ފުލުހުން ބުނިގޮތުން އެކުއްޖާގެ ބޮލަށް ގޯލު ޕޯސްޓެއް ވެއްޓިގެން ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 17:50 ހާއިރު އެވެ.
އެކުއްޖާއަށް އުލިގަމު ހެލްތު ސެންޓްރުގައި ފަރުވާދެމުންދަނިކޮށް ދާދި ދެންމެއަކު ނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެރަށުން ”ސީއެންއެމް“ އާއި ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ގޯލު ޕޯސްޓު ވެއްޓުނީ، ފުންމާ ގޯލު ދަނޑީގައި ހިފާ ހަދަމުން ދަނިކޮށެވެ. ކުދިންތަކަކާއިއެކު އެގޮތަށް ކުޅެމުންދަނިކޮށް ގޯލު ޕޯސްޓު ވެއްޓި ޖެހުނީ ސީދާ ކުއްޖާގެ ފުއްކިބައިގަ އެވެ. ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމަށް ނެނގިއިރު ވެސް ނޭފަތުންނާއި، ކަންފަތުން އަދި އަނގައިން ލޭ ފައިބަމުންދިޔަ ކަމަށް ކުއްޖާ ނެނގި މީހުންނާއި ހަވާލާދީ އޭނާ ބުންޏެވެ.
ސީއެންއެމް އަށް އެނގިފައިވާގޮތުން އެ ގޯލު ޕޯސްޓަކީ ފުދޭވަރަކަށް ބަރު ގޯލު ޕޯސްޓެކެވެ.