މާލެސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރަށް އެކުލަވާލި ސްޓްރެޓްޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ 2000 ސޯޝަލް ހައުސިންގް ޔުނިޓް މަޝްރޫއުގެ ދަށުން މާލެ ހިޔާ ސިނަމާލެ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއުގެ ފަންނީ އަދި އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ.
މި މަޝްރޫއުގެ އިދާރީ ކަންކަން ކުރިއަށް ގެންދިއުމަށް ފާސްކޮށްފައިވަނީ ކައުންސިލްގެ 80 ވަނަ ރަސްމީ އާއްމު ޖަލްސާގަ އެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ ގޮތުން ފާއިތުވި ދޮޅު އަހަރުތެރޭގައި މާލެ ސިޓީ ކައުންސިލުން ކުރެވުނު ގިނަ މަސައްކަތްތަކުގެ ތަފްސީލް މޭޔަރު މުއިއްޒު ވަނީ ހިއްސާ ކުރައްވާފަ އެވެ. މީގެ އިތުރުން މޭޔަރު ވަނީ ލޭންޑް ޔޫސް ޕްލޭން ފާސްނުވެ ދިގުލައިގެންދާ ދިއުމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
މި މަޝްރޫއު ކުރިއަށްގެންދިއުމަށްޓަކައި އިދާރީ އަދި ފަންނީ މަސައްކަތްތައް ކައުންސިލުން ފެށުމަށް ނިންމިނަމަވެސް މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ދެންހުރި މަރުހަލާތަކަށް ފަސޭހަ ވެގެންދާނީ ސަރުކާރުން ލޭންޑް ޔޫސް ޕްލޭން ފާސްކޮށްދިނުމުން ކަމުގައި މޭޔަރު ވިދާޅުވި އެވެ.
އެހެންކަމުން ލޭންޑް ޔޫސް ޕްލޭން ފާސްކޮށްދިނުން އަވަސް ކުރުމަށް ޕްލޭނިންގް މިނިސްޓްރީއަށް އަދިވެސް ދަންނަވާނެ ކަމުގައި މޭޔަރު ވަނީ ވިދާޅުވެފަ އެވެ.
މާލެ ހިޔާ ސިނަމާލެ ފްލެޓް މަޝްރޫއުއަކީ މާލެ ސިޓީ ކައުންސިލްގެ މި ދައުރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ 2000 ހައުސިން ޔުނިޓްގެ ތެރެއިން ކުރިއަށްދާ މަޝްރޫއުއެކެވެ. އެގޮތުން މާލެ ހިޔާ ސިނަމާލެ ސަރަހައްދު އެއްކޮށް ތަރައްގީކޮށް ނިމޭއިރު 1300 ހައުސިން ޔުނިޓް އަޅާނިމޭނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތް ކުރެވޭ ފްލެޓްތަކުގެ ތެރެއިން 60 އިންސައްތަ އަކީ ސޯޝަލް ހައުސިން އެވެ. އަދި 40 އިންސައްތަ އަކީ މެދު ފަންތީގެ ބޯހިޔާވަހި ކަމަށް ހާއްސަ ތަންތަން ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.