ads
ކަންނެލި މަސްވެރިންނާ އެކު ކަމާ ގުޅުންހުރި ފަރާތްތަކުން ބޭއްވި ބައްދަލުވުން. ފޮޓޯ:އިކޮނޮމިކް މިނިސްޓްރީ
ކަންނެލި މަސްވެރިންގެ ދަތިތަކަށް ހައްލު ހޯދައިދެނީ
ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ފަށައިފި އެވެ.

ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަންގެ އިތުރުން  ކަންނެލީގެ މަސްވެރިކަން ކުރާ މަސްވެރިންނާއެކު  އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އާއެކު ބޭއްްވި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ކަންނެލީގެ މަސްވެރިކަން ކުރިއެރުވުމަށް މި ދާއިރާގައި ހުރި ދަތިތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން އިތުރަށް ބުނީ އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ކަންނެލީގެ މަސްވެރިކަން ރާއްޖޭގައި ކުރިއެރުވޭނެ ގޮތަކާއި މިހާރު ހުރި ދަތިތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން ނެވެ. އަދި މަސް ގަންނަ ކެޕޭސިޓީ އިތުރު ކުރުމާއި ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް އިތުރު މާކެޓުތައް ހޯދުމާއި ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ. 

މިހާރު ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ވޯކިން ގުރޫޕެއް އެކުލަވާލުމަށް ބައްދަލުވުމުގައި ނިންމުނު ކަމަށާއި އެފަދަ ގުރޫޕެއް އުފެދިގެން ދިއުމުން މަޝްވަރާ ބައްދަލުވުންތައް ހަރުދަނާ ވެގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މަސްވެރިކަމުގެ ސިނާއަތުގައި ހުރި ދަތިތައް ދެނެގަނެ، މި ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ދަނީ މަސްވެރިންނާ އެކު ބައްދަލުވުންތަކެއް ބާއްވަމުންނެވެ. މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މާލެ ސަރަަހައްދުން މަސްވެރިން ގަންނަ ތެލުގެ އަގު ހެޔޮކޮށް ދިނުމުގެ ގޮތުން، ހާއްސަ ރޭޓެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ސަރުކާރު ހިއްސާވާ އެފްއެސްއެމް މެދުވެރިކޮށް ހުޅުމާލެ މަސްވެރިންގެ ޖެޓީން ލިބޭނެ ގޮތް ވަނީ ހަމަޖައްސައިދީފައެވެ. މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާ އެކު، މިފްކޯ ގެ ކެޕޭސިޓީ އިތުރުކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް