ޓީއެމްއޭގެ ޗެކްއިން ސިސްޓަމަށް އެ މައްސަލަ ދިމާވެފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ. ފަތުރުވެރިން ރިސޯޓުތަކަށް ގެންދިއުމާއި އަނބުރާ ގެނައުމުގައި މައި ސީޕްލޭން އޮޕަރޭޓަރެއްގެ ގޮތުގައި ޓީއެމްއޭގެ ފްލައިޓްތައް ބޭނުންކުރާއިރު ސިސްޓަމަށް ދިމާވި މައްސަލަ އާ ހުރެ ހިދުމަތަށް ބުރޫ އެރުމުގެ ސަބަބުން ގިނަ އަދަދެއްގެ ފަތުރުވެރިންނަށް ޗެކިން ވުމުގައި ދަތިތަކެއް ދިމާވެ އިންޓަނޭޝަނަލް ޓާމިނަލް ތެރޭގައި ކިއުތައް ދިގުވެގެންދިއައެވެ.
ޗެކްއިން ސިސްޓަމަށް ދިމާވި މައްސަލަ ހައްލު ނުކުރެވުމުގެ ސަބަބުން ޗެކިން ހަދަމުން ދިޔައީ މެނުއަލް ކޮށް ކަމުން ޓާމިނަލްގައި ފަތުރުވެރިން ގިނައިރުތަކެއް ވަންދެން ތާށިވެފައިވާ ތިބެން ޖެހުނު ކަމަށާއި ހެނދުނު ފްލައިޓުން އައި ބައެއް ފަތުރުވެރިންނަށް ރިސޯޓުތަކަށް ފުރޭވަރުވެފައިވަނީ މެންދުރު ފަސްވީ ފަހުން ކަމަށް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސިސްޓަމަށް ދިމާވި މައްސަލަ ހައްލު ނުކުރެވި ދިގުލައިގެން ދިއުމުން ފްލައިޓްތައް ޑިލޭވާތީ އެ ކުންފުނިން ރިސޯޓުތަކުގައި އެދިފައިވަނީ ފަތުރުވެރިން ރިސޯޓުތަކަށް ގެންދިއުމަށް އެހެންގޮތެއް ހޯދުމަށެވެ.
އެނގިފައިވާ ގޮތުގައި ދިމާވި މައްސަލަ އަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައިފައި ވީ ނަމަވެސް މައްސަލަ މުޅި އަކުން އަދިވެސް ހައްލެއް ނުކުރެވެއެވެ. އެހެން ކަމުން ޓާމިނަލް ތެރޭގައި ތޮއްޖެހުމުގެ މައްސަލަ މިއަދުވެސް ދަނީ ދިމާވަމުންނެވެ.
ސިސްޓަމަށް މައްސަލަ ދިމާވެ ޓީއެމްއޭގެ ދަތުރުތަކަށް ބުރޫ އަރާފައިވާ މި ދުވަސްވަރަކީ ރާއްޖެ އަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކުރަމުންދާ ދުވަސްވަރެކެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 5،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް މި ދުވަސްވަރު ޒިޔާރަތް ކުރަމުންދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.