ads
އއ. ރަސްދޫގައި އޮތް ނަޝީދުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން——ފޮޓޯ: ނަަޝީދު ކެމްޕެއިން ޓީމް
އަޅުގަނޑު ކަންބޮޑުވަނީ ”މައުމޫނީ ފިކުރެއް“ އެމްޑީޕީ ތެރެއަށް ވަންނާތީ: ނަޝީދު
ކަންބޮޑުވަނީ "މައުމޫނީ ފިކުރެއް" އެމްޑީޕީގެ ތެރެއަށް ވަންނަމުންދާތީ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

އއ. ރަސްދޫގައި އޮތް ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު މިއަދު ދެވަނަ ފަހަރަށް ވެރިކަމަށް ކުރިމަތިލައްވަން ނިކުމެވަޑައިގެން ހުންނެވީ "ފިކުރެއްގެ ދިރުމުގައި" ކަމަަށެވެ. އެއީ ކުރީގެ ފިކުރަކަށް މަޑުމަޑުން ރާއްޖެއާއި އެމްޑީޕީ އެބުރެމުންދާތަން އެމަނިކުފާނަށް ފެންނާތީ ކަމަށް ވިދާޅުވި އެވެ.

"ކަންބޮޑުވަނީ، ކުރީގެ ފިކުރަކަށް، ކުރީގެ ގޮތަކަށް، ކުރީގެ ހަމަތަކަށް، އަނެއްކާވެސް އަޅުގަނޑުމެން މަޑުމަޑުން ނަމަވެސް އެބުރޭތަން އަޅުގަނޑަށް ފެންނާތީ، އަޅުގަނޑުގެ ކަންބޮޑުވުން މިދެންނެވިހެން މިހުންނަނީ މައުމޫނީ ފިކުރެއް، ޑީއާރްޕީ ފިކުރެއް އަޅުގަނޑުމެންގެ ކަންތައްތަކުގެ ތެރެއަށް ވަންނަމުންދާތީ" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ރައީސްގެ އަރިހުގައި ތިއްބަވާ ބޭފުޅުން ހަރުއަޑުން ވިދާޅުވާ އަޑު އިވެނީ، "ތިޔައީއޭ ޒައީމަކީ، އުތުރަކާއި ދެކުނާއި މެދުންވެސް ރުކުރުވާލާފައި ޒައީމުގެ ނަންފުޅޭ މި އަޑު އިވެނީ" މިހެން ކަމަށެވެ. އެފަދަ ބަސްތައް އިވުމުން ވެރިކަމުގެ ލައްޒަތާއި އަރާމުގައި އެއީ ހަގީގަތްކަމަށް ބަލައިގެން ރައީސް ސޯލިހް ވެސް ބައެއް ފަހަރު ހިނުތުންވެލާތަން ފެންނާތީ ކަންބޮޑުވެވެނީ ކަމަށެވެ. 

މައުމޫނީ ފިކުރަށް އަލުން އެބުރޭތަން ފެންނަކަމަށް ރައީސް ނަޝީދު ވިދާޅުވާ ސަބަބު ސާފުކޮށްދެމުން މިސާލުޖައްސަވައި ވިދާޅުވީ، ރަށުގެ ތަރައްގީއަށް ކަންކަން ކޮށްދެވޭނީ ވަޒީރުންނާއި ގާތްވެ، އެގޭގެ މަތިވަޑާންގަނޑު ހަދާލަދިނުމުން ކަމަށް ބައެއް ކައުންސިލަރުންނަށް މިހާރު ހީވަމުންދާ ކަަމަށެވެ. 

ދެވަނަ މިސާލެއް ޖެއްސަވީ ވެރިކަން ދިފާއު ކުރުމަށް ސަރުކާރު މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ވިދާޅުވެ އެވެ. އެގޮތުން، ޓީޗަރަކު ވަކި ކެންޑިޑޭޓަކަށް ތާއިދުކުރާތީ، މަގާމު ބަދަލުވުމާއި، ވަޒީފާ އަދާ ކުރާތަން ބަދަލުވުމާއި، ވަކި ގޮތެއް އަންގަންދެން ގޭގައި ހުރުމަށް އެންގުން ފަދަ އައްޑިހައިގެ އަހަރުތަކުގެ ބަސްތަކެއް އަނެއްކާވެސް އަޑުއިވެމުންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ޑީއާރްޕީގެ ޒަމާނުގައި ވޯޓު ހޯދުމަށް، ސަރުކާރުގެ އެކިއެކި ކަންކަމުގައި އުޅޭ މުވައްޒަފުންނަށް އެކިގޮތްގޮތް ހަދާ ކަމަށެވެ. ނަމަވެސް ދެން އެ ފިކުރަށް ރާއްޖޭގެ ރައްޔިތުން ނޭބުރޭނެ ކަމަށާއި ނުވެސް އެބުރުވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަންވެސް ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.

56%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް