ads
އިކޮނޮމިކް ރިސާޗް ސެންޓަރު އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ:ޔޫއެންޑީޕީ މޯލްޑިވްސް
އިގުތިސާދީ ކަންކަމުގައި ފަންނީ އެހީ ދިނުމަށް މަރުކަޒެއް ގާއިމުކޮށްފި
އިގުތިސާދާ ގުޅުން ހުރި ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީގައި އިކޮނޮމިކް ރިސާޗް ސެންޓަރު (އީއާރްސީ) އިފުތިތާހުކޮށްފިއެވެ.
Advertisement

މި  ރިސާޗް ސެންޓަރަކީ ޔޫއެންޑީޕީ މޯލްޑިވްސް އާއި އިކޮނޮމިކް މިނިސްޓްރީ އާ ދެމެދު މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ޔޫއެންޑީޕީން ފޯރުކޮށްދީފައިވާ ފަންނީ އެހީތެރިކަމާ އެކު ހުޅުވުނު ތަނެކެވެ. ހޮޓެލް ޖެންގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި ސެންޓަރު އިފުތިތާހުކޮށްދެއްވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

މި ސެންޓަރުގެ އަމާޒަކީ ރާއްޖޭގެ ތަރައްގީ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބޭނުންވާ ތަފާސް ހިސާބާއި އީޖާދީ ވަސީލަތްތައް ބޭނުންކުރުމަށް މަގުފަހިކޮށްދިނުމާއި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ ހައްލު ކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލާ ގޮތްތަކަށް ބަދަލު ގެނައުމެވެ.

 

ރިސާޗް ސެންޓަރު އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވި ގޮތުގައި މިއީ ސަރުކާރުގެ އޯޕަން ޑޭޓާ ސިޔާސަތުގެ ދަށުން އިކޮނޮމިކް މިނިސްޓްރީން ކުރި ވަރަށް މުހިންމު މަސައްކަތެއް ކަމުގައެވެ.

ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމަށް ދިރާސާތައް ކޮށް ފުރިހަމަ މައުލޫމާތު ލިބިގެން ސިޔާސަތުތައް އެކުލަވާލުމުގެ މުހިންމުކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ޒަމާނުއްްސުރެ ސަރުކާރުގެ ވުޒާރާތަކުގައި މައުލޫމާތުތަކެއް އެއްކުރެވިފައި ވީ ނަމަވެސް ގިނަ މައުލޫމާތުތައް ހުރީ ދިރާސާތަކާއި ސިޔާސަތުތައް އެކުލަވާލެވޭގޮތަށް ނޫން ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ އީއާރްސީގެ މަސައްކަތްތައް ހާއްސަކޮށްފައިވަނީ ތަފާސް ހިސާބު ބޭނުންކޮށްގެން ދިރާސާތައް ކުރުމާއި ސިޔާސަތުތައް އެކުލަވާލުމުގައި އާއްމުންގެ ހިއްސާ އިތުރުކުރުމަށް ކަމަށެވެ. މީގެ އިތުރުން އެ ސެންޓަރުގެ ވިސްނުމަކީ ދުނިޔޭގެ އިނޮވޭޝަން ސެންޓަރުތަކާއި ސަރުކާރާއި ރައްޔިތުންނާ ދެމެދު އިލްމާއި ހުނަރު ބަދަލުކުރުމުގައި މެދުވެރިއަކަށްވުން ކަމުގައެވެ.

އީއާރްސީގެ މަސައްކަތްތައް ފަށާފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ މެންޑޭޓާއި އެއްގޮތަށް ވިޔަފާރި އާއި އިންވެސްޓުމެންޓުގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ވަޒީފާގެ ބާޒާރާ ބެހޭ ދިރާސާތަކުން ކަމުގައި ވީނަމަވެސް ކުރިއަށް އޮތްތަނުގައި އެހެން ދާއިރާތަކަށް އެ ދިރާސާ ފުޅާކުރާނެއެވެ. 

އެ މިނިސްޓްރީން އިތުރަށް ބުނީ އެކަންކަމުގެ އިތުރުން އެ ސެންޓަރުން ކުރެވޭ ދިރާސާތަކުން އިގުތިސާދަށް އަންނަ ލޮޅުންތަކާއި އިގުތިސާދު ކުރިއެރުވުމަށް ހުރި ފުރުސަތުތަކުގެ އިތުރުން ގިންތި އާއި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމަށް ބޭނުންވާ އިލްމީ ދިރާސާތަކަށް މަގުފަހިވެ ސަރުކާރުގެ އިދާރާތަކުންނާއި ޕްރައިވެޓް ސެކްޓަރާއި މަދަނީ ޖަމުއިއްޔާތައް ގުޅިގެން ތަފާސް ހިސާބަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރެވޭނެ ކަމަށެވެ.

މި ސެންޓަރުގެ ވެބްސައިޓު މިހާރު އިފުތިތާހު ކޮށްފައިވާއިރު މި ވެބްސައިޓުން ކޮންމެ މީހަކަށް ވެސް ދިރާސާތައް ބަލާލެވޭނެ އެވެ. ބައެއް ދިރާސާތައް މިހާރުވެސް ވަނީ މި ވެބްސައިޓު ގައި އާންމުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް