ads
ރައީސް ސޯލިހް——
ސަރުކާރުގެ ސިޔާސަތަކީ އަސާސީ ހިދުމަތްތައް ދިނުމުގައި ތަފާތު ނުކުރުން: ރައީސް
ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، އަސާސީ ހިދުމަތްތައް ދިނުމުގައި ދިވެހި ރައްޔިތުންގެ މެދުގައި ތަފާތު ނުކުރުން ކަމަށް ރައީސް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވި ހިތޯބުގައި ވިދާޅުވީ، އިންސާނީ އަސާސީ ހައްގުތަކާ ގުޅިފައިވާ ޒަރޫރީ ހިދުމަތްތައް، ދިވެހި ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާ އެކު ފޯރުކޮށްދިނުމަށްޓަކައި، ވަރަށް މުހިންމު މަސައްކަތްތަކެއް މިހާރުވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ރަށްރަށުގައި ގާއިމުނުކުރެވި ހުރި އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރުމަށް ސަރުކާރުން ނިންމައިގެން އެ މަސައްކަތް ކުރިއަށް ގެންދަނީ، އިންސާނީ އަސާސީ ހައްޤުތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، ޤާނޫނުއަސާސީން ދިވެހި ދައުލަތާ މަތިކޮށްފައިވާ ޒިންމާގެ ދަށުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާއިރު، އަޅުގަނޑުމެން މިއަދު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވަނީ، އިންސާނީ ހައްޤުތަކަށް ހުރަސްއެޅޭ ގޮތަށް އަޅުގަނޑުމެންގެ ތެރޭގައި ހުރި ނުރަނގަޅު އާދަތައް ނައްތައިލުމަށް ކަމަށެވެ. 

”ކުޑަކުދިންނަށާއި އަންހެނުންނަށް ކުރާ ޖިސްމާނީ އަދި ޖިންސީ އަނިޔާ އާއި ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށް، މުޅި މުޖްތަމައު އެކުގައި މަސައްކަތް ކުރަންޖެހެއެވެ. އިންސާނީ ހައްޤުތަކަށް އެންމެ ބޮޑަށް ހުރަސްއެޅޭ އިޖްތިމާއީ މައްސަލަތަކާއި ކުށްތައް ހުއްޓުވުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ. އެކަނިވެރިކަމުގައި އުމުރުގެ ފަހު ދުވަސްތައް ގުނަމުންދާ ދޮށީ އުމުރުގެ މީހުންނަށް ހައްގުވާ އާއިލީ ލޯތްބާއި އަޅާލުން ދިނުމަށް ސަމާލުކަން ދޭންޖެހެއެވެ. ހަމައެފަދައިން، މައިންބަފައިންގެ ލޯބިން މަހުރޫމުވެފައިވާ ކުޑަކުދިންނަށް މުޖްތަމައުގެ ތެރެއިން އަޅާލުމާއި ލޯތްބާއި ކުލުނުގެ މާހައުލެއް ފަހިކޮށްދިނުމަކީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމެކެވެ“ ރައީސްގެ ހިތޯބުގައި ވެއެވެ.

މި އަހަރުގެ އިންސާނީ ހައްގުތަކުގެ ދުވަހަށް، އދ. މަޖިލީހުން ކަނޑައަޅާފައިވާ ޝިއާރަކީ، "ކަރާމާތާއި މިނިވަންކަމާއި އިންސާފު، އެންމެންނަށް" މިއެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް