ads
ކޮޅުފުށި ކައުންސިލުގެ މެންބަރުންނާއެކު ރައީސް ސޯލިހު ބައްދަލުކުރައްވަނީ -- ފޮޓޯ / ރައީސް އޮފީސް
"ރަށުގައު އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ މިސަރުކާރުން"
އެއްފަހަރާ އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ކޮޅުފުށީގައި ހިންގަމުން އަންނަނީ މިސަރުކާރުން ކަމަށް، ކޮޅުފުށީ ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލުން މިހެން ބުނެފައި މިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކޮޅުފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއިއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ. 

މި ބައްދަލުވުމުގައި ކޮޅުފުށީ ކައުންސިލުންވަނީ، އެއްފަހަރާ އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ކޮޅުފުށީގައި ހިންގަމުން އަންނަނީ މިސަރުކާރުންކަން ފާހަގަކުރައްވައި ރައީސް އަށް ހާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ. 

އަދި އަސާސީ ހިދުމަތްތައް ރަށުގައި ގާއިމް ކުރެވިފައިވާ ކަމަށާއި، 100 ހައުސިން ޔުނިޓްގެ މަސައްކަތް އަވަސް މުސްތަގުބަލެއްގައި ނިމިގެން ދިޔުމުން މިހާރު ހުރި ގިނަ ދަތިތައް ހައްލުވެގެންދާނެ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި ރަށުގެ މަގުތައް ހެދުމާއި، ބޯޅަދަނޑު ހެދުމާއި، އިޖުތިމާއީ މަރުކަޒަކާއި، އަދި އަތޮޅުވެރިކަން ކުރާރަށް މުއްޔަށް ފަޅުތެރެއިން ދަތުރުކުރެވޭނެ ގޮތް ހަމަޖައްސަން ރައްޔިތުން ބޭނުން ވާކަމަށް ވަނީ ބުނެފަ އެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އަތޮޅުތެރޭގެ ރަށްރަށަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުތަކުގައި، ކައުންސިލްތަކާއި، އ.ތ.މ ކޮމީޓީތަކާއި ބައްދަލުކުރެއްވުމުގެ ބޭނުންފުޅަކީ ރަށްރަށުގެ ތަރައްގީގައި އެރަށެއްގެ ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރެއްވުން ކަމަށެވެ. އަދި މިދަތުރުފުޅުގައި އެމަނިކުފާނުގެ ދެކަނބަލުންނަށާއި ސަރުކާރުގެ ވަފުދަށް ކޮޅުފުށީގެ ރައްޔިތުންގެ ފަރާތުން ދެންނެވި ހޫނު މަރުހަބާއަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވި އެވެ.

މިބައްދަލުވުމުގައި ރައީސް ވަނީ، އަންނަ އަހަރުގެ ކޮޅުފުށީގައި ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރައްވައި، ފަތުރުވެރިކަމުގެ ދާއިރާއިން ކުރެވިފައިވާ މަސައްކަތްތަކުގެ މައުލޫމާތުވެސް ކައުންސިލާއި ހިއްސާކުރައްވާފަ އެވެ. އަދި ކޮޅުފުށީގައި ސަރުކާރުން އަޅަންފަށާފައިވާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިޔަށް ގެންގޮސް އަވަހަށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ދެކަނބަލުން މ.ކޮޅުފުށްޓަށް ކުރެއްވި މިދަތުރުފުޅަކީ، އެއްބައިވަންތަ ކަމުގެ ދުވަހުގެ ރަސްމީ އިހްތިފާލުތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވެވި ދަތުރުފުޅެކެވެ.

  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް