ads
ރައީސް ސޯލިހު އަދި ފިނޭންސް މިނިސްޓަރު އަމީރު. ފޮޓޯ:ރައީސް އޮފީސް
އިގުތިސާދު ރަނގަޅު ނަމަވެސް ހަރުދަނާ ފިޔަވަޅު އަޅަން ޖެހޭ: އައިއެމްއެފް
ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅު ނަމަވެސް އާމްދަނީ އިތުރު ކުރުމަށާއި ދަރަނި މެނޭޖު ކުރުމުގައި ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.
Advertisement

އައިއެމްއެފްގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން ދެކޭ ގޮތް ހާމަކޮށް ބަޔާނެއް ނެރެފައި މި ވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު ދެނެގަތުމަށް އައިއެމްއެފްގެ ވަފުދެއް ރާއްޖެ އަށް ކުރި ޒިޔާރަތަށް ފަހު، އެ ވަފުދުގެ ރިޕޯޓް އެ ބޯޑަށް ހުށަހެޅުމުން އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަހުގައެވެ.

މި ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެ، އިގުތިސާދީ ހަރަކާތްތައް ފެށި، ކުރިއެކޭ އެއްގޮތަށް ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް ދަރަނި ބޮޑުވުމާއި ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ އަސަރު ރާއްޖެ އަށް ވެސް ކުރާނެެ ކަމަށާއި ބޮޑެތި މަޝްރޫއުތަކަށް ކުރާ ހަރަދު ކުޑަކޮށް، ދަރަނި މެނޭޖު ކުރަން ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖޭގެ ކަމާ ގުޅުން ހުރި އިދާރާތަކުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުވެ ރާއްޖޭގެ އިގުތިސާދު ކުރިއެކޭ އެއްގޮތަށް ކުރިއަރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އައިއެމްއެފުން ލަފާކުރާ ގޮތުގައި މި އަހަރު ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) ގެ ނިސްބަތުން ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ހުންނާނެ ކަމަށް ބެލެވެނީ  10.5 އިންސައްތައިގަ އެވެ. މި ފެށޭ އަހަރު އިގުތިސާދީ ކުރިއެރުން ހުންނާނެ ކަމަށް ލަފާކުރަނީ 6.6 އިންސައްތައިގައެވެ.

ދެހާސް ވިހި ވަނަ އަހަރު ޖީޑީޕީގެ ނިސްބަތުން 154 އިންސައްތަ އަށް ދަރަނި މަތިވުމަށް ފަހު ދަރަނީގެ ނިސްބަތް އޭރާ ބަލާފައި ދަށް ވި ނަމަވެސް ރާއްޖޭގެ ދަރަނި ބޮޑުކަން ފާހަގަކޮށް އައިއެމްއެފުން ބުނެފައިވާ ގޮތުގައި މެދު ރާސްތާގައި ރާއްޖޭގެ ދަރަނީގެ މިންވަރު ހުންނާނީ ވަރަށް މަތީގައި ކަމުގައެވެ. އައިއެމްއެފުން ބުނެފައިވާ ގޮތުގައި ދަރަނީގެ އިތުރުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް މައްޗަށް ދިއުމާއި ދުނިޔޭގެ މާލީ ބާޒާރުން ފައިސާ ލިބުން ދަތިވުމާ އެކު ފައިސާގެ އަގުބޮޑުވުމާއި ރާއްޖެ އަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ގައުމުތަކުގެ އިގުތިސާދުތައް ދަށަށް ދިއުމަކީ ރާއްޖެ އަށް ހުރި އިތުރު ގޮންޖެހުންތައް ކަމުގައެވެ.

އައިއެމްއެފްގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުގެ ބަޔާނުގައި ވަނީ ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ އަސަރު ރާއްޖެ އަށް ވެސް ކުރާނެެތީ މާލީ ގޮތުން ހަރުދަނާ އުސޫލުތަކެއް ތަންފީޒުކުރަން ޖެހޭ ކަމަށެވެ. އެގޮތުން ވިސްނުންތެރިކަމާއެކު ދަރަނި މެނޭޖު ކުރުމަށާއި އާންމުކޮށް އެންމެނަށް ސަބްސިޑީ ދިނުން ހުއްޓާލައި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެކަނި އެ އެހީތެރިކަން ދިނުމާއި ބޮޑެތި މަޝްރޫއުތަކަށް ކުރާ ކެޕިޓަލް ހަރަދު ކުޑަކުރުން ނުވަތަ ފަސް ކުރުމުގެ އިތުރަށް އެތެރޭގެ ވަސީލަތްތަކުން ލިބޭ އާމްދަނީ އިތުރު ކުރަން ޖެހޭ ކަމަށް ވަނި ބުނެފައެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށާއި ސަބްސިޑީ އަށް ބަދަލު ގެނައުމަށް ނިންމާފައިވާ ނިންމުމަށް ޑިރެކްޓަރުން މަރުހަބާ ކިޔާ ކަމަށާއި އެ ފިޔަވަޅުތައް އަވަހަށް ތަންފީޒުކުރުމަށް އެފަރާތްތަކުން ގޮވާލާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް