ads
ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަ ސިންހަ. ފޮޓޯ:ރޮއިޓާސް
ލަންކާ އިން ސަރުކާރުގެ ވަޒީފާތަކަށް މީހުން ނެގުން ހުއްޓާލައިފި
ސަރުކާރުގެ ވަޒީފާ ތަކަށް މީހުން ނެގުން ސްރީ ލަންކާގެ ސަރުކާރުން ހުއްޓާލައިފިއެވެ.

ލަންކާގެ ސަރުކާރުން އެގޮތަށް ނިންމާފައިވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ބެއިލްއައުޓެއް ހޯދުމަށް ކަމާ ބެހޭ ފަރާތްތަކާ އެކު އެ ގައުމުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިދިޔަ އަހަރުގެ ތެރޭގައި އިގުތިސާދީ ދަތިކަމާ ކުރިމަތިވެ، ގައުމުގެ އިގުތިސާދު ޑިފޯލްޓް ގެ ހާލަތަށް ދިއުމާ ގުޅިގެން ލޯނު ދޫކުރާ ފަރާތްތަކުން ވަނީ އެ ގައުމަށް ލޯނު ދިނުން ހުއްޓާލާފައެވެ. އަދި އެ ފަރާތްތަކުން ވަނީ ބެއިލްއައުޓް ޝަރުތެއްގެ ގޮތުގައި އެ ގައުމުން ދަރަންޏާ ގުޅުންހުރި ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިއުމަށް ވެސް އަންގާފައެވެ.

ސަރުކާރަށް ލިބޭ އާމްދަނީ އަށް ވުރެ ކުރާ ހަރަދު އިތުރުވާތީ އައިއެމްއެފުން ވެސް ވަނީ ލަންކާގެ ސަރުކާރަށް ހަރަދުތައް ކުޑަކުރުމަށް އަންގާފައެވެ. އެގޮތުން ސަރުކާރުގެ ވަޒީފާތަކުގައި ތިބި 1.5 މިލިއަން މުވައްޒަފުންގެ އަދަދު މަދު ކުރުމަށާއި ޓެކްސް ބޮޑުކޮށް، ދައުލަތަށް ގެއްލުން ލިބެމުންދާ ވިޔަފާރިތައް ވިއްކާލުމަށް އައިއެމްއެފުން ވަނީ އެދިފައެވެ.

ގައުމުގެ އިގުތިސާދީ ހާލަތު ދަށްވެ ކުރިމަތިލާން ޖެހުނު ކަންކަމާ ހުރެ އޭރު ވެރިކަމުގައި ހުންނެވި ގޮތަބަޔާ ރާޖަޕަކްސަ ރައީސް ކަމުން އިސްތިއުފާ ދެއްވުމުން، ޖުލައި މަހު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ރަނިލް ވިކްރަމަ ސިންހަ ވަނީ ސިވިލް ސާވިސް އަށް ކުރާ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅުއްވައިފައެވެ. އެގޮތުން ސަރުކާރުގެ ވަޒީފާތަކުން ރިޓަޔާ ކުރާ އުމުރު 65 އަހަރުން 60 އަހަރަށް ބަދަލުކުރެއްވިއެވެ.

ސަރުކާރުގެ އެ ނިންމުމާ އެކު، ނިމިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް 20،000 އަށް ވުރެ ގިނަ މީހުންނަށް ވަޒިފާ އިން ރިޓަޔާކުރަންޖެހުނެވެ. އެ ވަޒީފާ ތަކަށް މީހުން ނުނެގުމަށް އެ ގައުމުގެ ޕަބްލިކް އެޑްމިނިސްޓްރޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.

އާ އަހަރާ އެކު، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ބައެއް ޓެކްސްތައް ނަގާ މިންވަރު އިތުރުކުރުމާ ގުޅިގެން ތަކެއްޗާއި ހިދުމަތުގެ އަގުތައް ދަނީ މައްޗަށް ޖެހެމުންނެވެ.

އާ އަހަރުގެ ބަންދަށް ފަހު ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލު ކުރައްވާ ރަނިލް ވިދާޅުވެފައިވަނީ ލަންކާގެ އިގުތިސާދަށް ދިމާވި މައްސަލަތަކަށް ހައްލެއް ލިބިއްޖެ ކަމަށް ދެކިގެން ތިބެވެން ނެތް ކަމަށެވެ.

"އަހަރެމެން ކުރިއަށް ދާން ބޭނުން ވާނަމަ ދަރަނީގެ ބުރަ ކުޑަކުރަން ޖެހޭ." ރަނިލް ވިދާޅުވިއެވެ.

ލަންކާ ސަރުކާރުން އަޅަން ނިންމާފައިވާ އާ ފިޔަވަޅުތަކުގެ ތެރެއިން އެ ގައުމުގެ ފިނޭންސް މިނިސްޓްރީން ވަނީ ކޮންމެހެން ބޭނުން ނުވާ ކެޕިޓަލް ހަރަދުތައް ކުރުން މަނާކޮށްފައެވެ.

މީގެ ހަ މަސް ދުވަސް ކުރިން، އެ ގައުމަށް ދިމާވި އިގުތިސާދީ ދަތިކަމުގެ އެންމެ ދަތި ހާލަތުގައި ތެޔޮ ޓޭންކްތައް ކައިރީގައި ދިގު ކިޔޫތަކުގައި މީހުން ދުވަސްތައް ހޭދަކުރިއިރު، ތެޔޮ ލިބުން ދަތިވުމާ ގުޅިގެން ދުވާލަކު 13 ގަޑިއިރަށް ކަރަންޓު ކަނޑަމުން ދިޔައެވެ. އެ ދުވަސްވަރު ކާބޯތަކެތީގެ އަގުތައް ގާތްގަނޑަކަށް 100 އިންސައްތަ މައްޗަށް ދިޔައެވެ.

އެ ގައުމަށް ގިނަ ލޯނުތަކެއް ދޫކުރި ޗައިނާ އާއި އިންޑިއާ އިން ލަންކާ އަށް ދީފައިވާ ލޯނުތަކަށް ލުއި ދިނުމާ މެދު އަދި ވަކި ގޮތްތަކެއް ނިންމާ އިއުލާނުކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް