ads
އަލިފާން ރޯވި އެކޮމަޑޭޝަން ބްލޮކް
އެފްކޯންސް އަލިފާނުގެ ހާދިސާ: ގެއްލުނު މީހާ ހޯދަނިކޮށް އިންސާނެއްގެ ކަށިތަކެއް ފެނިއްޖެ
ގުޅީފަޅުގައި ހުންނަ އެފްކޯންސްގެ އެކޮމަޑޭޝަން ބްލޮކުގައި ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެތަނުގެ މުވައްޒަފަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެކޮމަޑޭޝަން ބްލޮކް ތެރެއިން އިންސާނެއްގެ ކަށިތަކެއް ކަމަށް ބެލެވޭ ކަށިތަކެއް ފެނިއްޖެ އެވެ.

މިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ފުލުހުން ބުނީ، އެ ހާދިސާއަށްފަހު ނުފެނިގެން ހޯދަމުންދާ މީހާ ހޯދުމުގެ މަސައްކަތުގެ ތެރެއިން، އެ އެކޮމަޑޭޝަން ބްލޮކް ތެރެއިން އިންސާނެއްގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް މިއަދު ފެނިފައިވާ ކަމަށެވެ.

”އެއީ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއްތޯ އާއި ގެއްލިގެން އުޅޭ މީހާގެ ހަށިގަނޑުގެ ބައިތަކެއްތޯ ކަށަވަރުކުރުމަށް ކުރަންޖެހޭ ތަހުލީލުތައް ފުލުހުން ދަނީ ކުރަމުން“ ފުލުހުން ބުންޏެވެ.

އަލިފާން ރޯވެ އަނދާ އަޅިއަށްވި އެކޮމަޑޭޝަން ބްލޮކުން އެފްކޯންސް މުވައްޒަފަކު މަދުކަން ފާހަގަކުރެވުނީ، އެ ހާދިސާއަށްފަހު މީގެ ކުރިން އެތަނުގައި ދިރިއުޅެމުންދިޔަ މީހުންގެ ތަފްސީލުތައް ހޯދަމުންދަނިކޮށެވެ. 

އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން އިއްޔެއިން ފެށިގެން ކުރަމުން ދިޔައިރު އެފްކޯންސް އިން އިއްޔެ ބުނިގޮތުގައި  ފުލުހުންނާއި ސިފައިން ގުޅިގެން މުޅި ބްލޮކް ބަލައި ފާސްކޮށް މީގެ ކުރިން ނިންމިއިރު، އިންސާނެއްގެ އެއްވެސް ގުނަވަނެެއްވެސް އެތަނުން ފެނިފައި ނުވެ އެވެ. ނަމަވެސް އޭގެފަހުންވެސް އިތުރަށް ބަލައި ފާސްކުރުމުގެ މަސައްކަތް ދިޔައީ ކުރަމުން ނެވެ.

ގެއްލިގެން ހޯދާ މީހާގެ މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއްނުވެ އެވެ. އެ އެކޮމަޑޭޝަން ބްލޮކްގައި ރޯވިއިރު ޖުމްލަ 457 މުވައްޒަފުން އެތަނުގައި ދިރިއުޅެމުންދިޔަ އެވެ. އެ ހާދިސާގައި 70 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެ ފަރުވާދޭން ޖެހުނުއިރު، އެކޮމަޑޭޝަން ބްލޮކް ވަނީ އެއްކޮށް އަނދާ އަޅިއަށް ވެފަ އެވެ.

އެ ހާދިސާގައި އެތަނުގައި ދިރިއުޅެމުންދިޔަ މީހުންގެ ހިފާ ގެންގުޅޭ ސާމާނުތައްވެސް އަނދާ ހުލިވިއިރު، އިއްޔެގެ ވަގުތެއްގައި އެ މުވައްޒަފުން ވަނީ އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް