ads
ޖާބިރު
ޑީއާރުޕީ އުވާލަން ނިންމުމުން އީސީ ގޮވައިގެން ކޯޓަށް
ދިވެހި ރައްޔިތުންގެ ޕާޓީ އުވާލުމަށް އިލެކްޝަން ކޮމިޝަނުން ނިންމުމަކީ، ޑިމޮކްރަސީ ފުނޑާލުމަށް އިލެކްޝަންސް އިން ފެށި މަސައްކަތެއް ކަމަށާއި، އެކަން ކޯޓަށް ހުށަހަޅާނެ ކަމަށް އެ ޕާޓީއިން ބުނެފި އެވެ.

އިލެކްޝަން ކޮމިޝަނުން ޑީއާރުޕީ އުވާލުމަށް ނިންމީ، ދިން މުއްދަތުގެ ތެރޭ ޕާޓީއަށް މެމްބަރުން ހަމަ ނުކުރެވުމުގެ ސަބަބުންނެވެ. އަދި ޑީއާރުޕީގެ ނަމުގައި އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިއުމަށް އީސީ އިން ވަނީ އަންގާފަ އެވެ. 

މިކަމާއި ގުޅިގެން ރޭ ޑީއާރުޕީ އިން ނެރުނު ބަޔާނެއްގައި ވަނީ، އީސީ އިން އެ ޕާޓީ އުވާލުމަށް ނިންމުމުން އެކަން ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ. އަދި އެކަން ކޯޓުން ކާމިޔާބު ނުވެއްޖެނަމަ ޖޭޑީޕީގެ ނަމުގައި އިތުރު ސިޔާސީ ޕާޓީއެއް އުފައްދާނެ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ. 

އެ ޕާޓީއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އެ ޕާޓީއަށް އީސީއިން ދިން މުއްދަތުގެ ތެރޭ މެމްބަރުން ހަމަ ނުކުރެވުނީ، މިހާރުގެ ޑީއާރުޕީގެ ލީޑާޝިޕުން 2019 ވަނަ އަހަރު ޕާޓީ އާއި ހަވާލުމާއި އެކު އޭގެ ކުރިން އެ ޕާޓީ ހިންގުމާއި ހަވާލުވެތިބި ފަރާތްތަކުން ކުރި ކަންކަމުގެ ސަބަބުން ދައްކަން ޖެހޭ ދަރަނިތައް ދެއްކުމާއި، އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރަން ހަދައިގެން ކަމަށެވެ. 

އަދި އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް، މުޅި ދުނިޔަށް ކުރިމަތިވި ކޮވިޑް-19 ގެ ސަބަބުންވެސް ޕާޓީއަށް މެމްބަރުން ހަމަކުރުމަށް ދަތިތަކާއި ކުރިމަތިވި ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

"2022 ވަނަ އަހަރު މަސައްކަތްތައް ފެށޭވަރުވުމުން، ގާނޫން ބުނާ މިންވަރަށް ޕާޓީއަށް މީހުން ހަމަކުރުމުގެ މަސައްކަތް ފެށިއިރު، އީސީ އިން ވަނީ ޕާޓީގެ މެމްބަޝިޕް ފޯމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ. ފޮޓޯ ޖަހައިގެން ލައިވް ކެމެރާގަ ސޮއި ކުރުންފަދަ ކަންކަމަކީ، ކުއްލިއަކަށް ތައާރަފް ކުރެވުނު ކަންކަމަށްވީ ހިނދު މި ޕާޓީއަށް މި މަސައްކަތުގައި، މުއްދަތު ހަމަވި އިރު މިވަނީ، ކުރީން ތަސައްވަރު ކޮށްފައިނުވާ ފަދަ ދަތިހާލަތުތަކެއް ދިމާވެފަ." ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޑީއާރިޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިކަންކަން މިހެން ހުރިކަން ޕާޓީ ތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އީސީ ގައި ދަންނަވަމުން ދަނިކޮށް، ޑީއާރުޕީ އުވާލުމަށް އީސީ އިން އިއުލާން ކުރުމަކީ، ޑިމޮކްރަސީ ފުނޑާލުމަށް އިސީ އިން ފެށި މަސައްކަތެއް ކަމަށް އެޕާޓީއިން ދެކޭ ކަމަށެވެ. 

"ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޕާޓީގެ ޓިކެޓުގައި ކުރިމަތިލާފައިވާ ވަގުތެއްގައި ޕާޓީ އުވާލުމަށް ނިންމުމަކީ، ޑިމޮކްރަސީ އާއި ނުހަނު ބީރައްޓެހި އަމަލެއް."

ރާއްޖޭގައި ދެވަނަ އަށް އެންމެ ޒަމާންވީ ޕާޓީ އުވިގެން ނުދިއުމަށް މަސައްކަތް ކުރަމުން ދަނިކޮށް، އެކަން އީސީ އިން ހުއްޓުވުމުން އެކަން ކޯޓަށް ހުށަހަޅައިގެން ހައްލު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށާއި ކޯޓުން އެކަން ކާމިޔާބު ނުވެއްޖެނަމަ، ޖޭޑީޕީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ. 

އަދި އީސީ އިން ޑީއާރުޕީގެ ނަމުގައި އެއްވެސް ކަމެއް ނުކުރުމަށް އަންގާފައި ވުމުން، ޕާޓީއާއި ގުޅޭ ދަރަނީގެ ކަންކަން އިލެކްޝަން ކޮމިޝަނަށް ގުޅައިގެން ކުރިއަށް ގެންގޮސް އެމައްސަލަތަކަށް ހައްލު ހޯދުމަށްވެސް ޑީއާރުޕީއިން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފަ އެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް