
ސިވިލް ކޯޓުގައި ދައުވާކޮށްފައިވާ މި މައްސަލާގައި ކައިޒީންގެ ފަރާތުން ބުނެފައިވަނީ، ”މިހިރީ ނަންބަރު 5“ ނަމަކަށް ކިޔާ ބޯޓެއް ގަންނަން 3.6 މިލިއަން ރުފިޔާ އޭނާގެ ބައްޕަ އިބްރާހިމް އަލީފުޅަށް ހަވާލުކުރި ކަމަށެވެ.
ބައްޕަ އާއި ދެކޮޅަށް އެމައްސަލަ ކައިޒީން ހުށަަހަޅާފައި ވަނީ، ބޯޓުގަނެ ރަޖިސްޓްރީ ކޮށްފައިވަނީ ބައްޕަގެ ނަންމަތީގައި ނަމަވެސް، ބޯޓުގެ މިލުކުވެރި ފަރާތަކީ ކައިޒީން ކަމަށްވާތީ، ބޯޓުގެ ރަޖިސްޓްރީ އޭނާގެ ނަން މައްޗަށް ބަދަލުކުރުމަށް ބައްޕަގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދި އެވެ. ކައިޒީން ބުނިގޮތުން، ބައްޕަގެ ނަން މައްޗަށް ބޯޓު ރަޖިސްޓްރީ ކުރީ ކައިޒީންގެ ރުހުން ނެތި އެވެ.
އެމައްސަލަ ކުރިއަށްދާއިރު، ކައިޒީންގެ ރުހުންނެތި ބޯޓު ކުއްޔަށް ދިނުމާއި، ބޯޓު ވިއްކާލުމާއި، ހިބަ ކޮށްދިނުމާއި، ވަސީޔަތުން ދިނުން އަދި ބޯޓުގެ މިލުކުވެރިކަން ބަދަލުވެދާނެ އެއްވެސް މުއާމަލާތެއް ނުކުރުމަށް އޭނާގެ ބައްޕަގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް ކައިޒީން ވަނީ ހުށަހަޅާފަ އެވެ. އަދި ކައިޒީންގެ ހުއްދަނެތި ބޯޓުގެ އެއްވެސް މުއާމަލާތެެއް އޭނާގެ ބައްޕަ ނުކުރުމަށް އެންގުމަށް ވެސް ވަގުތީ އަމުރުގައި ކައިޒީން އެދިފައި ވެއެވެ.
ސިވިލް ކޯޓުން ވަނީ މި ވަގުތީ އަމުރު ކައިޒީން އެދިފައިވާ ގޮތަށް ނެރެދީފަ އެވެ. އަދި ބޯޓުގެ ރަޖިސްޓްރީ ބަދަލުކުރުމުގެ އެއްވެސް ކަމެއް މައްސަލަ ނިމުމުގެ ކުރިން ނުކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ މައްޗަށްވެސް ވަގުތީ އަމުރެއް ވަނީ ނެރެފަ އެވެ.
ކައިޒީންގެ ބައްޕަ: ދަރިންގެ މުދާ ބޭނުންކޮށްގެން ދައުވާއެއް ނުކުރެވޭނެ، އެއީ ކައިިޒީންގެ ބޯޓެއްވެސް ނޫން
ކައިޒީންގެ ފަރާތުން ނެރެދޭން އެދުނު ވަގުތީ އަމުރާއި ގުޅިގެން ރައްދުގައި އޭނާގެ ބައްޕަގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ، އޭނާ [ކައިޒީން ބައްޕަ] އެ ބޯޓުގަތީ ކައިޒީންގެ އެޖެންޓެއްގެ ގޮތުގައި ހުރެގެން ނޫންކަމަށާއި، ބޯޓުގެ އެއްބަސްވުމުންވެސް ބޯޓު ގަންނަ ފަރާތަކީ އަލީފުޅު ކަން ސާބިތުވާނެ ކަމަށެވެ.
އަލީފުޅު ބުނިގޮތުން އެ ވަގުތީ އަމުރު ނެރެމުން އޭނާ އަށް އުފުލަންޖެހޭނީ ނުހައްގު ތަކުލީފެކެވެ. އަދި، ކައިޒީން އަށް އެތަކުލީފުތަކުގެ ފަރުވާއެއްވެސް ނުދެވޭނެ އެވެ.
ކައިިޒީންގެ ބައްޕަގެ ފަރާތުން ކޯޓުގައި ވަނީ، ދަރިންގެ މުދާ މައިންބަަފައިން ބޭނުންކުރުމާއިމެދު އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތް ހަދީސްތަކުން ފާހަގަކޮށްފަ އެވެ. އެގޮތުން ”ތިބާ އާއި ތިބާގެ މުދަލަކީ ބައްޕަގެ އެއްޗެކެވެ“ މި ހަދީޘް އިން ދަރިންގެ މުދާ މައިންބަފައިން ބޭނުންކުރި ނަމަވެސް ދައުވާ ނުކުރެވޭނެ ކަން އެނގޭކަން އަލިފުޅުގެ ފަރާތުން ފާހަގަކޮށްފައި ވެެއެވެ.