
އެ ކޯޕަރޭޝަނުން ބުނި ގޮތުގައި އެންމެ ފުރަތަމަ މި ސާވޭ ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލެ ރަށު މާރުކޭޓާއި ގަރާޖް ޔުނިޓުތައް ހުރި ސަރަހައްދުގައި ކަމުގައެވެެ. ސާވޭގެ މައިގަނޑު މަގުސަދަކީ ވިޔަފާރި އުސޫލުން ކުއްޔަށް ދޫކޮށްފައިވާ ޔުނިޓުތައް ހަވާލުކޮށްފައިވާ މަގުސަދުތައް ހާސިލުވޭތޯ ބެލުން ކަމަށާއި އެގޮތުން އެތަންތަނުގެ ބޭނުން ކުރަމުންދަނީ ދެވިފައިވާ ބޭނުމަށްތޯ އާއި މަހުން މަހަށް ކުލި ދައްކަމުން ދޭތޯ ބަލާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ހަމައެގޮތަށް ޔުނިޓު ދޫކުރެވިފައިވާ ފަރާތުން އެއްބަސްވުމާ ހިލާފަށް އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވޭތޯ ބެލުމާއި ޔުނިޓުތަކަށް ދޫކޮށްފައިވާ ސަރަހައްދުން ބޭރުގައި ތަކެތި ބެހެއްޓުން ފަދަ ކަންކަން މި ސާވޭގެ ތެރެއިން ބަލާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެޗްޑީސީން ބުނީ މި ސާވޭއިން ފާހަގަ ކުރެވޭ ކަންތައްތައް ރަނގަޅުކުރުމަށް ޔުނިޓުތަކާ ހަވާލުވެފައިވާ ފަރާތްތަކަށް އެ ކޯޕަރޭޝަނުގެ ފަރާތުން އަންގަމުން ދާނެ ކަމަށެވެ. އެޗްޑީސީގެ އިލްތިމާސް އަކީ އެ ކޯޕަރޭޝަނުން ފާހަގަ ކުރި ކަންތައްތައް ޔުނިޓުތައް ކުއްޔަށް ހިފާފައިވާ ފަރާތްތަކުން ރަނގަޅު ކުރުމެެވެ.