
ވައި ނުސާފު މިންވަރު ބެލުމަށް އެންވަޔަރުމަންޓް މިނިސްޓްރީން ތައްޔާރު ކޮށްފައިވާ އައިކިޔު އެއާ ވިޝުއަލް އެޕުން ދައްކާގޮތުން، މިވަގުތު ކުޅުދުއްފުށި ސިޓީ ސަރަހައްދުގެ ވައި ނުސާފު ވެފައިވަނީ ސިއްހަތަށް ގެއްލުންވާ މިންވަރެއްގައެވެ. އެއީ 171 އެވެ. ވައި ކޮލެޓީގެ މިންގަނޑަށް ބަލާއިރު 151-200 އާ ދެމެދު އާންމުކޮށް އެންމެނަށް ހިތަށާއި ފުއްޕާމެއަށް ނޭދެވޭ އަސަރުކުރުމާއި ބަލި ގޯސްވުމުގެ ފުރުސަތު ބޮޑެވެ.
ވައިގެ ކޮލެޓީ 150-101 ދެމެދު މިންވަރެއްގައި ނަމަ އާންމުކޮށް އެންމެނަށް އަދި ހާއްސަކޮށް ނާޒުކު ހާލަތުގައިވާ ފަރާތްތަކަށް އުނދަގޫތަކާ ކުރިމަތިވުމާއި ނޭވާލާ ނިޒާމުގެ މައްސަލަތައް ދިމާވުމުގެ ނުރައްކާ އޮންނާނެ އެވެ،
ރާއްޖޭގެ އެކި ހިސާބުތަކުގައި ހޭޒް ނުވަތަ ފުސްކަން އިތުރުވެފައި ވަނީ، ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވުމުންދާތީ، ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާ އެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއަށް ފޯރުމުން ކަމަށް މެޓް އޮފީހުން ބުނެ އެވެ.