ads
"ސްމާޓް ސިޓީ" އެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީ ކުރަން ވާވޭ އަށް
"ސްމާޓް ސިޓީ" އެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީ ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ވާވޭ ލަންކާ ޕްރައިވެޓް ލިމިޓެޑާ ދެމެދު ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
Advertisement

އެޗްޑީސީ އާއި ވާވޭ އާ ދެމެދު މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ވާވޭ އިން ސްމާޓް ސޮލިއުޝަންތައް ޑިޒައިންކޮށް ތަންފީޒު ކުރުމަށް ބޭނުންވާ ފަންނީ ލަފާ އެޗްޑީސީ އަށް ދޭނެ އެވެ. ވާވޭ އަކީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ އިންފްރާސްޓްރަކްޗާ އާއި ސްމާޓް ޑިވައިސްތައް ފޯރުކޮށް ދިނުމުގައި ފާހަގަ ކޮށްލެވޭ ކުންފުންޏެކެވެ.

އެޗްޑީސީ އާއި ވާވޭ އިން ގަބޫލުކުރާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން އެޗްޑީސީގެ ސްމާޓް ސިޓީ އިނިޝިއޭޓިވް އަށް ތަފާތު ފައިދާތަކެއް ލިބިގެން ދިއުމާ އެކު ރާއްޖޭގެ ފުރަތަމަ ސްމާޓް ސިޓީއަކަށް ހުޅުމާލެ ބަދަލުކުރުމަށް ބޭނުންވާ ތަޖުރިބާ އާއި ޑިޖިޓަލް ސޮލިއުޝަންތައް ހޯދައިދެވޭނެ އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވާވޭ ލަންކާ ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ ޓާއޯ ވިދާޅުވީ ވާވޭ އިން ރާއްޖޭގައި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ (އައިސީޓީ) އިންފްރާސްޓްރަކްޗާ އާއި ސޮލިއުޝަންތައް ހޯދައިދިނުމުގައި 12 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ކަމަށެވެ. ވާވޭ އިން "އިން މޯލްޑިވްސް، ފޯ މޯލްޑިވްސް" ގެ މި ތަސައްވުރު ދަމަހައްޓަނީ ރާއްޖޭގެ އިގުތިސާދު ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފުރިހަމަ އަށް ގުޅިފައިވާ ގައުމަކަށް ރާއްޖެ ހެދުމަށާއި ކޮންމެ ފަރުދަކަށް، ގެއަކަށް އަދި ޖަމިއްޔާއަކަށް ޑިޖިޓަލައިޒޭޝަން ގެނެސްދިނުމަށް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ޑިޖިޓަލް ޓްރާންސްފޯމޭޝަން ހަލުވިކުރުމަށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސްމާޓް ސިޓީ، ސްމާޓް ޓުއަރިޒަމް އަދި ސްމާޓް އެޑިޔުކޭޝަން އާ ގުޅޭގޮތުން ދުނިޔޭގެ އެކި ހިސާބުތަކުން ވާވޭ އިން ކޮށްފައިވާ ތަޖުރިބާތައް ހިއްސާކުރާނެ ކަމަށް ވެސް ވާވޭގެ ސީއީއޯ ވިދާޅުވި އެވެ.

ސްމާޓް އަދި ބަދަހި މުޖުތަމައެއް ބިނާ ކުރުމުގެ އުންމީދީ ތަސައްވުރަކާ އެކު އެޗްޑީސީން ދަނީ ސްމާޓްކޮމްގެ ނަމުގައި ހާއްސަ ބްރޭންޑެއް ތައާރަފުކޮށް ހުޅުމާލެ އަކީ ޑިޖިޓަލް ގޮތުން ކުރިއަރަމުން އަންނަ ސްމާޓް ސިޓީ އަކަށް ހެދުމަށް މަގުފަހި ކުރަމުންނެވެ. އެގޮތުން އެޗްޑީސީން ދަނީ ޑިޖިޓަލް އިންފްރާސްޓްރަކްޗަ އަށް އިންވެސްޓްކޮށް، ދެމެހެއްޓެނިވި އާބަން ޑިވެލޮޕްމަންޓެއް ގެނައުމަށް އާ ޓެކްނޮލޮޖީތަކާއި ސްމާޓް ސޮލިއުޝަންތައް ދެނެގަންނަމުންނެވެ. ބޭނުމަކީ އެކަންކަމުގެ ބޭނުން ހިފައި އިޖުތިމާއީ ބައިވެރިވުން ކަށަވަރު ކުރުމާ އެކު މޮބިލިޓީ އިތުރުކޮށް، ރައްކާތެރި، ސާފު މާހައުލެއް ގާއިމުކޮށް ދިރިއުޅެވޭނެ ސިޓީ އެއް އުފެއްދުން ކަމުަގައި އެޗްޑީސީން ހާމަކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް