
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު، ވެރިރަށް ކޮލަންބޯއިން އިރުމަތީގައި 140 ކިލޯމީޓަރު (86 މޭލު) ދުރުގައިވާ ކޮޓްމާލޭ ކައިރީގަ އެވެ.
ހަތްދިހަ އަށް ވުރެ ގިނަ މީހުންނާ އެކު ދަތުރުކުރި ބަސް ވެއްޓި، 21 މީހަކު މަރުވެފައިވާ ކަމަށް މިހާތަނަށް ކަށަވަރުވެފައިވާ ކަމަށްވާ ލަންކާގެ ޑެޕިއުޓީ ޓްރާންސްޕޯޓް މިނިސްޓަރު ޕްރަސައްނާ ގުނަސަނެ ވިދާޅުވި އެވެ.
މި ހާދިސާގައި ޒަހަމްވި އިތުރަށް ބަޔަކު ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނީ ބަހުގެ ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.
ހާދިސާ ހިނގި ތަނުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޑެޕިއުޓީ ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވީ ޒަހަމްވި މީހުން ވަނީ ހާދިސާ ހިނގިތާ އިރުކޮޅެއްގެ ތެރޭ، ކައިރީގައި ހުރި ދެ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.
އާންމުން އެހީ ނުވި ނަމަ، މަރުވި މީހުންގެ އަދަދު މިއަށްވުރެ މަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލަންކާގައި މިފަހުން ވަނީ އަސްކަރިއްޔާގެ ހެލިކޮޕްޓަރެއް ވެއްޓި، ސިފައިންގެ ހަ މީހުން ވެސް މަރުވެފައި އެވެ. މިދިޔަ ހުކުރު ދުވަހު ހެދުނު ހިނގި ހާދިސާގައި ވެއްޓިފައި ވަނީ ސްރީ ލަންކާގެ އަސްކަރިއްޔާގެ ވައިގެ ސިފައިން ބޭނުން ކުރާ ބެލް 212 މަރުކާގެ ހެލިކޮޕްޓަރެކެވެ. އެ އުޅަނދު ވެއްޓިފައި ވަނީ ސްރީ ލަންކާގެ މެދުއުތުރު ޕުރޮވިންސުގައި އޮތް "މާދުރު އޮޔެ"ގެ ނަން ދީފައިވާ ފެންގަނޑަކަށް ކަމުގައި ރިޕޯޓުތައް ބުނެ އެވެ.
ސްރީ ލަންކާގެ ވައިގެ ސިފައިންގެ ތަރުޖަމާނު އިރާންޑާ ގީގަނޭ ވިދާޅުވީ، ހެލިކޮޕްޓަރު ވެއްޓުނު ވަގުތު އޭގައި ދެ ޕައިލެޓުންނާ އެކު 12 ސިފައިން ތިބި ކަމުގަ އެވެ. އެ އެންމެން ސަލާމަތް ކޮށްގެން އެ ސަރަޙައްދުގައި ހުރި ހަސްފަތާލުތަކަށް ގެންގޮސްފައިވާ ކަމަށާއި، ނަމަވެސް އޭގެ ތެރެއިން ހަ މީހަކު މަރުވެފައިވާ ކަމުގައި އޭނާ ވިދާޅުވި އެވެ. އަނެއް ހަ މީހުންނަށް ހަސްފަތާލުގައި އެޑްމިޓު ކޮށްގެން ފަރުވާ ދެމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.
ހެލިކޮޕްޓަރު ވެއްޓިފައި ވަނީ، އަސްކަރިއްޔާގެ ހެވިކަން ދައްކައިލުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިންނެވެ. އެއީ، ސްރީ ލަންކާގެ ވައިގެ ސިފައިންގެ ހިދުމަތަށް އަލަށް ގުޅި، ތަމްރީނު ފުރިހަމަ ކޮށްފައިވާ އައު ސިފައިންގެ ދަސްވެނިވުން ފާހަގަ ކުރުމަށް ބޭއްވި ހަރަކާތެކެވެ.