
މިބައްދަލު ކުރެއްވުމުގައި، ފަރެސްމާތޮޑާ ކައުންސިލުން ވަނީ މިސަރުކާރުން ފަރެސްމާތޮޑާގެ ތަރައްގީއަށް ގިނަ މަޝްރޫތަކެއް ހިންގަމުންދާކަން ފާހަގަކުރައްވާފައެވެ. މިބައްދަލުވުމުގައި ކައުންސިލުން ވިދާޅުވީ، އެކައުންސިލުން އެންމެ އިސްކަންދޭ ހަތް ކަމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށައަޅުއްވާފައިވާ ކަމަށެވެ. އޭގެ އިތުރުން ކައުންސިލް އިދާރައިގެ ޖާގައިގެ ދަތިކަމާއި، ކޮންފަރެންސް ހޯލެއް ނެތުމުގެ ދަތިކަން ކައުންސިލުން ފާހަގަކުރައްވާފައިވެއެވެ. އަދި ކައުންސިލުން ވަނީ، ފަރެސްމާތޮޑާގެ ބަނދަރުން އެއާޕޯޓަށް ދަތުރުކުރަން އޮންނަ މަގުހެދުމާއި، ކުނި މެނޭޖުކުރުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމާއި، ރަށުގައި ބޭންކިންގެ ހިދުމަތް ގާއިމްކުރަން ބޭނުންވާކަމުކަމުގައި ވެސް ދަންނަވާފައެވެ.
މީގެ އިތުރުން މިބައްދަލުވުމުގައި ފަރެސްމާތޮޑާ ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް ހިންގޭ މަޝްރޫއުތަކާއި އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުން އެކައުންސިލަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަން ފާހަގަކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމަނިކުފާނު ފަރެސްމާތޮޑާއަށް ވަޑައިގެންނެވުމުން ރަށުގެ ރައްޔިތުންގެ ފަރާތުން ދެންނެވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފަރެސްމާތޮޑާ ހިމެނޭ މިސަރަހައްދަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރެވޭ ސަރަހައްދުކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން މަސައްކަތްކުރައްވަމުން ދަނީ، ރަށްރަށުގެ ތަރައްގީއަށް ހިންގޭ މަސައްކަތްތަކުގައި ކައުންސިލްތަކާއި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އާއިއެކު ކުރިޔަށް ދިޔުމަށްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލުންނާއި، އ.ތ.މ ކޮމިޓީން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން، ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކާގުޅިގެން މަޝްވަރާކުރައްވައި އެކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.