
ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރަން ރ. އަލިފުށީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ދައުލަތުން ފޯރުކޮށްދޭ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންނަން ނިންމާފައިވާ ބަދަލުތައް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށެވެ.
އޭގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް ތެރަޕިއުޓިކް ފަރުވާއަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމްވެސް މެދުކެނޑުމެއްނެތި ކުރިއަށް ދާކަން ރައީސް ފާހަގަކުރެއްވި އެވެ.
ރޭގެ ޖަލްސާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ މައުލޫމާތު، ރައްކާތެރިކަމާއި ފަސޭހަކަމާއެކު ބެލެހެއްޓުމަށް ތައްޔާރުކޮށްފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރެއްވެސް ވަނީ އިފްތިތާހުކޮށްފަ އެވެ.
ރައީސް ވިދާޅުވީ، ގާނޫނެއްގެ ދަށުން އެފަދަ މީހުންނާއި ކުދިންނަށް ފޯރުކޮށްދޭންޖެހޭ މާލީ އެހީއާއި، އެހެނިހެން އެހީތެރިކަމާއި ހިދުމަތްތައް ފޯރުކޮށްދިނުން، މި ދަފްތަރުގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށާއި، ދައުލަތުން ފޯރުކޮށްދޭ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، މިވަގުތު ގެންނަންޖެހިފައި އޮތް ބަދަލު ގެނައުމަށް ވެސް، މި ދަފްތަރުން މަގުފަހިވެގެންދާނެ ކަމަށެވެ.
މިރޭ އަޅުގަނޑުމެން މި އިފްތިތާޙްކުރި ދަފްތަރުގެ ސަބަބުންވެސް، މި ދެންނެވި އެހީތައް ފޯރުކޮށްދިނުން އިތުރަށް ހަރުދަނާވެ، ޚިދުމަތް ދިނުން އެތައް ގުނައެއް ފަސޭހަވެގެންދާނެ، “ ރައީސް ވިދާޅުވި އެވެ.
މި ދަފްތަރުގެ އެހީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ފުރިހަމަ ރަޖިސްޓްރީއެއް ތައްޔާރުކުރެވިގެންދާއިރު، އެހީތެރިކަން ފޯރުކޮށްދޭންޖެހޭ މީހުންނާއި ކުދިން، ވަކި ކެޓަގަރީތަކަކަށް ބަހާލެވި، ކޮންމެ މީހެއްގެ ހާލަތު ވަކިން ފާހަގަކުރެވޭނެ އެވެ. އަދި ކޮންމެ މީހަކަށް ބޭނުންވާނެ އެހީތެރިކަމާއި، އެހީ ދޭންޖެހޭނެ މިންވަރާއި، ދޭންޖެހޭނެ ހިދުމަތްތައްވެސް މި ދަފްތަރުން ކަނޑައެޅި ފާހަގަވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަހިކޮށްދޭންޖެހޭ އެންމެ މުހިންމު ކަމަކީ، އެ މީހެއްގެ ހާލަތަށް ރިއާޔަތްކޮށް ދޭންޖެހޭ ހިދުމަތްތައް، އެ މީހަކު ދިރިއުޅޭ ވެށިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެ ހިދުމަތް ދިނުމަށްޓަކައި، މިހާތަނަށް ހަތަރު އަތޮޅެއްގައި، ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގައިގެން ހިދުމަތް ދެވޭނެ މީހުން ތަމްރީން ކުރެވިއްޖެ ކަމަށެވެ.