ރާއްޖެއަށް ޒިޔާރަތް ކުރި 1.6 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ރަސްމިއްޔާތުގައި މީޑިއާ އާ ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ ހަސަން އަރީފް ވިދާޅުވީ، 2019 ވަނަ އަހަރާއި އަޅާބަލާއިރު މިއަހަރު ރާއްޖެ އައި ޕްރައިވެޓް ޖެޓްތަކާއި އަދި އެއާ ކްރާފްޓް މޫމަންޓްވެސް އިތުރުވެފައިވާކަމަށެވެ. އެގޮތުން 2019 ވަނަ އަހަރާއި އަޅާ ކިޔާއިރު ޕްރައިވެޓް ޖެޓުތަކުގެ އަދަދު 53 އިންސައްތަ އަދި އެއާ ކްރާފްޓް މޫމަންޓްސް 10 އިންސައްތަ ކުރިއެރުމެއް އައިސްފައިވާ ކަމަށެވެ.
މި އަހަރުގެ މިހާތަހަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 2610 ފްރައިވެޓް ޖެޓް ޖައްސާފައި ވެއެވެ. މިއީ މަހަކަށް އެވެރެޖްކޮށް 217 އަށް ވުރެ ގިނަ ޕްރައިވެޓް ޖެޓް ޖައްސާފައިވާކަން ހާމަވާ އަދަދެކެވެ. މިދިޔަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ 1،702 ޕްރައިވެޓް ޖެޓެވެ. އެ ހިސާބަށް ބަލާއިރު މިދިޔަ އަހަރު މަހެއްގެ މައްޗަށް އެވެރެޖްކޮށް ޖައްސާފައިވަނީ 141 ޖެޓެވެ. 2019 ވަނަ އަހަރު އެއާ ޓްރެފިކް މޫވްމަންޓް ހުރީ 24،000 ގައެވެ. އަދި މިއަހަރު އެއާ ކްރާފްޓް މޫމަންޓްސް ހުރީ 27،000 ގައިކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.
މީގެ އިތުރުން މިދިޔަ އަހަރު ފަސިންޖަރުންގެ އަދަދު ހުރީ 1.4 މިލިއަނުގައެވެ. އެއީ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ފަސިންޖަރުން ހިމަނޭ ގޮތުންނެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މިއަހަރު ވީއައިއޭ ބޭނުން ކުރި ފަސިންޖަރުންގެ އަދަދު ދެ މިލިއަނަށް އަރާނެކަމަށް ލަފާކުރެވޭކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އެއާ ކްރާފްޓް މޫމަންޓްވެސް 2021 ވަނަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް 20 އިންސައްތަ އިތުރުވެފައިވާ ކަމަށް އެމްއޭސީއެލުން ވަނީ ބުނެފަ އެވެ.