އެތަނަށް ޒިޔާރަތް ކުރާ މީހުންނާއި އެރަށުގެ ރައްޔިތުންނަށް ވަގުތު ހޭދަކޮށްލަން ހިތްފަސޭހަ މައިޒާނެއް ގާއިމްކޮށްފައިވާއިރު އެ މައިޒާނުގައި ބެންޗާއި ހަޓް އަދި އުނދޯލި ހިމެނެއެވެ.
" ތާރީހީ ގޮތުން މުހިންމު "ކޯގަންނު" ބަލަން ޒިޔާރަތްކުރާ މީހުންނަށް މަޑުކޮށްލެވޭނެ ހިތްފަސޭހަ މައިޒާނެއް މިވަނީ މި ޕްރޮޖެކްޓެކްގެ ދަށުން ތަރައްގީކުރެވިފަ. މުޅި ޕްރޮޖެކްޓް ހިންގާފައި މިވަނީ މި ރަށުގެ އަންހެނުން އިސްނެގުމާއި އަމަލީ މަސައްކަތުންކަން ވަރަށް ބޮޑަށް ފާހަގަކުރަން." ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިއެވެ.
އޭގެ އިތުރުން ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ މީހުން ބޭނުންކުރުމަށް އެފަދަ ހިތްފަސޭހަ މައިޒާނެއް ތަރައްގީ ކުރުމަށް އެހީތެރިވެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
"މިރަށަށް އަންނަ ކޮންމެ މީހަކު މި ތަނަށް [ކޯގަންނަށް] ނައިހެއް ނުދޭ. މީގެ އަހަރުތަކެއް ކުރިން މިތަން އޮންނަނީ ވާ ހެދިފައި ފަޅުކޮށް. އަޅުގަނޑުމެން ބޭނުންވީ މިތަނަށް ޒިޔާރަތްކުރާ މީހުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުން. އަމިއްލައަށް ފައިސާ އެއްކޮށްގެން މަސައްކަތް ކުރަން ޖެހުމުން، އެތަން ހިތްފަސޭހަ ކުރުމުގެ މަސައްކަތް ބޭނުންވާ ދުވެލީގައި ކުރިއަށް ގެންދެވޭ ގޮތް ނުވެފަ އޮތްވާ ބީއެމްއެލްގެ އެހީތެރިކަން ލިބުނީ." އެ ޕްރޮޖެކްޓްގައި އެންމެ އިސްކޮށް މަސައްކަތް ކުރި ފަރީދާ އިބްރާހިމް ވިދާޅުވިއެވެ.
ފަރީދާ ވިދާޅުވީ މިއީ އަންހެނުންގެ އިސްނެގުމެއް ކަމަށެވެ. އަދި މުޅި މަސައްކަތް ފުރިހަމަކުރީވެސް އަންހެނުން ކަމަށް ފަރީދާ ވިދާޅުވިއެވެ.
"ރާ ފަޅާ ބީޗް" މިހާރުވެފައި ވަނީ، އަންހެނުންނާއި މެދު އުމުރާއި އުމުރުން ދުވަސްވީ މީހުން އެއްވެ، އިޖްތިމާއީ އެއްވުންތައް ބާއްވާ ތަނަކަށެވެ.
ސިއްހީ ކަންކަމާއި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް މީހުން ހޭލުންތެރި ކުރުމުގެ ސެޝަންތައް އެތަނުގައި ބާއްވަމުންދެއެވެ. އަދި ހާއްސަ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން ކެއުމާއި ސައިވެސް ބާއްވައެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓަކަށް ވާން ޖެހެ އެވެ.
މިއަހަރުގެ ކޮންމެ ކުއާޓަރެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ނިންމާފައިވެ އެވެ.
އެގޮތުން ބީއެމްއެލް އިން ވަނީ މިވޭތުވެދިޔަ އަހަރު 20 ރަށެއްގައި ޕްރޮގްރާމް ހިންގުމަށް އެއްމިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.