
މި ޕްރޮގްރާމް ފަށާފައިވަނީ މާލެ އަތޮޅުގެ ރަށްތަކުގެ ތެރެއިން ރަށް ގިރުމުގެ މައްސަލަ އެންމެ ބޮޑަށް ފާހަގަވެފައިވާ އެއް ރަށް ކަމުގައިވާ ދިއްފުށީގެ ހޭޅިފަށް ސަރަހައްދު ހިމާޔަތް ކުރުމަށް ގަސްއިންދުމުގެ ހާއްސަ ޕްރޮގްރާމަކާއެކުގައެވެ. މި ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ ތިމާވެށީ ހިމާޔަތްކުރުމަށް ވަކާލާތުކުރާ މޫދު ބުޅާ ޑައިވް ސެންޓަރު، އަލޯހާ އުފާ، ބީޗް ކަލްބް، ކްލަބް ކާފު، އެސްޑީއެމް ފާރމިންގް އަދި ދިއްފުށީ ކައުންސިލްގެ އިދާރާ އާއި ގުޅިގެންނެވެ.
މި ޕްރޮގްރާމްގެ ތެރެއިން ދިއްފުށި ސްކޫލުގެ އެލް.ކޭ.ޖީއިން ފެށިގެން ގްރޭޑް 10ގައި ތައުލީމު ހާސިލުކުރަމުންދާ ކޮންމެ ދަރިވަރަކަށް ގަހެއް އިންދުމުގެ ފުރުސަތު ފަހިކޮށްދީފައިވެއެވެ. މިގޮތުން 280 އަށްވުރެ ގިނަ ދަރިވަރުންވަނީ ދިވެހިރާއްޖޭގައި އާންމުކޮށް ހޭޅިފަށުގައި ހެދޭ ގަސްތަކުގެ ތެރެއިން ކުރެދި، މަގޫ، ކާނި، ހިރުނދު، ބޯށި އަދި ދިވެހިރުއް ހިމެނޭ ގޮތަށް 300 ގަސް ސްކޫލުގެ ކުރިމަތީގައިވާ ހޭޅިފަށް ސަރަހައްދުގައި އިންދާފައެވެ.
ހޭޅިފަށުގައި ގިނަ އަދަދަކަށް މިފަދަ ގަސްތަކާއި ރުއް އިންދުމުގެ ސަބަބުން، ގަދަ ވައިންނާއި އުދައެރުންފަދަ ގުދުރަތީ ކާރިސާތަކުން ރަށް ގިރާ ސަރަހައްދު ހިމާޔަތްކޮށްދޭގޮތުގެ މައުލޫމާތު ކުދިންނަށް ފޯރުކޮށްދިނުމުގެ އިތުރުން، ހޭޅިފަށުގައި ހެދޭ ގަސްތަކުގެ އޮށްތަކާއި އޮޔާ ލައްގާ މޫދު ވިނަ ފަދަ ގުދުރަތީ ތަކެތި ހޭޅިފަށުގައި ބެހެއްޓުމުގެ މުހިންމުކަންވެސް ކުދިންނާ ހިއްސާކުރެވުނެވެ.
މީގެ އިތުރުން، ތިމާވެއްޓަށް އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް މައްސަލަކަމުގައިވާ ޕްލާސްޓިކް ޕޮލިއުޝަންއާ ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް (މައިކްރޯ ޕްލާސްޓިކް) އަދި 'ނަރޑަލް ހަންޓް' ގެ ހަރަކާތެއް ކުރިއަށް ގެންގޮސް، ފަސް މިލިމީޓަރަށްވުރެ ކުދިކޮށް ހިމުންވެފައިވާ ޕްލާސްޓިކް ގޮނޑުދޮށުން ހޮވަން ދަސްކޮށްދީފައިވެއެވެ.
ތިން ދުވަހަށް ކުރިއަށް ދިޔަ މި ހަރަކާތްތަކުގައި ގްރޭޑް 6-10ގެ ދަރިވަރުންނަށް އަމާޒުކޮށްގެން 'އޯޝަން އެވެއާނަސް' ޕްރޮގްރާމެއްވެސް ހިންގާފައިވެއެވެ. މި ޕްރޮގަރާމުގައި ފަރުތަކާއި ފަޅުތައް ހިމާޔަތްކުރުމުގެ މުހިންމުކަމުގެ މައުލޫމާތު ކުދިންނާ ހިއްސާކޮށް، ފަރުތައް ބަލާލުމަށާއި ފީނުމާއި ސްނޯކަލްކުރުމުގެ އިތުރުން، ކަމަށް ޝައުގުވެރިވާ ކުދިން 'ޑިސްކަވަ ޑައިވް' ޕްރޮގްރާމް މެދުވެރިކޮށް ޑައިވިންގއަށް ތައާރަފްކުރުމަށް ހާއްސަ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ހަމައެއާއެކު، ކުދިންގެ މެދުގައި މޫދަށް އިތުރަށް ލޯބި ޖެއްސުމުގެ މަގްސަދުގައި، މިދާއިރާގައި މަސައްކަތްކުރުމަށް ދިވެހިރާއްޖޭގައި ހުންނަ ގިނަ ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކޮށް، 'ސްޓޭންޑް އަޕް ޕެޑަލް' ބޯޑިންގް އަދި ސެއިލިން ފަދަ ތަފާތު މޫދު ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ކުދިންނަށް ފަހިކޮށްދީފައިވެއެވެ.