ads
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް
ސުނާމީ ކާރިސާގެ ހަނދާންތައް އާވުމުން ރައީސްއާއި ފަސްޓްލޭޑީ ކީރިތި ކުރެއްވިއްޖެ
2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގެ ހަނދާންތަކާއި އެކު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަށް މިއަދު ކީރިތި ކުރެއްވިއެޖެއެވެ.
Advertisement

މީގެ 18 އަހަރު ކުރިން ކުރިމަތިވި ސުނާމީ ކާރިސާގައި ދިވެހިން ދެއްކި އެއްބައިވަންތަކަށް ކޮންމެ އަހަރަކުވެސް ފާހަގަ ކުރަމުން އަންނަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ. އެގޮތުން މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާފައިވަނީ މިއަދު ހެނދުނު މ އަތޮޅު ކޮޅުފުށީގައެވެ.

މ ކޮޅުފުއްޓަކީ ސުނާމީ ކާރިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއްރަށެވެ.

މި އަތޮޅު މަދަރުސާގައި މިއަދު އޮތް ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މީގެ 18 އަހަރު ކުރިން މިދުވަހު ސުނާމީ ކާރިސާ ކުރިމަތިވިއިރު ހުންނެވީ އާއިލާއާއި އެކު އުފަންރަށް ޅ ހިންނަވަރުގައި ކަމުގައެވެ. އެދުވަހުގެ ހަނދާންތައް ރައީސް މިއަދު އާކުރެއްވީ އަސަރާއި އެކުގައެވެ.

ރައީސް ވިދާޅުވީ އެދުވަހުގެ ހާލަތު ތަޖުރިބާކުރި މީހަކަށް ނޫނީ އެދުވަހުގެ ކަންކަން އިހްސާސް ނުކުރެވޭނެކަމުގައެވެ. ރާޅު އަރައިގެން އައިސް ދިޔައިރު މުޅި ރަށް އޮތީ ދޮވެލާފައޮކަމަށް ރައީސް ވިދާޅުވިއެވެ. 

އަދި އެދުވަހު އާއިލާއާއި ދަރިންގެ ހާލަތު ވިދާޅުވަމުން ރައީސްއަށް ކީރިތި ކުރެއްވި ވާހަކަފުޅު ހުއްޓަވާލަން ޖެހިވަޑައިގެންނެވިއެވެ. އަދި ރައީސްގެ ވާހަކަފުޅު އައްސަވަމުން ގެންދެވި ފަސްޓްލޭޑީ ފަޒްނާ އަހުމަދުވެސް އޭރު ގެންދެވީ ކީރިތި ކުރައްވަމުންނެވެ.

ރައީސް ވިދާޅުވީ މީގެ 18 އަހަރު ކުރިން މިދުވަހަކީ އެތައް ބައެއްގެ މުޅި ދިރިއުޅުން ބިމާ ހަމަވެގެންދިޔަ ދުވަސްކަމުގައެވެ. އަދި އެދުވަހު އެންމެ ބިރުވެރި އެންމެ ހިތާމަވެރި ތަޖުރިބާކުރި އެއް ރަށަކީ ކޮޅުފުށިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސުނާމީ ކާރިސާގައި ކޮޅުފުށިން 16 މީހުން މަރުވެފައިވެއެވެ. އޭގެ ތެރެއިން 4 މީހުންނަކީ ވީނުވީއެއް ނޭނގިގެއްލިފައިވާ މީހުންނެވެ. މިއަދަކީ ދިވެހިރާއްޖެއަށް ކުރިމަތިވި ހިތާމަވެރި ސުނާމީ ކާރިސާއަށް 18 އަހަރު ފުރުނު ދުވަހެވެ. ސުނާމީ ކާރިސާ އާއި ގުޅިގެން ފާހަގަކުރައްވަމުން އަންނަ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް މިއަހަރު ޤައުމީ ފެންވަރުގައި ފާހަގަކުރައްވަނީ މ. ކޮޅުފުށީގައެވެ. 

2004 ޑިސެމްބަރު 26 ކުރިމަތިވި ސުނާމީ ކާރިސާގައި މުޅި ރާއްޖެއިން 82 މީހަކު މަރުވެ 26 މީހަކުވަނީ ގެއްލިފައެވެ. މަރުވި މީހުންގެ ތެރޭގައި 38 ކުދިން ހިމެނެއެވެ.

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް