ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ފޮނުއްވި ސިޓީއެއް އާންމުކުރައްވާ އީވާ ވިދާޅުވެފައިވަނީ އިގުތިސާދީ އަދި މާލީ ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައި، އަމުދުން ރައްޔިތުންނަށް ދެފުށް ފެންނަ ގޮތަށް މައުލޫމާތު ހިއްސާނުކުރުމަކީ ނުރައްކާ ކަމެއް ކަމަށާއި އައިއެމްއެފް ގެ ނޫސް ބަޔާނު ގައި ބަޔާންކުރާ ތަފްސީލު ރިޕޯޓަށް ފިނޭންސް މިނިސްޓަރު އަރިހުން އެދިވަޑައިގެންފައިވާނެ ކަމަށެވެ.
އީވާގެ ސިޓީ ގައި ވިދާޅުވެފައި ވަނީ 20 ޑިސެންބަރު 2022 ގައި އައިއެމްއެފުން ނެރުނު ނޫސް ބަޔާނުން އެނގޭގޮތުގައި އެ ފަންޑުގެ ފަންނީ މުވައްޒަފުންގެ ޓީމެއް ރާއްޖެ އަށް ޒިޔާރަތްކޮށް، ރާއްޖޭގެ އިގުތިސާދީ ކުރިއެރުމާއި ދައުލަތުގެ މާލީ މައުލޫމާތު ހޯދައި، ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު ރިޕޯޓެއް އެކުލަވާލާފައިވާ ކަމަށެވެ.
އެ ރިޕޯޓު އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުން އެސެސްކޮށްފައިވީއިރު، ދައުލަތުގެ ދަރަނީގެ މިންވަރު ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާކަން ފާހަގަކޮށް "ސަސްޓެއިންޑް ފިސްކަލް ކޮންސޮލިޑޭޝަން" އަކީ "ޓޮޕް ޕްރިއޮރިޓީ"ގެ ގޮތުގައި ފާހަގަކޮށްފައިވާކަން އައިއެމްއެފުން ނެރުނު ނޫސް ބަޔާނުން ހާމަވާ ކަމަށް އެ ސިޓީ ގައި އީވާ ވިދާޅުވިއެވެ.
ނަމަވެސް އެ ރިޕޯޓު އާންމުކުރެވެނީ ރިޕޯޓު ރައްދުވާ ގައުމެއްގެ ސަރުކާރުގެ ރުހުމާ އެކުގައި ކަން ފާހަގަކުރައްވާ އެ ސިޓީގައި އިވާ ވިދާޅުވީ 2020 ވަނަ އަހަރުގެ ފަހުން އައިއެމްއެފްގެ އާޓިކަލް IV ގެ ދަށުން ރާއްޖެ އާ ގުޅޭގޮތުން އެކުލަވާލާ ރިޕޯޓުތައް އާންމުކޮށްފައި ނުވާތީ އެ ރިޕޯޓުގެ ކޮޕީ އެއް ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަށެވެ.
އައިއެމްއެފްގެ ރިޕޯޓުގެ ކޮޕީ އެއް ހޯއްދަވަން އީވާ އެދިވަޑައިގެންނެވިއިރު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވަނީ ރާއްޖޭގެ އިގުތިސާދު ދަނީ ބާރަށް ކުރިއަރަމުން ކަމަށް އައިއެމްއެފްގެ ރިޕޯޓުގައި ބުނާ ކަމަށް ވިދާޅުވެފައެވެ.
އަމީރު ވިދާޅުވި ގޮތުގައި މިއީ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް އެޅި ހާލަތާ ބައްދަލު ފިޔަވަޅުތަކާއި ސަރުކާރުގެ އިގުތިސާދީ ސިޔާސަތުގެ ނަތީޖާ ކަމުގައެވެ.
"ދިވެހި އިގުތިސާދު މި ވަނީ ބަލިމަޑުކަމުގެ ކުރިން އޮތް ހިސާބަށް އަނބުރާ ރުޖޫއަވެފައި. ދެހާސް ބާވީސް ވަނަ އަހަރަށް އަޅުގަނޑުމެން އަމާޒު ހިފި 1.6 މިލިއަން ފަތުރުވެރިން މިހާރު ވަނީ ރާއްޖެ ޒިޔާރަތްކޮށްފައި. މި އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް ލަފާކުރެވޭ." އަމީރުގެ ޓްވީޓު ގައި ވިދާޅުވިއެވެ.