ads
ސެންޓ ފޯ މެންޓަލް ހެލްތު ކުރިން އުފެއްދެވުން
ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ އިދާރާއެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް މިއަދު އުފައްދަވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން، އުފެއްދެވި މި އިދާރާއަކީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ވާގޮތުން ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 489 ކަމުގައި ވެސް ވަނީ ހަމަޖައްސަވާފައެވެ.

ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ މަސައްކަތްތައް
1. ނަފްސާނީ ސިއްހަތުގެ ދާއިރާގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ހާސިލްކުރުމުގެ ގޮތުން ޕްލޭންތައް އެކަށައަޅައި، އެ ޕްލޭންތައް ތަންފީޒުކުރުމުގެ ކަންކަން ވިލަރެސްކުރުން.
2. ނަފްސާނީ ސިއްހަތުގެ ދާއިރާއިން ހިންގާ ޕްރޮގްރާމްތައް އެކުލަވާލައި، އެ ޕްރޮގްރާމްތަކުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ކަނޑައަޅައި، ޕްރޮގްރާމްތައް ތަންފީޒުކުރުމުގެ ކަންކަން ވިލަރެސްކުރުމާއި، އެ ޕްރޮގްރާމްތައް ހިންގުމުގެ މިންގަނޑުތައް ކަނޑައަޅައި، އެ ޕްރޮގްރާމްތައް ހިންގާނެގޮތުގެ ހަމަތައް ކަނޑައަޅައި، އެ ޕްރޮގްރާމްތައް ހިނގާނުހިނގާގޮތްބަލައި މޮނީޓަކުރުމާއި، އެ ޕްރޮގްރާމްތަކަށް ގެންނަންޖެހޭ ބަދަލުތަކަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ގެނައުން.
3. ސިއްހީ ހިދުމަތްދޭ ސަރުކާރުގެ ތަންތަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ނަފްސާނީ ސިއްހީ ހިދުމަތްތަކާބެހޭ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައެޅުމުގައާއި އެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް ޚިދުމަތްދޭކަން ކަށަވަރުކުރުމުގައި މިނިސްޓްރީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
4. ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްއިން ކަނޑައަޅާ ޕްލޭންތަކާ އެއްގޮތަށް، ސިއްހީ ހިދުމަތްދޭ ސަރުކާރުގެ ތަންތަނުން ނަފްސާނީ ސިއްހަތުގެ ހިދުމަތްތައް ފޯރުކޮށްދޭކަން ކަށަވަރުކުރުން.
5. ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަމާބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމާއި، އެ މަސައްކަތްތަކުގައި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކާއި ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ އެއްބާރުލުން ހޯދުން.
6. ނަފްސާނީ ސިއްހަތާއި ގުޅުންހުރި މަސައްކަތްތައް ކުރާ އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާއި ގުޅުން ބަދަހިކޮށް އެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވޭނެ މާހައުލެއް ގާއިމުކުރުމާއި، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ޕްރޮގްރާމްތައް ހިންގުމުގައި އެ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އެފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލަފާދިނުން.
7. ދިވެހިރާއްޖެއަށް ކުރިމަތިވާ ކުއްލި ނުރައްކާތަކާއި ކާރިސާތަކުގައި، ނަފްސާނީ ސިއްހަތުގެ ދާއިރާއިން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައި އެ ކަންކަން ވިލަރެސްކުރުމާއި، ކުއްލި ނުރައްކާތަކާއި ކާރިސާތަކުގެ ހާލަތްތަކުގައި ނަފްސާނީ ސިއްހީ ހިދުމަތްތައް ފޯރުވައިދޭނެ ގޮތްތައް ކަނޑައެޅުން.
8. ނަފްސާނީ ސިއްހަތުގެ ދާއިރާއިން ރާއްޖެއަށް ފަންނީ ހުނަރުވެރިން ބޭނުންވާ ދާއިރާތައް ދެނެގަނެ، ގާބިލު މީހުން ބިނާކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން.
9. ދިވެހިރާއްޖޭގައި ހިންގާ މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތަކުން ނަފްސާނީ ސިއްޙަތުގެ ދާއިރާގެ ކޯސްތައް އެކުލަވައިލައި ހިންގުމުގައި އެ މަރުކަޒުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
10. ނަފްސާނީ ސިއްހަތުގެ ދާއިރާގެ ޚިހިދުމަތްތައް ދިނުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ހިދުމަތްދޭ އިދާރާތަކާއެކު މަޝްވަރާކުރުމާއި، އެ ގޮންޖެހުންތަކުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން.
11. ނަފްސާނީ ސިއްހަތުގެ ދާއިރާއިން ރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުޢާހަދާތަކާއި، އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގައި ކަމާބެހޭ އިދާރާތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީ އެ މަސައްކަތްތައް ވިލަރެސްކުރުމާއި، މިފަދަ ބައިނަލްއަގްވާމީ މުއާހަދާތަކާއި، އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގެގޮތުން އިސްލާހުކޮށް ބަދަލުގެންނަންޖެހޭ ކަންކަމަށް ބަދަލުގެނައުމަށް ބާރުއަޅައި،
މި ކަންތައްތައް ކަމާ ގުޅުންހުރި ދާއިރާތަކުގެ ސަމާލުކަމަށް ގެނައުން.
12. ނަފްސާނީ ސިއްހަތުގެ ދާއިރާގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި ޖަމާއަތްތަކުން ލަފައާއި އެހީ ހޯދުމާއި، އެ ޖަމާއަތްތަކާ ގުޅުން ބަދަހިކުރުން.
13. ނަފްސާނީ ސިއްހިތުގެ ދާއިރާއާ ގުޅުންހުރި ދިރާސާތައް ކުރުމާއި، އެ ދިރާސާތަކުން ހޯދޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
14. ނަފްސާނީ ސިއްހަތުގެ ދާއިރާއާ ގުޅޭ ތަފާސްހިސާބުތައް އެއްކޮށް، އަދާހަމަކޮށް ބަލަހައްޓައި، އެނަލައިޒްކޮށް، ތަފާސްހިސާބުތައް ހާމަކުރުން.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް