މިނިސްޓާ ޝާހިދު މި ސަމިޓްގައި ބައިވެރިވެވަޑައިގެންފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ވަނީ އޯއޭސީޕީއެސް. ގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ބަޔާން އިއްވައިދެއްވައިފަ އެވެ. އަދި އޯއޭސީޕީއެސްގެ ރިވައިޒްޑް ޖޯޖްޓައުން އެގްރީމަންޓު ގަބޫލުކުރުމުގެގޮތުން ރާއްޖޭގެ ފަރާތުން އިންސްޓްރޫމަންޓް އޮފް އެކްސެޝަން ހުށައެޅުއްވުމުން އެ ޖަމިއްޔާގެ ފުރިހަމަ މެންބަރުކަން ރާއްޖެއަށް ވަނީ ލިބިގެންގޮސްފަ އެވެ.
މިނިސްޓަރު ޝާހިދު ދެއްވި ބަޔާނުގައި އެމަނިކުފާނު ވަނީ، ޖިއޮގްރަފީގެ ގޮތުން ދުރުގައި އޮތް ނަމަވެސް ރާއްޖެ އާއި އޯއޭސީޕީއެސް. ގެ މެންބަރު އެހެން ގައުމުތައް އަބަދުވެސް ގުޅިފައިވަނީ އެއްގޮތް އަސާސްތަކާއި ގޮންޖެހުންތަކުގެ މައްޗަށް ކަމަށް ވިދާޅުވެފަ އެވެ.
ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ދިވެހިރާއްޖޭގެ ތަޖުރިބާ ހިއްސާކޮށް، އެ ޖަމިއްޔާގެ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ އަރުވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލުމަށާއި، އެ ޖަމިއްޔާގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އަށް މަރުހަބާ ދެންނެވިކަމަށްޓަކައި ހުރިހާ މެންބަރު ގައުމުތަކަށް މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
މި ދަތުރުފުޅުގައި ފޮރިން މިނިސްޓާގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ. މި ސަމިޓް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ.