
މިއަދު ޒުމްނާ އަކީ ދިރިހުރުމުގެ ކުޑަ ފުރުސަތަކަށް އެދި އާދޭސްކުރަން ޖެހިފައިވާ މަޔެކެވެ. އަންބެކެވެ. ދެމަފިރީންނަށް ތިންވަނަ ދަރިފުޅު ލިބުމާއިއެކު ޒުމްނާއަށް ވަމުން އައި އުނދަގޫތަކުގެ ހަގީގަތަކީ އޭނާގެ ކިޑްނީގެ ހާލަތު ދަށްވަމުން ދިއުމެވެ.
"ސީއެންއެމް" އާއި ވާހަކަދައްކަމުން ޒުމްނާގެ ފިރިމީހާ އާމިރު ކިޔައިދިން ގޮތުގައި ޑޮކްޓަރުން ޒުމްނާ އަށް ދެއްވީ، ދެ އިހްތިޔާރެކެވެ. ވޭނީ ޑައިލެސިސް ހެދުމެއް ނުވަތަ ދާއިމީ ފަރުވާއަކަށް ޓްރާންސް ފްލާންޓް އެވެ. ޒިމްނާ ބޭނުންވީ ކިޑްނީއެއް ލިބިއްޖެނަމަ ކިޑްނީ ބަދަލުކުރާށެވެ. އެކަމަށްޓަކައި ކިޑްނީއެއް ފުރަތަމަ އޭނާ އަށް ހަދިޔާ ކުރީ އޭނާގެ ކޮއްކޮ އެވެ. ނަމަވެސް، އެ ކިޑްނީ ލެއްވިތާ މާގިނަ ދުވަހެއް ނުވެ، ކިޑްނީ ރިޖެކްޓު ވަމުންދާކަމުގެ ހިތާމަވެރި ހަބަރު ޑޮކްޓަރު ދެއްވި އެވެ.
އިތުރު ކިޑްނީއެއް ހޯދަން ޖެހުނީ އެވެ. ކިޑްނީއެއް ބަދަލުކުރުމަކީވެސް ފަސޭހަކަމެއް ނޫނެވެ. ކިޑްނީއެއް ހަދިޔާ ކޮށްދޭނެ މީހަކު ހޯދުމަކީވެސް ފަސޭހަކަމެއް ނޫނެވެ. މިދަނޑިވަޅުގައި، ލޯބިވާ އަނބިމީހާގެ ދުޅަހެޔޮ ދިރިއުޅުމަށާއި، ދަރީންގެ މުސްތަގުބޮލަށްޓަކައި ޒިމްނާގެ ފިރިމީހާ އާމިރު ނިންމީ އުނދަގޫ، ނަމަވެސް ހެޔޮލަފާ ރަނގަޅު ފިރިއެއް އެ ދަނޑިވަޅުގައި ނިންމާނެފަދަ ނިންމުމެކެވެ. ދެވަނަ ހިޔާލަކަށް ދިއުމެއް ނެތި އަނބިމީހާ އަށް ކިޑްނީ ދޭން އާމިރު ތައްޔާރު ވިއެވެ.
ގެ އަދާ އަޅިއަށް، ފިރިމާހާ ވެސް ބަލިވުން
މި ހުރިހާ އުނދަގޫތަކެއް އެ ދެމަފިރީން ގިރާކުރަމުންދިޔައީ، ހަޔާތައް އައި ބޮޑެތި ގޮންޖެހުންތަކާއި ހިތާމަތަކަކާއިވެސް އެކު އެވެ. ޒުމްނާގެ ފުރަތަމަ ޓްރާންސްޕްލާންޓް ހެދުމުގެ ތައްޔާރީތައް ވަމުން ދަނިކޮށް، ކަރަންޓް ޝޯޓެއްވެ ދިރިއުޅުމަށް ހަދާފައިވާ ގެ އަދާ ހުލިވެގެން ދިޔަ އެވެ. މާތްﷲގެ ރަހުމަތުން އެވަގުތަކީ އެއްވެސް މީހަކު ގޭގައި ނޫޅޭ ވަގުތެއް ކަމުން އެ ބޮޑު ހާދިސާގައި އެއްވެސް މީހަަކަށް އަނިޔާއެއް ނުލިބި ސަލާމަތްވި އެވެ. އެކަމަކު، މުޅި އުމުރު ދިރިއުޅުމަށް ކުރި ހުރިހާ މަސައްކަތެއް އަދާ އަޅިއަށްވި އެވެ. ޒުމްނާގެ ޓްރާންސްޕްލާންޓު ހެދުމުގެ ކަންކަންވެސް ލަސްވެގެން ދިޔަ އެވެ. ޒުމްނާގެ ބޭސްފަރުވާއަށް ހަރަދު ކުރަން ޖެހޭވަރުގެ މާލީ ތަނަވަސްކަން ގެއްލިގެން ދިޔައެވެ.
ބޯ މަތީގައި ހިޔާވަހިކަމެއް ނެތެމުން، އަނބިމީހާގެ ޓްރާންސްޕްލާންޓް ލަސްކޮށްލުމަށް ފަހު، އާމިރަށް ފުރަތަމަ ޖެހުނީ ހިޔާވަހިކަމެއް ހޯދާށެވެ. އެ ހާދިސާއަށްފަހު ހަތަރު ލައްކަ ރުފިޔާގެ ލޯނެއް ނަގައި ގެއެޅުމަށް މަސައްކަތް ފަށަން ޖެހުނެވެ. އެކަމަކު، ގޭގެ މަސައްކަތް ނުފެށިގެން އުޅެނިކޮށް އަންހެނުންގެ ހާލަތު ދަށްވެ، ޑައިލަސިސް ފަށަން ޖެހުނެެވެ. މާލޭގައި ހުރެގެން ޑައިލަސިސް ހަދަންޖެހޭތީ، ދިރިއުޅުން ވިލިމާލެއަށް ބަދަލުކުރީ އެހާ ހިސާބުން ނެވެ. ހަދަން ފެށި ގެވެސް ނުނިމި، ނެގި ލޯނުވެސް ނުދެއްކުނީ އެވެ. މިއީ ކޮއްކޮގެ ފަރާތުން ކިޑްނީ ލިބި އެ ކިޑްނީ ލެއްވުމުގެ ކުރީން އެދަމަފިރީން އުޅުނު ހާލެވެ.
މި ހުރިހާ ގޮންޖެހުންތަކަށްފަހު ލިބުނު ކިޑްނީވެސް ރިޖެކްޓުވުމުން އެދެމަފިރީންގެ ހަޔާތް އިތުރަށް ވީ ނިކަމެއްޗެވެ. ކުރަންޖެހޭ މަސައްކަތާއި އަނބިމީހާއަށް އަވަސް ޝިފާއެއް ހޯދަން ކުރަންޖެހޭ ދަތުރު އިތުރަށް ދިގުވެގެން ދިޔައީ އެވެ. ދެވަނަ ވިސްނުމަކަށް ނުގޮސް، ފިރިމީހާ އާމިރުގެ ކިޑްނީ އަނބިމީހާއަށް ހަދިޔާ ކުރީވެސް މި ދަތުރުގެ މަންޒިލަށް ވާސިލުވެ، އުފާވެރި ދިރިއުޅުމަކަށް އޭނާ ކުރާ އިންތިޒާރު އިތުރަށް ދިގުވެދާނެކަމުގެ ބިރުވެރި ކަމާއިވެސް އެކުގައެވެ.
މާލީގޮތުން ކުރިމަތިވި ގޮންޖެހުންތަކާއިއެކު، މިފަހަރުގެ ފަރުވާއަށް ދެމަފިރީން ބޭރަށް ފުރީ އެކި މީހުންގެ ފަރާތުން ލިބުނު ބޮޑެތި އެހީތެރި ކަމާއިވެސް އެކުއެވެ. އެކަމަކު، އުފާވެރި އުންމީދަކާއި އެކު އެދެމަފިރީން ކުރި ދަތުރުގެ ފޮނި މީރުކަމުގެ ބަދަލުގައި މިފަހަރުވެސް ޑޮކްޓަރު ދެއްވީ ހިތާމަވެރި ހަބަރެކެވެ. ކިޑްނީ ލެއްވިޔަސް މިފަހަރުވެސް ރިޖެކްޓުވުމުގެ ފުރުސަތު ބޮޑެވެ، ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ފިރިމީހާގެ ކިޑްނީ ޑޮކްޓަރު ބޭނުމެއް ނުވި އެވެ.
ތިން ކުދިންގެ މުސްތަގުބޮލާއި، އުފާވެރި ދިރިއުޅުމަކަށް ޒުމްނާ އަށް މިއަދު އެނޫން ގޮތެއް ނެތީ އެވެ. އޮތް ހަމައެކަނި ގޮތަކީ ދީލަތިކަމާއިއެކު ކިޑްނީ އެއް ހަދިޔާކޮށްލާނެ އެހީތެރި އެއް ލިބުމެވެ. ޒުމްނާ އާއި އޭނާގެ ފިރިމީހާ އެދެނީ ކިޑްނީއެއް ދެވެން ނެތް މީހަކުނަމަ ވެސް، އެމަގު އަވަސްވީ ގޮތަކުން މާތްﷲ ގެ ރަހުމަތުން ތަނަވަސް ކޮށްދެއްވަވާތޯ ހެޔޮދުއާ ކޮށްދިނުމެވެ.
ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.
ގުޅޭނެ ނަމްބަރު: ފާތިމަތު ޒުމްނާ -7584041
ގުޅޭނެ ނަމްބަރު: އަހުމަދު އާމިރު ( ޒުމްނާގެ ފިރިމީހާ) - 7832210