ads
ކުޅުދުއްފުށީ ތިތިލި ޢާއިޝަތު ޙަސަން - ފޮޓޯ: މިހާޒް
އުމުރުން 61 އަހަރު، ހިދުމަތުގައި 24 އަހަރު، އަދިވެސް ކުރިޔަށް.
ވަޒީފާ އަދާކުރަންފެށީ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް އާމްދަނީއެއް ހޯދުމުގެ ނިޔަތުގައެވެ. އެއީ މީގެ އެތައް އަހަރެއް ކުރިއެވެ. މިހާރާ އަޅާބަލާއިރު ކަންކަން ވަރަށް ބޮޑަށް ތަފާތެވެ. ވަޒީފާގެ މާހައުލެވެ. ގޭތެރޭގެ ހާލަތެވެ. ދިރިއުޅުމުގެ ވައްޓަފާޅިއެވެ.
Advertisement

މިހައިބޮޑަށް ކަންކަން ކުރުމަށް ލުއިފަސޭހަ ދުވަސްވަރެއް ނޫނެވެ. ގޭގައި ދަރިންބަލާނެ މީހަކު ނުހުރެއެވެ. އެހެންކަމުން ވަޒީފާއަށްދަނީ ކޮންމެ ދުވަހަކު ދަރިންތައް ބަރޯއަކަށް އަރުވައިގެން ގެންގޮސް ދައްތަމެންގެ ގެއަށް ލައިފައެވެ. މަސައްކަތް ނިންމާ އަންނަންދެން ކުދިން ބަލައިދެނީ ދައްތައެވެ. މަސައްކަތް ކުރަން ހުކުރެއް ހޮނިހިރެއް، އީދެއް، ސްކޫލް ބަންދެއް ނޯވެއެވެ.  

ހެނދުނު މައިރާ މަސައްކަތް ފެށެއެވެ. އޮފީހާއި، ކުލާސް ރޫމްތަކާ، އޮފީސް ގޯތިތެރެ ފޮޅާ ސާފުކޮށް، ކުނިކަހައި، އެކުނިތައް ބަރޯގައި އުފުލައި ގެންގޮސް ގޮނޑަށް އުކާ ހަދަންޖެހެއެވެ. ވަޒީފާގެ މިބުރަ އުފުލަމުން ދަރިންނާ ގޭގެ ޒިންމާތައްވެސް ދިޔައީ އަދާކުރަމުންނެވެ.

މިއީ ހދ. ކުޅުދުއްފުށި، ތިތިލި އާއިޝަތު ހަސަންގެ ވަޒީފާގެ ހަޔާތް ފެށިގެން އައި ގޮތެވެ. 1998 ގައި ރޫރަލް ޔޫތް ވޮކޭޝަނަލް ޓްރެއިނިންގް ސެންޓަރު (އާރު.ވައި.ވީ.ޓީ.ސީ) ވަޒީފާއިންނެވެ. އާއިޝަތު ހަސަން އަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަސް މިއަދާ ހަމަޔަށް ކުރި ދަތުރުގެ ހުރިހާ މަރުހަލާއެއް ދެކެފައިވާ ފަރާތެކެވެ. އެ ކެމްޕަހުގައި ދެގޮތެއްނުވެ ހިދުމަތް ކުރެއްވި ހީވާގި ހިދުމަތްތެރިއެކެވެ. މިހާރު އުމުރުން 61 އަހަރުވެފައިވާ އިރުވެސް އެ ޒަމާނެކޭ އެއްގޮތަށް މަސައްކަތުގައި ހަރަކާތްތެރި ފިސާރި ކަނބަލެކެވެ. ކެމްޕަސްގެ މުވައްޒަފުންނާ ދަނާލުގައި ތިބޭ ކިޔަވައި ކުދިންނާ ގުޅޭ އެކުވެރި ހިތްހެޔޮ މިތުރެކެވެ.

ޢާއިޝަތު ހަސަން ވަޒީފާއަށް ނުކުތް ދުވަސްވަރަކީ، ސަރުކާރުގެ މިފަދަ ވަޒީފާތަކަށް މީހުންގެ ޝައުގުވެރިކަން ހުންނަ ދުވަސްވަރެއް ނޫނެވެ. ވަޒީފާއަކަށް ދިޔުމަށް ނިންމީ ޢާއިޝަތު ހަސަންގެ ފިރިމީހާއަށް ލިބޭ މުސާރަ ކުޑަވުމާއެކު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް އިތުރު ގޮތެއް ހޯދުމުގެ ބޭނުމުގައެވެ.

   "އޭރު ފިރިމީހާއަށް ލިބެނީ ކުޑަކުޑަ އާމްދަނީއެއް. ދެކުދިންވެސް އޭރު ތިބި. އެކުދިން ގޮވައިގެން ނޫޅެވޭނޭ ހިތަށް އެރި. ދައްތައަކާ ހަވާކޮށްފަ ދާންފެށީ" 

ޢާއިޝަތު ޙަސަން ސީއެންއެމް އަށް ދެއްވި އިންޓަވިއުގައި ކިޔައިދިނެވެ.

އެއް ވަޒީފާއެއްގައި ގިނަ ދުވަހު ދެމިހުރުމީ ގިނަ މީހުންނަށް ވަރަށް އުނދަގޫ ކަމެކެވެ. ވަޒީފާއިން ކުރިމަތިވާ ތަފާތު ދަތިތަކާ ހެދިއެވެ. ގޭތެރެއިން ދިމާވާ އަމިއްލަ ސަބަބަކުންނެވެ. މުސާރައާއި ކުރަންޖެހޭ މަސައްކަތާ ނުބައްދަލުވުމެވެ. މިދަފަ ކަންތައްތަކާ އެކުވެސް، ޢާއިޝަތު ޙަސަން އަކީ ފެށުނީއްސުރެ އެއް ވަޒީފާއެއްގައި ހިދުމަތް ކުރުމުގައި ދެމިހުރި ނަމޫނާ މަސައްކަތްތެރި އެކެވެ. ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި މަސައްކަތް ކުރަންފެށީ -/620 ރުފިޔާގެ މުސާރައަކަށެވެ. މަސައްކަތު މަގާމުގައި މިހާގިނަ ދުވަހު ހުރުމުގެ މައިގަނޑު ސަބަބެއް ކަމުގައި ޢާއިޝަތު ފާހަގަކުރެއްވީ، އެ ތަނާމެދު އޭނާގެ ހިތުގައި އުފެދިފައިވާ ޝައުގުވެރިކަމާއި ލޯތްބެވެ.

ކުޅުދުއްފުށީ ކެމްޕަސް ތަރައްގީވެ މިއަދު ފެންނަން މިހުރި ރީތި އިމާރާތްތަކާ ދަނާލު ހެދިގެން އައިއިރު، އެ ހުރިހާ ކަމެއްގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގައި ޢާއިޝަތު ހަސަންވަނީ އޭނާގެ ގާބިލިއްޔަތު ތަންދިން އެންމެ ބޮޑަކަށް އެހީތެރިވެ މަސައްކަތް ކޮށްދެމުންނެވެ. މިއަދާ ހަމަޔަށް 24 އަހަރު ހިދުމަތުގައި ހޭދަކުރެވުނު އިރު ވެރިޔަކު ހަވާލުކޮށްފައިވާ މަސައްކަތެއް ނުކޮށް ދޫކޮށްލާފައެއް ނުވެއެވެ. ގަޑިޖެހިފައިވަނީ އަދި ސަލާމް ބުނެފައިވަނީ ހަޔާތުން ވަރަށް މަދު ދުވަހެއްގައެވެ.  

    "އަޅުގަނޑު މިތާ ވަޒީފާގައި ހުއްޓާ، އެ ބިން ހޯދާ، އެތަން ހަދައި، މިހާރު އެފެންނަ ގޮތަށް ހުރިހާ ކަމެއް ކުރިޔަށް ދިޔައީ. އެހުރިހާ ކަމެއްގައިވެސް އަޅުގަނޑު އުޅުނިން. ކަންކަމުގައި އެހީތެރިވެދީގެން."

ސީއެންއެމް އަށް ދެއްވި އިންޓަވިއުގައި ޢާއިޝަތު ޙަސަން ކިޔައިދެއްވިއެވެ.

މިއަދު އޮފީސްތަކަށް ބަލާލާއިރު އިވޭ އަޑަކީ، ތެދުވެރިކަމާ އަމާނާތްތެރި ކަމާއެކު ހަވާލުކުރެވިފައިވާ ވަޒީފާގެ މަސްއޫލިއްޔަތާ އާންމު މަސްލަހަތުތައް ދަނެގެން މަސައްކަތް ކުރާ މީހުން ވަޒީފާތަކުގައި މަދުކަމުގެ ވާހަކައެވެ. ލޯތްބާއި ޝައުގުވެރިކަމާއެކީ މަސައްކަތްކުރާ މީހުންގެ އަދަދު އެއަށްވުރެ މަދެވެ. ފެންނަނީ ތިމާގެ މަސްއޫލިއްޔަތުތައް އޮތްގޮތަށް އޮށްވާ އެހެން މީހުންގެ ފަރާތުން ފެންނަ ކަންކަމާ ވާހަކަދައްކާ، އެހެން މީހުންގެ ކުށް ހޯދާ މީހުންނެވެ.

އާއިޝަތު ޙަސަން އަކީ މިދެންނެވި ފަރާތްތަކާ ތަފާތު ވިސްނުމެއް ގެންގުޅޭ ފަރުދެކެވެ. ކުރަންޖެހޭ ކޮންމެ މަސައްކަތެއްވެސް ވެރިޔަކު އަންގަވާ ގޮތެއްގެ މަތިން ކުރުމަކީ އޭނާ އެންމެ އިސްކަންދޭ އެއްކަމެވެ. ފަހަށް ކަމެއް ދޫކޮށްލާ ބެހެއްޓުމަކީ އޭނާގެ އުސޫލެއް ނޫނެވެ.

    "އަހަރެން މަސައްކަތް ކުރަނީ އިރާދަކުރެއްވިއްޔާ ހަލާލު ގޮތުގައި އެއްޗެއް ހޯދުމަށް. ކަނޑައެޅިފައިވާ އުސޫލުތަކަށް ބޯލަނބާގެން މަސައްކަތް ރަނގަޅަށް ކުރުމަށް" 

ސީއެންއެމް އަށް ދެއްވި އިންޓަވިއުގައި ޢާއިޝަތު ޙަސަން ކިޔައިދެއްވިއެވެ.

ޢާއިޝަތު ޙަސަން ވަޒީފާއަށް ދިޔުމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ދައްތަ ޒައިނަބު ޙަސަންގެ ފަރާތުންނެވެ. އެކަމަށްޓަކައި ދައްތައަށް އަބަދުވެސް ޝުކުރުވެރިވާ ކަމުގައި ޢާއިޝަތު ޙަސަން ވިދާޅުވިއެވެ. ދައްތަގެ އެ އެހީތެރިކަން ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމުގައި ޢާއިޝަތު ޙަސަން އުފަލާއެކު ފާހަގަކުރެއްވިއެވެ.

  "މިތަންދެކެ ވަރަށް ލޯބިވޭ. އޭރުންސުރެ މިހާ ދުވަހު މިތަނުގައި ދެމި މިހުރެވުނީ މިތަނާއިމެދު އުފެދިފައި އޮތް ލޯތްބެއްގެ ސަބަބުން. ދުނިޔޭގެ ދެމިހުރިހާ ދުވަހު މިތަނުގައި، މިވަޒީފާގައި ދެމިހުންނަން ގަސްދުކުރަނީ"

އިންޓަވިއު ނިންމާލަމުން ޢާއިޝަތު ޙަސަން ވިދާޅުވިއެވެ.

95%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް