ރާއްޖެ އާއި ޗައިނާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ މި އަހަރަށް 50 އަހަރު ފުރިފައިވާތީ އާ ދެ ގައުމުގެ ދެމެދު އޮތް "ބެލްޓް އެންޑް ރޯޑް" އެއްބަސްވުމުގެ ދަށުން ބޭއްވި ބިޒްނަސް ފޯރަމްގައި މިނިސްޓަރު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ދެކޭ އިގުތިސާދީ ތަސައްވުރު ހާސިލުކުރުމަށް ޕްރައިވެޓް އެންޓްރޮނާޝިޕާއި އިންވެސްޓުމަންޓުތައް ބޭނުންވާ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވިގޮތުގައި އިގުތިސާދީ ގޮތުން ގައުމަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އެކުލަވާލާފައިވާ ނެޝެނަލް ރެޒިލިއެންސް އެންޑް ރިކަވަރީ ޕްލޭނާ އެކީ އެކަމުގައި ހިމެނޭ ދާއިރާތަކަށް އިންވެސްމަންޓުތައް ވަރަށް މުހިންމު ކަމަށެވެ.
ނެޝެނަލް ރެޒިލިއެންސް އެންޑް ރިކަވަރީ ޕްލޭނުގައި ހިމެނޭ ދާއިރާތަކަކީ ސްޓްރެޓީޖިކް އިންފްރާސްޓްރަކްޗާ އެސެޓުތައް ގާއިމު ކުރުމާއި ޑީސެންޓްރަލައިޒް ކުރުމާއި ޑައިވަސިފިކޭޝަން އާއި ޓޫރިޒަމް ފުޅާކުރުމާއި ތިމާވެށި ހިމާޔަތް ކުރުމާއި އެސްއެމްއީގެ ދައުރު އިތުރު ކުރުމާ އަދި މަސްވެރިކަމުގެ ދާއިރާގައި ހުރި ފުރުސަތުތައް އިތުރު ކުރުންކަން ހާމަކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ދާއިރާތަކަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އިންވެސްޓުމަންޓަށް ގިނަ ފުރުސަތުތަކެއް ހުރި ދާއިރާތަކެއް ކަމަށެވެ.
"ސަރުކާރުން އެކުލަވާލާފައިވާ ރިކަވަރީ އެންޑް ރެޒިލިއެންސް ޕްލޭންގައި ހުރި ކަންތައްތަކާ އެއްވަރަށް ބޭރުގެ އިންވަސްޓުމަންޓުތައް މުހިންމު. ސަރުކާރުން މި އެދޭ އިގުތިސާދީ ތަރައްގީ އާއި ތަސައްވުރަށް ވާސިލުވުމަށް ބޭރުގެ އިންވެސްޓުމަންޓުތައް ވަރަށް މުހިންމު،" މިނިސްޓަރު ފައްޔާޒް
މިނިސްޓަރު ވިދާޅުވި ގޮތުގައި މަސްވެރިކަމުގެ ދާއިރާ އަކީ ރާއްޖޭގައި މައިގަނޑު އެކްސްޕޯޓު ކުރާ މުދާ އުފައްދާ ދާއިރާ އަށް ވާއިރު، އެ ދާއިރާއިން އެކްސްޕޯޓް އިތުރު ކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ޗައިނާ އިން ވެސް މަޝްވަރާ ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ.
ފޮރިން އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓު ކުރުމުގެ ހުރިހާ ކަމެއް ނިމެންދެން އެހީތެރިވެދޭނެ "ވަން ސްޓޮޕް ޝޮޕެއް" ވެސް ގާއިމުކޮށްފައިވާ ކަަމަށާއި އެ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ހިދުމަތްތައް ޑިޖިޓައިޒްކޮށް، 90 އިންސައްތަ ބިޒްނަސް ރަޖިސްޓްރޭޝަން މިހާރު އޮންލައިންކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ އިންވެސްމަންޓް ފްރޭމްވޯކުގެ ސަބަބުން ދެ ފުށް ފެންނަ، މިނިވަން މާހައުލެއްގައި ކޮމާޝަލް ޓްރެއިނިންތަކަށް މަގުފަހިކޮށްދީފައިވާ ކަމުގައެވެ. އިންވެސްޓުމަންޓު ފުރުސަތުތައް އިތުރުކުރުމަށް ފޮރިން އިންވެސްޓުމަންޓު ގާނޫނާއި ކޮމްޕެނީ ގާނޫނާއި އެ ދާއިރާއާ ގުޅުން ހުރި ގިނަ ގާނޫނުތަކަކަށް އިސްލާހު ގެނެސްފައިވާ ކަމުގައި ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގެ ތަރައްގީ އަށް ޗައިނާއިން ދޭ އެއްބާރުލުން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިހާރު ލިބެމުން އަންނަ އެއްބާރުލުމުގެ އިތުރުން، ޗައިނާގެ އިންވެސްމަންޓުތަކަކަށް ފޯރަމުގެ ސަބަބުން އިތުރު ފަހިކަމެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މި ބިޒްނަސް ފޯރަމްގައި ރާއްޖެ އާއި ޗައިނާ އިން އިގުތިސާދީ މުހިންމު އެކި ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމުގެ އިތުރުން ޗައިނާއަށް ރާއްޖޭގައި ހުރި އިގުތިސާދީ ގިނަ ފުރުސަތުތަކުގެ މައުލޫމާތު ވެސް ދޭނެ އެވެ.