މި އަހަރުގެ ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާ އޮތީ ކޮޅުފުށީގަ އެވެ. ކޮޅުފުއްޓަކީ، މިނިސްޓަރު އިމްރާންގެ އުފަން ރަށްވެސްމެ އެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ސުނާމީގެ ކުރިން ކޮޅުފުއްޓަކީ، ރާއްޖޭގެ އެއްވަނަ ނުވަތަ ދެވަނަ ރަށުގެ ގޮތުގައި އޮތް ރަށެއް ކަމަށާއި، އެހެން ނަމަވެސް ސުނާމީގެ ބިޔަ ރާޅުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ފަހު ރަށް ނިކަމެތި ހާލަތަށް ވެއްޓުމަކީ ދެރަ ބަހަކަށް ނުވާނެ ކަމަށެވެ.
އެހެން ނަމަވެސް އެ ހަނދާންތަކުގެ ވާހަކަ އިތުރަށް ކުރިއަށް ނުގެންދެވި މިނިސްޓަރު ވަނީ ކީރިތިކުރައްވާފަ އެވެ. އަދި ތިން ހަތަރު ފަހަރު ވާހަކަފުޅު ކުރިއަށް ނުގެންދެވި މެދުކަނޑާލަންވެސް ޖެހުނެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ސުނާމީގެ ބިޔަ ރާޅާއި އެކު މަދު ވަގުތުކޮޅެއްގެ ތެރޭ މުޅި ހަޔާތް ބަދަލުވެގެން ދިޔަ ކަމަށާއި، ކަންކަން ހަމަޖެހިލިއިރު މައިންބަފައިންނާއި އަނބިދަރިންގެ ތެރެއިން ގިނަ ބަޔަކު މި ދުނިޔެއާއި އަލްވަދާއު ކިޔާފައިވާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ސުނާމީ އަށް ފަހު ރަށުގެ ރައްޔިތުން ތިބީ ބިރުވެރިކަމާއި ނާމާން ކަމުގެ ތެރޭގައި ކަމަށާއި، ރަށުގެ ރައްޔިތުން އެ ދުވަހު ތިބެންޖެހުނީ، ބަނދަރުމަތީ އޮތް ހިކިފަސް ތަންކޮޅަކަށް ކަމަށެވެ. އަދި ދަރިން ނިންދަވަން ޖެހުނީ، ފަޅުގައި އަޅާފައި އޮތް ދޯނި ތަކުގައި ކަމަށާއި، އެރޭ ނިދަންޖެހުނީ، އަނދިރިކަމާއި ނާމާން ކަމުގެ ތެރޭގައި ކަމަށް މިނިސްޓަރު އަސަރާއި އެކު ވިދާޅުވި އެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވަނީ، ރަށް ކުރިން އޮތް ހާލަތަށް ބަދަލު ކުރުމަށް ސަރުކާރުން އެހީތެރިވެދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކިބައިން ދަންނަވާފަ އެވެ.
ސުނާމީގެ ސަބަބުން ރާއްޖެއިންވެސް އެތައް ބަޔަކު ނިޔާވި އިރު، ކޮޅުފުށުން އެކަނިވެސް 14 މީހުން ވަނީ ނިޔާވެފަ އެވެ. ސުނާމީގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނީވެސް ކޮޅުފުއްޓަށެވެ.