
"އިރާން ހިއުމަން ރައިޓްސް" އިން އާއްމު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ، އެގައުމުގެ ސަރުކާރާއި ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން މިހާތަނަށް 500 އަށްވުރެ ގިނަ މީހުން މަރުވެފައި ވާކަމަށާއި، މުޒާހަރާތަކުގެ ތެރެއިން 49 ކުޑަކުއްޖަކުވެސް މަރުވެފައި ވާކަމަށެވެ.
އަދި ފުލުހުން ހައްޔަރު ކުރާ މުޒާހަރާގެ ބައިވެރިންގެ ތެރެއިން މިހާތަނަށް 100 އަށްވުރެ ގިނަ މީހުން މެރުމަށް އަމުރު ކޮށްފައި ވާކަމަށާއި، އޭގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނޭ ކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
އައިއެޗްއާރު އިން ނެރެފައިވާ ރިޕޯޓްގައި ބުނެފައިވާ ގޮތުން ހައްޔަރު ކުރާ މުޒާހަރާގެ ބައިވެރިންނަށް ފުލުހުންނާއި އަސްކަރިއްޔާއިން ޖަލުގައި އަނިޔާ ކުރަމުން ގެންދާ ކަމަށާއި، އަދި ބައެއް އަންހެނުންގެ އިއްފަތްތެރިކަންވެސް ނަގާލަމުން އަންނަ ކަމަށެވެ. އަދި އަދުލުވެރި ޝަރީއަތެއް ހިންގުމުގެ ބަދަލުގައި، ވަކީލެއްގެ ފުރުސަތުވެސް މުޒާހަރާގެ ބައިވެރިންނަށް ދީފައި ނުވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.
މި މުޒާހަރާ ތަކާއި ގުޅިގެން އިރާނުގެ ސަރުކާރުން ބުނަމުންދަނީ އެގައުމުގައި މިހާރު ކުރަމުން އަންނަ މުޒާހަރާ ތަކަކީ، ހުޅަނގުން ބާރު ދީގެން ސަރުކާރަށް ޕްރެޝަރު ކުރަން ކުރާ މުޒާހަރާ ތަކެއް ކަމަށެވެ.