ދަރުބާރުގޭގައި މިހާރު ފަށައިގެން ކުރިއަށްދާ 10 ވަނަ ލިވިން އެކްސްޕޯގައި ތިލަފުށީގެ މާސްޓާޕްލޭން އިފްތިތާހުކޮށް ދެއްވުމަށް ފަހު މިނިސްޓަރު ފައްޔާޒު ވިދާޅުވި ގޮތުގައި ތިލަފުށި މާސްޓަ ޕްލޭނާ އެކު މާލެ ސަރަހައްދުގެ ވިޔަފާރިތަކަށް އޮތް ބިމުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.
އެޗްޑީސީން ބުނީ ތިލަފުށި މާސްޓަ ޕްލޭންގެ އަމާޒަކަށް ވެފައިވަނީ ސިނާއީ އެކި މަސައްކަތްތައް ކުރުމަށް މިހާރު ކުރިމަތިވެފައި ހުރި ގިނަ ގޮންޖެހުންތަކަށް ހައްލު ހޯދައި ދިނުން ކަމަށާއި އެ ގޮތުން ވިޔަފާރިތައް ހިންގުމަށް ޖާގައިގެ އެތައް ދަތިތައް ހައްލުކޮށް ދިނުން ކަމަށެވެ.
އާންމުން ދިރިއުޅޭ ތަންތަނުގައި ގަރާޖުތަކާއި ވެއާ ހައުސްތައް ހުރުމުން ދިމާވާ ނުރައްކާތެރި ހާދިސާތައް ގިނަވެފައި ވުމާއެކު އެފަަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް މާލެ ސަރަހައްދުން ޒަމާނީ ވަސީލަތްތަކާ އެކު ސިނާއީ ސަރަހައްދެއް ތަރައްގީ ކޮށް ހުރިހާ ސިނާއީ މަސައްކަތްތަކެއް އެތަނަށް ބަދަލުކުރުމަކީ ވެސް މާސްޓަ ޕްލޭނުގެ އަމާޒެއް ކަމަށް އެޗްޑީސީން ބުނެ އެވެ.
ތިލަފުށީގެ މާސްޓާޕްލޭން އިފްތިތާހުކޮށް ދެއްވުމަށް ފަހު މިނިސްޓަރު ފައްޔާޒު ވިދާޅުވި ތިލަފުށި މާސްޓަ ޕްލޭނާ އެކު އަގުހެޔޮކޮށް ބިން ކުއްޔަށް ހިފުމުގެ ފުރުސަތު ވިޔަފާރިތަކަށް ހުޅުވިގެންދާނެކަމަށާއި އެކަމުގެ ސަބަބުން މުދަލުގެ އަގުތައް ވެސް ދަށަށްދާނެކަމަށެވެ.
"ތިލަފުއްޓާއި ގުޅީފަޅު ހިމެނޭހެން ފަށާފައިވާ މަޝްރޫއުތަކާ އެކު މާލޭގައި ހުރި ހުރިހާ ސިނާއީ މަސައްކަތްތަކެއް އެތަންތަނަށް ބަދަލު ކުރާނެ. ބްރިޖްގެ މަޝްރޫއުގެ ފައިދާވެސް އެންމެ ބޮޑަށް ކުރާނީ މި ސިނާއަތްތަކަށް. އަގުހެޔޮކޮށް މުދާ ރައްކާކުރެވޭނެ ފުރުސަތުގެ ސަބަބުން މުދަލުގެ އަގުތައް ދަށްވާނެ،" މިނިސްޓަރު ފައްޔާޒް
މާސްޓާޕްލޭން އާއެކު ތިލަފުށިން 152 ހެކްޓަރުގެ ބިން ހިއްކާ، ކުދި ވިޔަފާރިއަށް ދޫކުރާ ބިންތަކާ އެކު ބޮޑެތި މެނުފެކްޗަރިން އިންޑަސްޓްރިއަލް މަސައްކަތްތަކަށް 5،000 - 35،000 އަކަފޫޓުގެ ބިން ދޫކުރުމަށް ވަނީ ނިންމާފަ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ މި ޕްލޭންގައި ތިލަފަޅު ތިން ބަޔަކަށް ބަހާލައިގެން 151 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. މުދަލުގެ އަގުތައް އެންމެ ބޮޑަށް އުފުލެން ދިމާވި މައްސަލައަކީ މާލެއިން ބިން ނަގައިގެން ގުދަން ކުރުމުން ހިނގާ ހަރަދުތައް ކަމަށާއި މި ޕްލޭނުން އެކަމަށް ހައްލު ހޯދައިދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ޕްރޮޖެކްޓާ އެކު އެކި ބާވަތްތަކުގެ ވިޔަފާރިތަކަށް ބިން ހާއްސަ ކުރާނަން. އަދި އިތުރު ބާވަތުގެ ވިޔަފާރިތައް ރާއްޖޭގައި ފެށުމަށް ފުރުސަތަކަށް ވާނެ. އިގުތިސާދަށް އަންނަ ކުރިއެރުމާ އެކު، ވަޒީފާގެ ގިނަ ފުރުސަތުތަކެއް ވެސް މި މަޝްރޫއިން އުފެދޭނެ،" އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވި އެވެ.