
އޭސީސީން މިއަދު ބުނިގޮތުން، 2015 ވަނަ އަހަރު އެންސްޕާގެ ބޭނުމަށް ކުއްޔަށް ހިފި ގެއެއްގެ ފްލޯތަކުގެ އިންޓީރިއާ ޑިޒައިނިންގެ މަސައްކަތް އަމިއްލަ ކުންފުންޏަކާއި ހަވާލުކުރުމުގެ ހުއްދައަށް އެދި އެންސްޕާގެ އޭރުގެ ސީއީއޯ މުޖްތަބާ ޖަލީލު ސޮއިކޮށް، ފިނޭންސް މިނިސްޓްރީއަށް ފޮނުވި އެވެ.
އެ ސިޓީއާއެކު ފިނޭންސް އަށް ފޮނުވާފައިވާ ކޯޓޭޝަންތަކަކީ އެއް ވިޔަފާރި އަނެއް ވިޔަފާރިއާ ގުޅުން އޮންނަ އަދި މުޖްތަބާ ޖަލީލުއާވެސް ގުޅުން އޮންނަ ވިޔަފާރިތަކުން ހުށައަޅާފައިވާ ކޯޓޭޝަންތަކެއްކަން މި މައްސަލައިގެ ތަހުގީގަށްވަނީ ހާމަވެފައި ކަމަށް އޭސީސީން ބުންޏެވެ.
މި މައްސަލައިގަ މުޖްތަބާގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ:
- ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ ދަށުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ
- ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ ފަރާތަކަށް މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ
މުޖުތަބާގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް އޭސީސީން ފޮނުވިއިރު، އޭނާ މިހާރު ހުންނެވީ މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ.