
ކުނި ވަސް ދުވާ ބައެއް ސަރަހައްދުތަކުގައި އުޅޭ މީހުން ބުނަނީ އެ ސަރަހއްދުތަކުން ކުނި ނުނަގާތާ ތިން ދުވަސް ވެއްޖެ ކަމަށެވެ.
ބެލެވޭ ގޮތުގައި މާލެ ސިޓީގެ ގިނަ މަގުތަކުން ކުނި ވަސް ދުވަނީ ގަވާއިދާ ހިލާފަށް ބަހައްޓާ ކުނި ވެމްކޯއިން ނެގުން ހުއްޓާލުމާ ގުޅިގެންނެވެ.
އަނެއް ބައި މީހުން ބުނަނީ އެމީހުންނަށް "ކުޑަ ދޮރު ވެސް ހުޅުވާނުލެވޭ" ކަމަށެވެ.
ބައެއް މީހުން ގެންދަނީ ސޯސަލް މީޑިއާގައި ކުނި ހުރި ތަންތަނުގެ ފޮޓޯ ނަގައި މާލެ ސިޓީ ޓެގް ވެސް ކުރަމުންނެވެ.
ގަވާއިދާ ހިލާފަށް ބަހައްޓާ ކުނި ނެގުން ހުއްޓާލީ ކީއްވެ؟
ވޭތުވެދިޔަ ފަސް އަހަރު ދުވަހު މާލެ އަދި ވިލިމާލޭގެ މަގުތަކާއި ގޯޅިތަކާއި، ޕާކުތައް އަދި މައިޒާންތަކުން ކުނިކަހައި ސާފު ކުރުމުގެ މަސައްކަތް ކުރަމުން ދިޔައީ، ވެމްކޯއިންނެވެ. އެހެން ނަމަވެސް މާލެ ސިޓީ ކައުންސިލާއި، ވެމްކޯ އާއި ދެމެދުވެފައިވާ އެ އެއްބަސްވުން މި މަހުގެ 25 ވަނަ ދުވަހު ހަމަވެފައި ވާއިރު، ސިޓީ ކައުންސިލުން ވަނީ އެ އެއްބަސްވުން އާ ނުކުރުމަށް ނިންމާފަ އެވެ.
ސިޓީ ކައުންސިލުން ވެމްކޯ އާއި އެކު ވެފައިވާ އެއްބަސްވުން އާ ނުކުރުމަށް ނިންމުމުން ވެމްކޯ އިން ވަނީ، އެ ކުންފުނިން މީގެ ކުރިން ދެމުން އައި ބައެއް ހިދުމަތްތައް ދިނުން ހުއްޓާލާފައި ވާކަން އިއުލާން ކޮށްފަ އެވެ.
ވެމްކޯއިން ހުއްޓާލުމަށް ނިންމާފައިވާ ހިދުމަތްތައް:
- މާލެ އަދި ވިލިމާލޭގެ ހުރިހާ މަގުތަކާއި، ގޯޅިތަކާއި، ޕާކުތަކާއި އަދި މައިޒާންތަކާއި ގުޅިފައިވާ މަގުތަކާއި ގޯޅިތައް ހިމެނޭގޮތަށް ކުނިކަހައި ސާފުކޮށް، ކުނި ނަގައި، ކުނި އުކާލައި، އަދި އެކަން ނައްތާލުމުގެ މަސައްކަތް.
- މާލެ ސިޓީގެ ދެ މާރުކޭޓު ކަމުގައިވާ ދަތުރުވެރިންގެ މާރުކޭޓް އަދި ލޯކަލް މާރުކޭޓުން ކުނި ނެގުމާއި އަދި ކުނި ނައްތާލުން
- މާލެ ސިޓީ އަދި ވިލިމާލޭގެ މަގުތަކާއި އަދި ގޯޅިތަކުގެ ކަންކަން މައްޗަށް ގަވާއިދާއި ހިލާފަށް އަޅާ ކުނި ނެގުމާއި އަދި އެކުނި ނައްތާލުން
މާލެ ސިޓީގެ ކުނި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަން ފަށާފައި ވާއިރު، އެ ކައުންސިލުން ވަނީ އެކަމަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އިއުލާން ކޮށް މުވައްޒަފުން ނެގުމުގެ މަސައްކަތް ފަށާފަ އެވެ. އަދި އެއްބަސްވުމުގެ މުއްދަތު ހަމަވާ ދުވަހުން ފެށިގެން ކުނި ނެގުމުގެ ޒިންމާ އެކައުންސިލުން ކުރާނެ ކަމަށް މީގެ ކުރިން ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.
ނަމަވެސް މާލެ ސިޓީ ކުނިވެ ގިނަ މަގުތަކުން ކުނި ވަސް ދުވާތީ ގިނަ ބަޔަކަށް މިވަގުތު ވަނީ ބޮޑު ދަތިތަކަކާ ކުރި މަތިލާން ޖެހިފައެވެ. އަދި ކުނި ގިނަވުމުގެ ސަބަބުން ބަލިމަނޑުކަމެއް ވެސް ފެތުރިދާނެތީ މާލޭގައި ދިރިއުޅޭ ރައްޔިތުން ގެ ގިނަބަޔަކު ތިބީ ކަންބޮޑުވެފައެވެ.