ލިންކު ރޯޑުގެ ހުޅުމާލެ އިން މާލެ އަށް ދަތުރުކުރާ މަގުގެ އެއް ލޭނު ބަންދު ކުރުމަށް ނިންމީ، އެންވަޔަރަންމަންޓް މިނިސްޓްރީން ކުރިއަށް ގެންދާ ހުޅުމާލޭގައި 5.6 މެގަވޮޓުގެ ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ބޭނުމުގަ އެވެ.
މިކަމާއި ގުޅިގެން އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ، ލިންކު ރޯޑުގެ އެއް ލޭނު ބަންދު ކުރުމަށް ނިންމީ، ލިންކު ރޯޑުގެ ހުޅުމާލެއިން މާލެ އަށް ދަތުރު ކުރާ ފަޅީގެ މޫދާއި ވީ ފަޅީގައި ސޯލާ ހަކަތައިގެ ނިޒާމު ގާއިމް ކުރުމުގެ ގޮތުން އެފަޅީގައި ސްޓްރަކްޗާ ހަރުކުރުމަށް ކަމަށެވެ.
އެގޮތުން މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން ފެށިގެން 11:30 އަށް އަދި މެންދުރު 13:30 އިން ފެށިގެން ހަވީރު 16:30 އަށް އެ ލޭނު ބަންދު ކުރުމަށް ނިންމާފައި ވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި މި ވަގުތުތައް ކަނޑައެޅީ، ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކާއި އެކު ބޭއްވުނު މަޝްވަރާތަކަށް ފަހު ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ބުނީ، ހަރުކުރަންޖެހޭ ސްޓްރަކްޗާ ހަރުކޮށް ނިމޭނެ ކަމަށް ލަފާ ކުރެވެނީ، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ.
އެހެން ކަމުން ހުރިހާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ.