ފްރާންސްގެ ޓުލޫސް އިން ފުރައިގެން ރާއްޖެ އައުމަށް އެ ދެ ބޯޓުން ވެސް މިހާރު ވަނީ ދަތުރު ފަށާފައިވާ ކަމަށާއި މާދަމާގެ ވަގުތެއްގައި ވީއައިއޭ އަށް ދެ ބޯޓު ވެސް ޖައްސާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
އެ ކުންފުނިން ބުނެފައިވަނީ މި ދެ ބޯޓަކީ ވެސް އޭޓީއާރު 72 މަރުކާގެ ދެ ބޯޓު ކަމަށާއި 70 ފަސިންޖަރުންގެ ޖާގައިގެ ދެ ބޯޓު ވެސް ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކުގައި ކަމަށެވެ.
މި މަހުން ފެށިގެން އެތެރޭގެ އުދުހުންތަކުގައި މި ދެ ބޯޓު ބޭނުންކުރަން ފަށާއިރު މިއީ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބޯޓުތަކުގެ ފްލީޓް އާ ކުރުމަށް ގެންނަ ބޯޓުތަކެއް ކަމަށް މޯލްޑިވިއަނުން ބުނެއެވެ. އައިލެންޑް އޭވިއޭޝަނުގެ ފަރާތުން އޭޓީއާރު މަރުކާގެ ތިން ބޯޓު ހޯދުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެއީ އޭޓީއާރު 72 މަރުކާގެ ދެ ބޯޓާއި އޭޓީއާރު 42 މަރުކާގެ އެއް ބޯޓެވެ.
އަލަށް ގެންނަ މި ބޯޓުތަކަކީ ތެޔޮ ހަރަދު ކުޑަ އަދި މަރާމާތުގެ ހަރަދުވެސް ކުޑަ ބޯޓުތަކެއް ކަމަށް އެކުންފުނިން ބުނެއެވެ. އެ ކުންފުނިން އިތުރަށް ބުނެފައިވަނީ މި ދެ ބޯޓުގެ އިތުރުން، އިތުރު ބޯޓެއް ވަރަށް އަވަހަށް ރާއްޖެ އަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސްކޫލް ބަންދު ދުވަސްވަރު އެތެރޭގެ އުދުހުންތަކަށް އޮންނަ ޑިމާންޑް އިތުރުވާތީ މޯލްޑިވިއަނުން ވަނީ "ވެޓް ލީސް" އެއާ ކްރާފްޓެއް ވެސް މިދިޔަ މަހު ރާއްޖެ އަށް ގެނެސްފައެވެ.
މޯލްޑިވިއަންގެ ފްލީޓުގައި 23 ބޯޓު އޮތް އިރު، އޭގެ ތެރޭގައި ހިމެެނެނީ ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސްގެ ދެ ބޯޓާއި އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ 10 ބޯޓުގެ އިތުރުން 11 ސީޕްލޭން ބޯޓެވެ.