ހަމަނުޖެހުންތައް ކުރިއަށްދާތާ މިއަދަށް މިއީ ތިންވަނަ ދުވަހެވެ. ރިޕޯޓުތައް ބުނާ ގޮތުން މުސްލިމުން ދިރިއުޅޭ ގެތަކާއި، މުސްލިމުން ހިންގާ ފިހާރަތަކަށް އަމާޒުކޮށް ދަނީ ހަމަލާތައް ދެމުންނެވެ.
މިއީ ފަހުގެ ތާރީހެއްގައި ދިއްލީގައި ހިނގަމުންދާ އެންމެ ބޮޑު ހަމަނުޖެހުމެވެ. މިދިޔަ އާދީއްތަ ދުވަހު އެންމެ ފުރަތަމަ ހަމަނުޖެހުން އުފެދުނީ ސިޓިޒެންޝިޕް ގާނޫނާ ދެކޮޅަށް މުޒާހަރާ ކުރަމުން ދަނިކޮށެވެ.
ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން މިހާރު ހަމަނުޖެހުން ބަދަލުވެފައި ވަނީ މުސްލިމުންނަށް އަމާޒުކޮށްގެން ހަމަލާތައް ދިނުމަށެވެ. އެގޮތުން ހިންދޫއިންގެ ގްރޫޕުތަކުން މީހުންނަށް ހަމަލާދޭ މަންޒަރު ސޯޝަލް މީޑިއާއިން ދަނީ ފެންނަމުންނެވެ.
އެންމެ ބޮޑަށް ހަމަނުޖެހުން ހިނގަމުންދާ ސަރަހައްދުތަކަށް އެތެރެވުމުގައި ދަތިތަކެއް ހުރިއިރު، މަރުވި މީހުންގެ ތެރޭގައި މުސްލިމުންނާއި ހިންދޫއިން ވެސް ހިމެނެ އެވެ.
މިހާރު ހިނގަމުންދާ ހަމަނުޖެހުމާ ދެކޮޅަށް ދިއްލީ ހައި ކޯޓަށް ޕެޓިޝަނެއް ވައްދާފައި ވާއިރު، އެ ކޯޓުން ބުނެފައި ވަނީ 1984 ގައި ހިނގި ފަދަ ކަމެއް އަލުން ހިނގުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
އެ އަހަރު ސިކް މީހުންނާ ދެކޮޅަށް ދިއްލީގައި ބޭއްވި އެއްވުންތައް ހަމަނުޖެހުމަށް ބަދަލުވެ، ސިކް ދަރިކޮޅުގެ 3000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.
ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ސުލްހައަށް ގޮވާލައްވާފަ އެވެ. އަދި އަމަންއަމާންކަން ގާއިމް ކުރުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އިދިކޮޅު ލީޑަރު ސޯނިއާ ގާންދީ ވިދާޅުވީ ހަމަނުޖެހުމުގެ ޒިންމާ އުފުލަން ޖެހިވަޑައިގަންނަވާނީ ހޯމް މިނިސްޓަރު އަމިތު ޝާހު ކަމަށާއި، އޭނާ އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.
ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކެޖްރިވާލް ވެސް ވަނީ ހަމަނުޖެހުންތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ، އަސްކަރިއްޔާގެ އެހީތެރިކަމަށް ގޮވާލައްވާފަ އެވެ.
ހަމަނުޖެހުން އެންމެ ބޮޑަށް ހިނގަމުންދަނީ ދިއްލީގެ މުސްލިމުން ގިނަ ހިސާބުތަކުގަ އެވެ. އޭގެ ތެރޭގައި މައުޖްޕޫރް، މުސްތަފާއާބާދު، ޖަފްރްއާބާދު އަދި ޝިވް ވިހާރު ހިމެނެ އެވެ.