރުނުވާ، ގާނޫނާ ހިލާފް "ނަހަލާލު" ޖަމާއަތެއްކަން ސާބިތުވީމާ، ޒިނަމާ ނަގާނީ ސްޕޯޓްސް ކޮމިޝަނަރު ބާވަ އެވެ. ވަޒީރު މިހާރު ވިދާޅުވަނީ ތިމަންނާއާ ބެހޭކަމެއް ނޫންކަމަށެވެ!
އެޑިޓަރުގެ ނޯޓް:
ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެއްޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހާމިދަކީ މިހާރު ވެސް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނަވާ ބޭފުޅެކެވެ.