ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓީއެމްއޭގެ ޗެކްްއިން ސިސްޓަމަށް ދިމާވި މައްސަލައިގެ ސަބަބުން އެ އެއާލައިނުން ދެމުން އައި ހިދުމަތްތަކަށް ބުރޫ އެރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެކަމާ ގުޅިގެން ދަތުރުތައް ހުއްޓި އާ އަހަރު ފާހަގަކުރަން ރާއްޖެ އަށް އައި ގިނަ އަދަދެއްގެ ފަތުރުވެރިންނަށް ރިސޯޓުތަކަށް ފުރޭ ގޮތް ނުވެ އެތައް އިރަކު އެއާޕޯޓުގައި ތާށިވެފައި ތިބެން ޖެހުނެވެ.
ޗެކްއިން ސިސްޓަމަށް ދިމާވި މައްސަލަ ހައްލު ނުކުރެވުމުގެ ސަބަބުން މެނުއަލްކޮށް ޗެކިން ހަދައިގެން ބައެއް ފަތުރުވެރިންނަށް ރިސޯޓުތަކަށް ފުރޭވަރުވިއެވެ. އެހެންނަމަވެސް، ސިސްޓަމަށް ދިމާވި މައްސަލަ ހައްލު ނުކުރެވި ދިގުލައިގެން ގޮސް ފްލައިޓްތައް ޑިލޭވާތީ، އެ ދުވަހުގެ މެންދުރު ޓީއެމްއޭއިން ވަނީ ފަތުރުވެރިން ރިސޯޓުތަކަށް ގެންދިއުމަށް އެހެންގޮތެއް ހޯދުމަށް ރިސޯޓުތަކުގެ ކިބައިން އެދިފައެވެ.
މައުލޫމާތު ލިބޭގޮތުގައި ޗެކްއިން ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށް މިހާރު އެ އެއާލައިނުން ދަނީ ކުރިއެކޭ އެއްގޮތަށް ހިދުމަތް ދެމުންނެވެ.
ފަތުރުވެރިން ރިސޯޓުތަކަށް ގެންދިއުމާއި އަނބުރާ ގެނައުމުގައި މައި ސީޕްލޭން އޮޕަރޭޓަރެއްގެ ގޮތުގައި ޓީއެމްއޭގެ ފްލައިޓްތައް ބޭނުންކުރާއިރު ސިސްޓަމަށް ދިމާވި މައްސަލަ އާ ހުރެ އެ އެއާލައިނުގެ ހިދުމަތަށް ބުރޫ އެރުމުގެ ސަބަބުން ގިނަ އަދަދެއްގެ ފަތުރުވެރިންނަށް ޗެކިން ވުމުގައި ދަތިތަކެއް ދިމާވެ އިންޓަނޭޝަނަލް ޓާމިނަލް ތެރޭގައި ކިއުތައް ދިގުވެގެންދިއައެވެ.
މި ދުވަސްވަރަކީ ރާއްޖެ އަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކުރަމުންދާ ދުވަސްވަރެކެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 5،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް މި ދުވަސްވަރު ޒިޔާރަތް ކުރަމުންދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.