
އިނގިރޭސިވިލާތަށް މިހާރު ކުރަމުންދާ ފިނި މޫސުމުގެ ސަބަބުން އެގައުމުގެ ސޮލިހުލް ނަކަމަށް ކިޔާ ކޯރު ވަނީ މުޅިންހެން ގަނޑުވެފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ރޭގެ ވަގުތެއްގައި އެ ކޯރުގައި އަށް ވަރަކަށް ކުދިން ކުޅެން އުޅެނިކޮށް ގަނޑުފެންގަނޑު ކަނޑައިގެން ގޮސް ކޯރު ތެރެއަށް ކުދިންތައް ވެއްޓުނީ ކަމަށެވެ. އެ ކުދިން ސަލާމަތް ކޮށްގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަނިކޮށް މިއަދުގެ ވަގުތެއްގައި އޭގެ ތެރެއިން ތިން ކުއްޖަކު މަރުވެފައި ވާކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
މަރުވެފައި ވަނީ، އުމުރުން 12 އަހަރުގެ ދެ ކުދިންނާއި 10 އަހަރުގެ ކުއްޖެކެވެ. އަދި އުމުރުން އަށް އަހަރުގެ ކުއްޖަކަށް އަންނަނީ، ފަރުވާ ދެމުންނެވެ.
އެ ކޯރަށް ވެއްޓުނު ކުދިން ކޯރުން ސަލާމަތް ކުރެވުނީ، ކުދިން ވެއްޓުނުތާ ގަޑި އެއްގެ އިރު ފަހުން ކަމަށާއި، އެ ކުދިން ސަލާމަތް ކުރުމަށް އުނދަގޫވީ، ކޯރު ވަރަށް ބޮޑަށް ގަނޑުވެފައި އޮތުމުން ކަމަށް، އެގައުމުގެ އިދާރާތަކުން ވަނީ ބުނެފަ އެވެ.
މި ހާދިސާ އާއި ގުޅިގެން އެގައުމުގެ އިދާރާތަކުން ވަނީ، ކުޑަކުދިން އެކަނި ގަނޑުވެފައި ހުންނަ ކޯރުތައް ކައިރި އަށް ކުޅެން ނުފޮނުވުމަށް އާއިލާތަކަށް އިލަތިމާސް ކޮށްފަ އެވެ. އަދި ކޯރުތައް ގަނޑުވެފައި ހުންނަ އިރު، ގަނޑުފެންތައް މައްޗަށް އަރާ އުޅުންވެސް މިހާރު ވަނީ މަނާ ކޮށްފަ އެވެ.