މި މަޝްރޫއު އެމްޓީސީސީ އާ ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީއެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.
މި މަޝްރޫއުގެ ދަށުން، 440 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖަހައި، 120 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ. މި މަޝްރޫއާ އެކު، އެމްޓީސީސީން 20،200 ކިއުބިކް މީޓަރުގެ ވެލި ރަށުގެ ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 22.79 މިލިއަން ރުފިޔާ އަށް 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ. މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމެންްޓެއް ހެދުމަށް ފަހުގައެވެ.
ދެއްވަދޫ އަކީ މުރާލި މަސްވެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. ރަށުގައި ކަނޑުމަހުގެ މަސްވެރިކަން ކުރާ ނުވަ އޮޑިފަހަރު އޮންނައިރު، އޮޑިފަަހަރު އަރުވާ ބަނުމުގެ މަސައްކަތް ކުރާ ދެ ހަރުގެ ހުރެއެވެ. އެހެންނަމަވެސް، ރަށުގެ ރައްޔިތުން ރަށުގައި ދިރިއުޅެމުން އަންނަނީ ވަރަށް ބޮޑު ކަންބޮޑުވުމަކާ އެކުގައެވެ. އެއީ އެ ރަށުގެ ރައްޔިތުންނަކީ ޒަމާނުއްސުރެ ރަށް ގިރުމުގެ ބިރުވެރިކަން ތަހައްމަލުކުރަމުން އައިސްފައިވާ ބަޔަކަށްވުމެވެ. ރަށް ގިރުމުގެ ސަބަބުން ރަށުގެ ވަށައިގެން އެތައް ގެއްލުމެއް މިހާރުވެސް ވަނީ ލިބިފައެވެ. ގޮނޑުދޮށުގެ ބޮޑު ބައެއް ގިރާ ހުސްވެފައިވާއިރު، އެތައް ރުއްގަހެއް ވަނީ ވެއްޓި ނެތިގެން ގޮސްފައެވެ. މުޅި ރަށް ވަށައިގެން ގިރުމުގެ މައްސަލަ ދިމާވެފައިވާއިރު، އެ ކަމުގެ ނޭދެވޭ އަސަރު މީހުން ދިރިއުޅޭ ގެވަޅުތަކާ ހިސާބަށް ފޯރާފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
އެހެންކަމުން، އެމްޓީސީސީން ދެކެނީ 1،386 މީހުންގެ އާބާދީ އެއް ދިރިއުޅޭ ދެއްވަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ސަބަބުން މުޅި ދެއްވަދޫގެ ގޮނޑުދޮށުގެ ތިންބައިކުޅަ ދެބަޔަށްވުރެ ބޮޑު ސަރަހައްދެއް އެއްކޮށްހެން ގިރުމުން ސަލާމަތް ކުރެވޭނެ ކަމަށެވެ. ރަށުގެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއް ލިބި، ރައްޔިތުންނަށް އެތައް ގުނައަކުން އުފާވެރިކަމާއި ތަސައްލީ މުސްތަގުބަލުގައި ގެނުވާނެ މުހިންމު މަޝްރޫއެއްގެ ގޮތުގައި މި މަޝްރޫއު ވާނެ ކަމަށް ދެކޭ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.