މިއަދު އޭނާ ފުލިދޫ ޖެޓީ ސަރަހައްދު މޫދަށް އެރުނީ މަސައްކަތުން ނިމި ސާފުވެލުމަށް ކަމަށް ބެލެވެ އެވެ. މަސައްކަތްކުރާ ސައިޓުގެ އިތުރު ދެ ބިދޭސީއަކާއިއެކު ގޮސް ޖެޓީކޮޅުން ފުންމާލި ވަގުތަކީ މީހުން އެތަނުގަައި މަދު ވަގުތެކެެވެ.
އެމީހުން އެ ތަނަށް ދިޔައީ ސީދާ ކޮން ވަގުތެއްގައި ކަމެއް ނޭނގެ އެވެ. ނަމަވެސް އެރަށުން ”ސީއެންއެމް“ އާއި ވާހަކަދެއްކި ފަރާތްތަކުގެ ވާހަކަތަކަށް ބަލާއިރު އެކަން ހިނގީ 17:45 ގެ ފަސް، ނުވަތަ، 18:00 އާއި 18:15 އާއި ދެމެދުގެ ވަގުތެެއް ކަމަށް ބެލެވެ އެވެ.
ތިން މީހުން މޫދަށް ފުންމާލިތަން ފެނުނު ބައެއް މީހުން ވެސް އެބަތިއްބެވެ. ދެމީހަކު ހާސްވެ، އެކި ކޮޅުކޮޅަށް ދުވާތަން ފެނި ޝައްކުކުރެވިގެން އެ ސަރަހައްދަށް ފަތުރުވެރިއެއްގެ އިތުރުން އެރަށު އެހެން މީހަކު ދިޔައެވެ. އޭރު ޝަމާދު ގެނބިގެން އަނެއް ދެމީހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔައެވެ.
ނަސީބު ދިމާކުރިގޮތުން އެ ސަރަހައްދަށް ޝައްކުކުރެވިގެން ދިޔަ ދެމީހުންގެ ތެރެއިން ފަތުރުވެރިއަކީ ޑައިވިން އިންސްޓްރަކްޓަރެކެވެ. އޭނާ އާއި ފުލިދޫ ޒުވާނެއްގެ މަސައްކަތުން ޖެޓީ ސަރަހައްދުގެ މޫދު އަޑީގައި އޮއްވާ ޝަމާދު ނަގައި ހިކިފަސްތަނަކަށް ލި ނަަމަވެސް އޭރު މާ ލަސްވެއްޖެ އެވެ. ޝަމާދު ފުރާނައެއް އޭރުވެސް ނެތެވެ. ވަގުތުން އެރަށު ހޮސްޕިޓަލުގެ ޑޮކްޓަރަކުވެސް އެސަރަހައްދަށް އައިސް ޝަމާދު ބެލި އެވެ. އެކަމަކު ޑޮކްޓަރު ޑިކްލިއަ ކްރީ އޭނާގެ މަރެވެ.
ފުލިދޫ ހޮސްޕިޓަލުގެ މެނޭޖަރު ފާރިޝް ސީއެންއެމްއަށް ވިދާޅުވިގޮތުން އެކަން ހިނގިކަމަށް ބެލެވެނީ 18:00 އާއި 18:15 އާއި ދެމެދެވެ. އޭނާ ހޮސްޕިޓަލަށް ގެނެވުނީ 18:20 ހާއިރު ކަމަށާއި، ގެނައި އިރުވެސް އޮތީ މަރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ. މިވަގުތު ވެސް އޭނާ އޮތީ އެ ހޮސްޕިޓަލުގައެވެ.
ކައުންސިލުގެ ރައީސް މުހައްމަދު އިމްތިޔާޒް ސީއެންއެމްއަށް ވިދާޅުވިގޮތުން، އެމީހުން ފުއްމާލި ސަރަހައްދަކީ މާ ފުން ސަަރަހައްދެއް ނޫނެވެ. އެކަމަކު ޖެޓީގެ އެއް ކޮޅެއްގައި ފުދޭވަރަކަށް ފުން ސަރަހައްދެއް އިނދެ އެވެ.
ނަމަވެސް 17:45 އާއި 18:15 އާއި ދެމެދު ކުއްލިއަކަށް ހިނގި އެ ހާދިސާގައި އޭނާ ގެނބެން މެދުވެރިވި ސީދާ ސަަބަބެއްް އެއްވެސް މީހަކަށް ބުނެދޭކަށް ނޭނގެ އެވެ. އެނގޭހާވެސް ކަމަކީ އެއީ އެކަން ލިޔެވިފައިވާ ގޮތް ކަމެކެވެ.