ads
ރިލްވާން އާއި އޭނާގެ މަންމަ--
ކޮމިޝަނުގެ މަސައްކަތާއިމެދު ހިތްހަމަޖެހޭ، އިންސާފު ލިބޭނެކަމުގެ އުންމީދު އާވެއްޖެ: އާއިލާ
ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ އާއި ގުޅިގެން މަރު ކޮމިޝަނުން ކުރި މަސައްކަތާއިމެދު ހިތްހަމަޖެހޭ ކަމަށް އާއިލާއިން ބުނެފި އެވެ. 

ރިލްވާންގެ މައްސަލައާއި ގުޅިގެން މަރު ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު، ތައްޔާރު ކުރި ރިޕޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ އަރުވާފަ އެވެ.

މި ރިޕޯޓު އާންމުނުކުރާނެކަމަށް ކޮމިޝަނުން ބުނެފައިވާއިރު، މިވަގުތުން ވަގުތަށް ކުރަންޖެހޭ ކަންކަމުގެ ލަފާތައް ރިޕޯޓުގައި އަރުވާފައި ވެއެވެ. މިކަމާއި ގުޅިގެން ރިލްވާންގެ އާއިލާއިން ބުނިގޮތުގައި، މައްސަލައަކީ ހާއްސާސް މައްސަލައަކަށް ވުމުން މަރު ކޮމިޝަނުން ތައްޔާރުކުރި އެ ރިޕޯޓު އާއިލާއާއި ވެސް ހިއްސާ ނުކުރެ އެވެ. އަދި ޝަރީއަތްތައް ވެސް ކުރިއަށްދަނީ އާއިލާއިން ނުވައްދާ ސިއްރުކޮށްގެން ނެވެ. ނަމަވެސް ކޮމިޝަނުގެ މަސައްކަތްތަކާއިމެދު ހިތްހަމަޖެހޭ ކަމަށް އާއިލާއިން ބުންޏެވެ.

އެގޮތުން، މިހާ ގިނަ ދުވަސްފަހުން ވެސް މައްސަލައިގެ ރިޕޯޓު ތައްޔާރުކޮށް ރައީސް އަަށް އެރުވުމުންނާއި، މައްސަލާގައި ތިން މީހެއްގެ މައްޗަށް ޝަރީއަތްތައް ހިނގަމުންދިއުން އާއިލާއިން ފާހަގަކުރަނީ އިންސާފު ލިބޭނެކަމުގެ އުންމީދު އާވި ކަމެއްގެ ގޮތުގައެވެ. އަދިވެސް ކުރަންހުރި ގިނަ ކަންކަން ހުރިކަން ގަބޫލުކުރާ ކަމަށާއި، އެއީ ގިނަ ދުވަސް ނަގާނެ ކަމެއްކަން ގަބޫލުކުރާ ކަމަށްވެސް އާއިލާއިން ބުންޏެވެ. 

އަދި ރިޕޯޓުގައި ލަފާދީފައިވާ ކަންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ބައްލަވާ އެމައްސަލާގައި އިންސާފު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތްކަންވެސް އާއިލާއިން ފާހަގަކުރި އެވެ.

ކޮމިޝަނުން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ކޮމިޝަނުން ބުނިގޮތުން ރިލްވާނަށް ޝަހާދަތް ލައިދީ ކަރުބުރިކޮށްލައި ކަނޑުފައްތާފައިވާ ކަމަށް ތަހުގީގަށް މައުލޫމާތު ދިން މީހަކު ބުނެފައިވެ އެވެ. 

ކޮމިޝަނުން ބުނިގޮތުން 2014 ވަނަ އަހަރުގެ އޮގަސްޓް ހަތް ވަނަ ދުވަހުގެ 10:00 ޖެހިއިރުން ފެށިގެން ބަޔަކު ރިލްވާން އަށް ފާރަލަމުންދިޔަ އެވެ. ދެމީހަކު ވެގެން ގަދަކަމުން ރިލްވާން ކާރަށް އެރުވީ އޭނާ ގެއަށް ދިޔަ މަގުމަތީ ހުޅުމާލެއިން ނެވެ. އެ ކާރުގައި ތިން މީހުން ތިބިއިރު ކާރުގެ ފަހަތުން ތިން މީހަކު ސައިކަލުގައި ދިޔަ އެވެ. 

ކާރުގައި ގަދަކަމުން ގެންގޮސް ދެން ރިލްވާން އަރުވާފައިވަނީ ޑިންގީއަކަށެވެ. ޑިންގީގައި ގެންގޮސް ކަންނެލި ދޯންޏަކަށް އަރުވާފައިވާއިރު، އެ ދޯނީގައި ކަލިމަލައިދީ ކަރުބުރިކޮށް މަރާލުމަށްފަހު ކަނޑުފައްތާފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ. ކޮމިޝަނުން ބުނިގޮތުން އެއީ ހަ މީހެކެވެ. އަދި އެ ހަ މީހުންވެސް ސީރިއާގައި މަރުވެފައިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ. 

ރިލްވާން ގެއްލުވާލި މައްސަލައިގައި ހައްޔަރުކޮށް ޝަރީއަތްތައް މިހާރު ކުރިއަށްދަނީ ތިން މީހެއްގެ މައްޗަށެވެ. އެއީ:

  1. އަހުމަދު އިސްމާއިލް (އަހަނދު)، 
  2. އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ) 
  3. އަހުމަދު މުއާޒު (ގަޓު މުއާ) އެވެ. 

މިތިން މީހުންގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވާއިރު، އަހަނދުގެ މައްޗަށް ކުރަނީ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އެވެ. 

ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުން ފާހަގަކުރިގޮތުން، މި މަރުގައި އޭރުގެ ދައުލަތުގެ އިސް މަގާމުތައް ފުރުއްވަމުންދިޔަ މީހުންނާއި، ގޭންގުތަކާއި، ސިޔާސީ ނުފޫޒުން އަދި ދީނީ ހަރުކަށި ފިކުރުގެ ސަބަބުން ހަރަކާތްތެރިވި ގިނަ އަދަދެއްގެ މީހުން ޝާމިލް ވެއެވެ.

އޭގެތެރެއިން ބައެއް ފަރާތްތަކުގެ ނަންތަކާއި ފޮޓޯވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކޮށްފައިވާއިރު، ރިލްވާން ގެއްލުވާލުމުގެ ކުރިން އެތައް ބަޔަކަށް އިންޒާރުދީ، ރިލްވާންގެ މައުލޫމާތު ހޯދުމަށްވެސް އެތައް ދުވަހެއް ވަންދެން އެމީހުން މަސައްކަތްކޮށްފައި ވާކަން ކޮމިޝަނުން ފާހަގަކުރި އެވެ. އަދި އެކަން އޭރު ފުލުހުންނަށްވެސް އެނގޭ ކަމަށާއި، ވަކި މަގުސަދެއް އޮވެގެން ބަޔަކު "ސީދާ މަރަން ނުވަތަ ހުއްޓުވަން" ނިކުމެ އުޅޭ ބަޔަކު އުޅޭކަން ވަރަށް ސާފުކޮށް މައުލޫމާތުތައް ފުލުހުންނަށް ލިބެމުންދިޔަ ކަމަށް ކޮމިޝަނުން ބުންޏެވެ

31%
ކަމުގޮސްފި
19%
އަޑުއެހިތާ މިހުރީ
19%
ސަތޭކައަކުން ސުމެއް
31%
ވަރަށް ސަލާމް
ކޮމެންޓްސް