
މިމައްސަލައަކީ، 2021 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓް މަސްތެރޭގައި، ދ.ހުޅުދެލި / ޝާރާޒް، އަލީ ޝާތިރު ނަމަކަށް ކިޔާ މީހެއްގެ ގާތަށް ޤުރްއާން ކިޔެވުމަށް ދިޔަ ކުޑަކުއްޖަކާއި ބެހުނު ކަމުގެ ތުހުމަތުގައި ދައުލަތުން ކުރާ ދައުވާ އެކެވެ.
ކޯޓުން މިއަދު ކުރި ހުކުމުގައި ވާގޮތުން، އެ ކުއްޖާ އަލީ ޝާތިރުގެ ގާތަށް ޤުރުއާން ކިޔަވަން ދިޔަ ދުވަހެއްގައި، ކުއްޖާގެ ގާތު ’ވަރަށް ލޯބިވެޔޭ‘ ބުނެ ކުއްޖާގެ މޭމަތީގައި އަތްލާފައި ވެެެއެވެ.
ދައުލަތުން އޭނާއަށް ދައުވާކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނުގެ ދަށުން އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ އެވެ.
އެ ދައުވާއަށް އަލީ ޝާތިރުގެ ފަރާތުން ޝަރީއަތުގެ މަޖިލީހުގައި ވަނީ އިންކާރުކޮށްފަ އެވެ. ނަމަވެސް، މިއަދު އިއްވި ހުކުމުގައި ބުނީ، މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެހާ ހެކި ގަރީނާއަށް ބަލާއިރު، އެ ދައުވާއަކީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ މައްސަލައެއްކަމަށެވެ.
އެހެންވެ، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގުމުގެ ކުށުން އަލީ ޝާތިރު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި ކުށުގެ އުގޫބާތެއްގެ ގޮތުން 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް މިއަދު ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް މިމައްސަލައާ ގުޅިގެން ތަހްގީގު މަރުހަލާގައި އަދި ޝަރީއަތުގެ މަޖިލީހުގައި އަލީ ޝާތިރު އެެއް އަހަރާއި ހަތަރު މަސްދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ، ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތުން ވަނީ އުނިކޮށްފަ އެވެ.
އެހެންވެ، އޭނާ ތަންފީޒުކުރަންޖެހޭ އަދަބަކީ 13 އަހަރާއި 8 މަސްދުވަހެވެ.